Roadha Mihaaru
"ހައުސިން ލޯނުތައް ދާދި އަވަހަށް އިއުލާނުކުރާނަން"

ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނުތައް ހަމަޖައްސައި، ދާދި އަވަހަށް އިއުލާނުކުރާނަން: ރައީސް

18 ޑިސެމްބަރ 2023

ރިޔާސީ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ދާދި އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

މުހައްމަދު ވިޝާމް މުހައްމަދު ވިޝާމް

ރިޔާސީ ވައުދާ އެއްގޮތަށް ބޯހިޔާވަހިކަމަށް ކުޑަ އިންޓްރެސްޓެއްގައި ހައުސިން ލޯނު ދޫކުރުމުގެ އިންތިޒާމުތައް ހަމަޖައްސައި، ދާދި އަވަހަށް އިއުލާނުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ފައްޓަވައި ދެއްވަން އެ ފަޅުގައި އޮތް ބާޖެއްގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސް ވިދާޅުވީ ބޯހިޔާވަހިކަމަށް ދޫކުރާ އެކި ބާވަތުގެ ލޯނު ތައާރަފުކުރުމަށް ޓަކައި ބޭންކިން ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންތައްތަކުގެ މަސައްކަތް ކުރެވެމުންދާ ކަމަށެވެ.

"އެކަންކަން ވެސް ފުރިހަމަކޮށްފައި އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުންނަށް ބޭނުންވާ އެކި ކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެން ދާނެ،" އެ މަނިކުފާނު ވިދާޅުވި އެވެ.

ދާދި އަވަހަށް އެ ލޯނުތަކަށް އިއުލާނުކުރައްވާނެ ކަން ހާމަކުރައްވައި، ރައީސް ވިދާޅުވި ގޮތުގައި އެ ލޯނުތައް ދޫކުރާނީ ފަސް ޕަސަންޓަށް ވުރެން ކުޑަ އިންޓްރެސްޓު ރޭޓެއްގަ އެވެ.

އަދި ކުރީގެ ސަރުކާރުން ގުޅިފަޅު، ގިރާވަރުފަޅު އަދި ހުޅުމާލޭން ދޫކޮށްފައިވާ ގޯތިތައް އިމާރާތް ކުރުމަށް އެ މަނިކުފާނުގެ ރިޔާސީ ވައުދާ އެއްގޮތަށް ލޯނު ދޫކުރާނީ އެ އިންތިޒާމުގެ ތެރެއިން ކަމަށް ވެސް ހާމަކުރެއްވި އެވެ.

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

ކ. ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއު ރައީސް ޑރ. މުއިއްޒު މިއަދު ވަނީ އިފްތިތާހުކޮށްދެއްވާފައި. --ފޮޓޯ: ފަޔާޒް މޫސާ | މިހާރު

މިދިޔަ ސަރުކާރުގެ ބިންވެރިޔާ ސްކީމުގެ ދަށުން ދޫކޮށްފައިވާ ގޯތިތައް ހަވާލުކުރުން ލަސްވާތީ ފާޅުކުރަމުންދާ ކަންބޮޑުވުންތަކަށް އިޝާރާތް ކުރައްވައި ރައީސް ވިދާޅުވި ގޮތުގައި އޭރުގެ ސަރުކާރުން ދޭން ބުނި ގޯއްޗާއި ފްލެޓު އެ ލިބުނު މީހުންނަށް މި ސަރުކާރުން ދޭނެ އެވެ.

"ރަސްމީކޮށް ގެޒެޓްކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ހައްގެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި ވައުދުވީ ގޮތަށް ފުރިހަމަކޮށްދޭނީ،" ބިންވެރިޔާގެ ގޯއްޗާއި ފްލެޓު ލިބޭނެ ކަމުގެ ޔަގީންކަން ތަކުރާރުކުރައްވައި ރައީސް ވިދާޅުވި އެވެ.

މިއަދު އިފްތިހާހުކުރި ފުށިދިއްގަރުފަޅު ހިއްކުމުގެ މަޝްރޫއުގެ ދަށުން، ރައީސް ވިދާޅުވި ގޮތުގައި، އެ ފަޅުން 1،153 ހެކްޓަރުގެ ބިން މެދުނުކެނޑި އަށް މަސް ދުވަހުގެ ތެރޭގައި ހިއްކައި ނިމޭނެ އެވެ. އޭރަށް، ހުޅުމާލެ ފޭސް 1 އަދި 2 އެއްކޮށްލީމަ ވާ ވަރުގެ ތިން ގުނަ އެތަނުން ލިބޭނެ ކަން އެ މަނިކުފާނު ފާހަގަކުރެއްވި އެވެ.

ފުށިދިއްގަރުފަޅާ އެކު، ގުޅުފަޅުން އިތުރު 85 ހެކްޓަރުގެ ބިމާއި ގިރާވަރުފަޅުން އިތުރު 50 ހެކްޓަރުގެ ބިން ހިއްކައި، އެ ތަންތަނުން ފްލެޓާއި ގޯތި ލިބޭނެ ގޮތް ހެދުމުން، ރައީސް ވިދާޅުވި ގޮތުގައި މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންގެ އިތުރުން އަތޮޅު ތެރޭގައި އުޅޭ ރައްޔިތުންގެ ތެރެއިން މި ސަރަހައްދުން ބޯހިޔާވަހިކަން ބޭނުންވާ މީހުންނަށް ވެސް އެ ފުރުސަތު ލިބޭނެ އެވެ.

ރަސްމާލެ ނަމުން ރައީސް މިއަދު ނަން ދެއްވި އެ ސިޓީ ތަރައްގީކޮށް ނިމުމުން މި މަޝްރޫއުއަކީ ޒަމާންތަކެއް ވަންދެން މާލޭގެ ރައްޔިތުން އެދި އެދި ތިބި ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ މަސައްކަތެއް ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.