Roadha Mihaaru

ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ދޫކުރި ހުރިހާ ބިންތަކެއް ސަރުކާރަށް ނަގައިފިން: ރައީސް

އެކި ބޭނުންތަކަށް ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ކުރީގެ ސަރުކާރުން ދޫކުރި ހުރިހާ ބިންތަކެއް ސަރުކާރަށް މިހާރު ނަގައި އެ އެއްބަސްވުންތައް ވެސް ބާތިލް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

ބިން ހިއްކުމުގެ ބަދަލުގައި ދޫކުރި ބިންތައް ސަރުކާރަށް!

އެކި ބޭނުންތަކަށް ބިން ހިއްކުމުގެ ބަދަލުގައި ބޭރު މީހުންނަށް ކުރީގެ ސަރުކާރުން ދޫކުރި ހުރިހާ ބިންތަކެއް ސަރުކާރަށް މިހާރު ނަގައި އެ އެއްބަސްވުންތައް ވެސް ބާތިލް ކޮށްފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެންމެ ވިދާޅުވެއްޖެ އެވެ.

"މިހާރު ނޯންނާނެ ބޭރުގެ ކުންފުންޏަކުން ރާއްޖޭގެ ބިން ހިއްކުމުން އޭގެ ބަދަލުގައި ދީފައި އޮތް ބިމެއް. އެ ބިންތައް އަތުލައިފިން. އޭގެ ތެރޭގައި ވަރަށް ދުވަސް ހިނގައްޖެ،" ރައީސް އޮފީހުގައި މިހާރު ކުރިއަށް ގެންދާ މީޑިއާ ބްރީފިންގައި ރައީސް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް ފުރަތަމަ ހަވާލުކުރީ އެ ތަން ހިއްކާ މީހުންނަށް ބިންތަކެއް ދޭ ގޮތަށް ކަމަށް ވިޔަސް އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށެވެ.

އެ މަނިކުފާނު ވިދާޅުވީ، ބިންތައް ހިއްކުމަށްޓަކައި އެ ބަޔަކު ފައިސާ ހަރަދު ކުރުމުން އޭގެ ބަދަލުގައި ރާއްޖެ އިން ބިންތައް ދޫކުރުމުގެ ސިޔާސަތު ގަބޫލުފުޅު ނުކުރައްވާ ކަމަށާއި މި ސަރުކާރު ކުރިއަށް ދާނީ އެ ގޮތަށް ކަމަށެވެ.

ރައީސް ވިދާޅުވިގޮތުގައި ގިރާވަޅުފަޅު ހިއްކުން ވެސް ލަސްވަނީ އެ ސަބަބާ ހެދި އެވެ. ހުޅުމާލެ 3 ހިއްކުމުގެ ބަދަލުގައި ވެސް ކުރީގެ ސަރުކާރުން ތިލަފުށިން ބިންތަކެއް ދޭން ނިންމާފައިވާތީ އެ އެއްބަސްވުން ވެސް މިހާރު ބާތިލް ކޮށްފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، އެކިއެކި ކޮންޓްރެކްޓަރުން ހޯދައިގެން، ރަސްމާލެ ހިއްކުމުގެ މަޝްރޫއު ވެސް މި އަހަރު ނިންމޭތޯ މަސައްކަތް ކުރައްވާ ކަމަށެވެ. އެ މަނިކުފާނު ވިދާޅުވީ، އުތުރު ތިލަފަޅު ހިއްކުމުގެ މަސައްކަތް ފެށުމުގެ ތައްޔާރީތައް ވެސް މިހާރު ކުރިއަށް ގެންދާ ކަމަށެވެ.

ސަރުކާރުން ނިންމާފައި ވަނީ އުތުރު ތިލަފަޅުން ހިއްކާ ބިމުގައި ސެންޓްރަލް ޖަލެއް އިމާރާތްކުރާށެވެ.