Roadha Mihaaru
ނުހިއްކާ ބިމުން ގޯތި ލިބުނު މީހުންނަށް ލިޔުމެއް ދެނީ

ނުހިއްކާ ބިމުން ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ލިބޭނެ ކަމުގެ ލިޔުމެއް ދެނީ

20 ޖެނުއަރީ 2024

ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް، އެ ތަން ހިއްކާ ނިމުމުން ރަޖިސްޓްރީ ލިބޭނެކަން ޔަގީންކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ބުނެފި އެވެ.

އައިޝަތު ނުޒުހާ އައިޝަތު ނުޒުހާ

ގުޅިފަޅު އަދި ގިރާވަރު ފަޅު ހިއްކައިގެން ދޭ ގޯތިތަކުގެ ތެރެއިން މިހާތަނަށް ނުހިއްކާ ހުރި ބިންތަކުން ގޯތި ލިބޭ މީހުންނަށް، އެ ތަން ހިއްކާ ނިމުމުން ރަޖިސްޓްރީ ލިބޭނެކަން ޔަގީންކޮށްދިނުމުގެ ގޮތުން ލިޔުމެއް ދޭން މަސައްކަތް ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ދެއްވާފައިވާ ކަމަށް މާލޭ ބިންވެރިންގެ ޖަމިއްޔާތަކުން ބުނެފި އެވެ.

ހުޅުމާލެ ރައްޔިތުންގެ ކޮމިޓީ އާއި މާލެ ރައްވެހިންގެ ޖަމިއްޔާ އާއި ގުޅިފަޅު ރައްޔިތުންގެ އެސޯސިއޭޝަން އަދި ގިރާވަރު މާލެ ސިޓިޒަން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ މަންދޫބު ސުނާދު ލަތީފު، ރައީސް މުއިއްޒާ ބައްދަލުކުރެއްވުމަށް ފަހު މައުލޫމާތު ހިއްސާކުރަން ބޭއްވި ބިންވެރިންގެ ސައްލާގައި ވިދާޅުވި ގޮތުގައި، ނުހިއްކާ ހުރި ބިންތަކުން ބިން ލިބޭނެ ކަމަށް ގެޒެޓުގައި އިއުލާނުކޮށްފައިވާ މީހުންނަށް ލިޔުމެއް ލިބުމަކީ މުހިންމު ކަމަށް ރައީސް ދެކިވަޑައިގަންނަވަ އެވެ.

"ބިން ހިއްކައި ނިމުމުން ރެޖިސްޓްރީގައި ކޯޑިނޭޓްތައް ހިމަނައި ހަވާލުކުރެވޭނެ ވާހަކަ ހިމެނޭ ގޮތަށް ރަސްމީ ލިޔުމެއް މި ސަރަހައްދުތަކުން ބިން ލިބުނު ފަރާތްތަކަށް ދިނުމުގެ މަސައްކަތް އިނީޝިއޭޓު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވި،" އޭނާ ވިދާޅުވި އެވެ.

ނިމިދިޔަ ސަރުކާރުން ބައެއް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، ނުހިއްކާ އޮތް ބިންތަކުގެ ރެޖިސްޓްރީ ދޫކޮށްފައިވާތީ އެ ރަޖިސްޓްރީން ޕްލޭނިން މިނިސްޓްރީން ހަދާފައިވަނީ ގާނޫނާ އެއްގޮތަށްކަމާ މެދު މިނިސްޓްރީން ވަނީ ސުވާލު އުފުއްދައިފަ އެވެ. އެކަމާ ހެދި، ރެޖިސްޓްރީ ދޫކުރުން ވެސް އޮތީ ހުއްޓާލައިފަ އެވެ.

ސުނާދު ވިދާޅުވީ، ބިން ލިބޭނެ ކަމަށް ގެޒެޓުގައިވާ މީހުންގެ އެ ހައްގު ލިބޭނެ ކަމަށާއި އެހެން ތަނަކަށް ބިން ބަދަލުނުކުރާނެ ކަން ކަށަވަރު ކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވެވި ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި، ގޯތި ދޫކޮށްފައިވާ ސަރަހައްދުތަކުގެ ލޭންޑް ޔޫސް ޕްލޭންގެ މަސައްކަތް ކުރަމުން އަންނައިރު، ބިންވެރިންގެ ޖަމިއްޔާގެ ހިޔާލާއި ލަފާ ހޯއްދަވާނެ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ވަނީ ހުޅުމާލެ 2 އާއި އަލަށް ހިއްކާ ހުޅުމާލެ 3 އާއި ގުޅިފަޅާއި ގިރާވަރުފަޅުން 9،000 ގޯތި ދޭން ނިންމައިފަ އެވެ. އޭގެ ތެރެއިން ގިނަ މީހުންނަށް ރަޖިސްޓަރީ އަދި ބައެއް މީހުންނަށް ބިންތައް ވެސް އޭރު ހަވާލު ކުރި އެވެ. މެދުކެނޑުމަކަށް ފަހު މި މަހު އަނެއްކާ ވެސް ވަނީ ރަޖިސްޓަރީ ދޫކުރަން ފަށައިފަ އެވެ.