Roadha Mihaaru
ރަޖިސްޓްރީގެ ސުވާލު އޮތަސް ގޯތި އަތެއްނުލާނެ: ރައީސް

ރަޖިސްޓްރީއާ މެދު ގާނޫނީ ސުވާލު އޮތަސް ގޯތި އަތެއްނުލާނަން: ރައީސް

05 ޑިސެމްބަރ 2023

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ލިސްޓްގައި އޮތް އެންމެންނަށް ވެސް އެ ތަންތަން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފި އެވެ.

ނާޒިމް ހަސަން ނާޒިމް ހަސަން

މިދިޔަ ސަރުކާރުން ހިންގި ބިންވެރިޔާ އަދި ގެދޮރުވެރިޔާގެ ސްކީމްގެ ދަށުން ގޯއްޗާއި ފްލެޓް ލިބޭނެ ކަމަށް ލިސްޓްގައި އޮތް އެންމެންނަށް ވެސް އެ ތަންތަން ލިބޭނެ ކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު އަނެއްކާވެސް ދެއްވައިފި އެވެ.

ނިމިދިޔަ ސަރުކާރުން ބައެއް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައި ވިޔަސް، އެ ރަޖިސްޓްރީން ޕްލޭނިން މިނިސްޓްރީން ހަދާފައިވަނީ ގާނޫނާ އެއްގޮތަށްކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު ވަނީ ވިދާޅުވެފަ އެވެ.

އެހެންވެ އެ ގޯތިތައް ނުލިބިދާނެ ކަމުގެ ކަންބޮޑުވުން ބައެއް މީހުން ފާޅުކޮށްފައިވެ އެވެ.

މިއަދު ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ވިދާޅުވީ އެއްވެސް މީހެއްގެ އަތުން ފްލެޓް ނުވަތަ ގޯއްޗެއް އަތުނުލާނެ ކަމަށާއި މިހާތަނަށް ލިޔުން ނުލިބި ތިބި މީހުންނަށް ވެސް، ރަސްމީކޮށް ގެޒެޓްކޮށްފައިވާ ލިސްޓުގައި ނަން އޮތް ނަމަ، އެމީހަކަށް އެ ތަނެއް ލިބޭނެ ކަމަށެވެ.

"ފައިނަލް ލިސްޓެއް ގެޒެޓްކޮށްފައިވާ ނަމަ އެ އޮތީ ސަރުކާރުގެ ފައިނަލް ނިންމުމެއް. ސަރުކާރުގެ ނިންމުމެއް އޮތިއްޔާ ލިބޭނެ. އަދި ރަޖިސްޓްރީ ހަދައިދިނުމާ މެދު އެބަ އޮތް ގަވައިދަށް ބަދަލު ގެނެސް، އެއީ ދެން ގާނޫނީ ގޮތުން ކިހާ ބުރަދަނެއް ހުރި އެއްޗެއްތޯ ބަންޑާރަ ނައިބު ލަފާ ދެއްވާނެ. ކޮންމެ ގޮތެއް ވިއްޔަސް އެއްވެސް މީހެއްގެ ހައްގެއް އަތެއް ނުލާނަން،" ރައީސް ވިދާޅުވި އެވެ.

ނަަމަވެސް، ރައީސް ވިދާޅުވީ ގޯއްޗެއް ނުވަތަ ފްލެޓެއް ހޯދާފައިވަނީ ނުގަވައިދުން މަކަރާއި ހީލަތުން ކަމަށްވާ ނަމަ، އެފަދަ މައްސަލަތައް ކަމާ ބެހޭ މުއައްސަސާތަކުން ބަލާނެ ކަމަށާއި އަދި ފިޔަވަޅު ވެސް އަޅާނެ ކަމަށެވެ.

ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ގާނޫނީ ސުވާލެއް ރަޖިސްޓްރިއާ މެދު އޮތަސް، އަދި ރަޖިސްޓްރީ ނުލިބި އޮތަސް އެއްވެސް ގޯއްޗެއް އަތުނުލާނެ ކަމަށް ވިދާޅުވި

ރައީސް މިއަދު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން: ގާނޫނީ ސުވާލެއް ރަޖިސްޓްރިއާ މެދު އޮތަސް، އަދި ރަޖިސްޓްރީ ނުލިބި އޮތަސް އެއްވެސް ގޯއްޗެއް އަތުނުލާނެ ކަމަށް ވިދާޅުވި

ރައީސް ވަނީ އެމަނިކުފާނުގެ ހައުސިން މިނިސްޓަރު ކަމުގައި ހިންގި ހިޔާ މަޝްރޫއުގެ ތެރެއިން ފްލެޓް ލިބޭނެ ކަމަށް ކަނޑައެޅި އަލަތު ކައިވެނި އަދި ޒުވާނުންގެ ކެޓަގެރީގެ މީހުންނަށް ދެން އެންމެ އަވަހަށް ހިންގާ ސޯޝަލް ހައުސިންގެ މަޝްރޫއުތަކުން ފުރުސަތު ދެއްވާނެ ކަމަށް ވެސް މިއަދު ވިދާޅުވެފަ އެވެ.

އޭގެއިތުރުން ބޯހިޔާވަހިކަމާ ގުޅޭ ތިން ނިންމުމެއް މިއަދު ވަނީ ކެބިނެޓުން ނިންމާފަ އެވެ. އެއީ ހިޔާ ފްލެޓްތަކުގެ ފިނިޝިން އަށް، ފްލެޓް ލިބުނު ފަރާތްތަކުން ކުރި ހަރަދުން 200،000ރ. އުނިކުރުމަށް ހިޔާ ފްލެޓްގެ ކުލި ހަތް އަހަރަށް ކުޑަކުރުމެވެ. އަދި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 ޕަސެންޓް ކުޑަ ކުރުމަށާއި މިހާރު މަހު ކުލީގެ ގޮތުގައި ދައްކާ އަދަދު އެވްރެޖްކޮށް 4،200 ރުފިޔާ އުނިވާ ގޮތަށް ކުޑަކުރާށެވެ.

މީގެ އިތުރުން ރަށްރަށުގައި އަޅާފައި ހުރި ހައުސިން ޔުނިޓްތަކުގެ ކުލި 3،300ރ. އަށް ކުޑަކުރަން ވެސް ވަނީ ނިންމައިފަ އެވެ.

ރައީސް މިއަދު ވިދާޅުވި ގޮތުގައި ހުޅުމާލެ 1 ގަ އާއި ރާއްޖޭގެ އެކި ރަށްރަށުގައި ސަރުކާރުން އަޅާފައިވާ ސޯޝަލް ހައުސިން ޔުނިޓްތަކުން ކުލި ނުދެއްކުމުގެ ސަބަބުން އަރާފައިވާ ޖޫރިމަނާތައް މާފުކޮށްދެއްވާނެ ކަމަށެވެ. އަދި ނުދެއްކި ހުރި ކުލި ބަހާލައިގެން ދެއްކޭނެ ގޮތް ވެސް ހަމަޖައްސާނެ ކަމަށް ވިދާޅުވި އެވެ.