Roadha Mihaaru
ގުޅިފަޅާއި ގިރާވަރުފަޅުގެ އެލްޔޫޕީ އަލުން ހަދައިފި

ގުޅިފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން އަލުން ހަދައިފި

13 ފެބުރުއަރީ 2024

ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ގުޅިފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަލުން ހަދައި ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގޯތި ދޫކޮށްފައިވާ ގުޅިފަޅާއި ގިރާވަރުފަޅުގެ ލޭންޑް ޔޫސް ޕްލޭން (އެލްޔޫޕީ) އަލުން ހަދައި ނިމިފައިވާ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު ވިދާޅުވީ ކުރީގެ ސަރުކާރުން މާލޭ މީހުންނަށް ގުޅިފަޅާއި ގިރާވަރުފަޅުން ގޯތި ދީފައި ހުރީ އެއްވެސް ޕްލޭނެއްގެ ދަށުން ނޫން ކަމަށެވެ. މި ސަރުކާރުން އެ މައްސަލަ ހައްލުކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އޭނާ ވިދާޅުވި އެވެ.

"އެނގިވަޑައިގަންނަވާނެ ގުޅިފަޅާއި ގިރާވަރުފަޅުގައި ގޯތިތައް ކުރިން ދީފައި ހުރީ އެއްވެސް ޕްލޭނެއްގެ ދަށުން ނޫން. އަޅުގަނޑުމެން މިހާރު އެ ޕްލޭންތައް ހަދައި ފައިނަލްކޮށްފައި އެ ހުރީ، މީހުންނަށް ދިރިއުޅެވޭނެ ގޮތަކަށް އެތަނުގެ ލޭންޑް ޔޫސް ޕްލޭންތަކާ އެއްޗެހި ތައްޔާރުކޮށް ނިންމައިފިން،" ހައިދަރު ވިދާޅުވި އެވެ.

"އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެ އެއްޗެހި އާންމުކުރާނަން."

ހައިދަރު މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތުމަށް ފަހު މިދިޔަ ނޮވެމްބަރު މަހު ބޭއްވި ފުރަތަމަ ޕްރެސް ކޮންފަރެންސްގައި ވިދާޅުވެފައި ވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި މާލޭ މީހުންނަށް ދިން ބިންތައް އަތެއްނުލާނެ ކަމަށާއި އެކަމަކު ބައެއް މީހުންނަށް ބިން ދީފައި ހުރި ލޮކޭޝަންތަކަށް ބަދަލުތަކެއް އަތުވެދާނެ ކަމަށެވެ.

އޭނާ އޭރު ވިދާޅުވި ގޮތުގައި، ކުރީގެ ސަރުކާރުން ވުޖޫދުގައި ނެތް ތަންތަނުން ގޯތި ދީފައި ވަނީ އެއްވެސް ޕްލޭނެއް ނެތި "ހަމަ ގޮޅިތަކެއް ޖަހާލައިފަ" އެވެ. ގޯތި ދީފައި ހުރީ މީހުން ދިރިއުޅޭ ސަރަހައްދަކަށް ބޭނުންވާ އަސާސީ ހިދުމަތްތަކަށް އެއްވެސް ޖާގައެއް ކަނޑަނާޅާ ކަމަށާއި ނަމަވެސް އާ ސަރުކާރުން ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅަށް ހާއްސަ ޕްލޭނެއް ހަދާނެ ކަމަށް ވިދާޅުވި އެވެ.

"އެއްވެސް އެހެން ކަހަލަ ހިދުމަތެއް ދޭނެ ބިމެއް، ނުވަތަ ހުސް ޖާގައެއް ދޭނެ ބިމެއް ވެސް ނެތް. އެގޮތަށް ގޮޅި ޖަހާލައިގެން ބިން ދޫކުރުމަކީ އެތާ ދިރިއުޅޭ ބަޔަކަށް ވެސް ދަތިވާނެ ކަމެއް. އާބަން ޕްލޭނަށް ބެލި ކަމަށް ވިޔަސް އެއީ ގަބޫލުކުރެވޭ ކަމެއް ނޫން ގޮޅި ޖަހާލާފައި ހުރުން،" ހައިދަރު ވިދާޅުވި އެވެ.

އެ ޕްލޭން ތަންފީޒުކުރާ އިރު، ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ބައެއް މީހުންނަށް ގޯތި ދޫކޮށްފައި ހުރި ލޮކޭޝަނަށް ބަދަލު އަންނާނެ ކަމަށް ހައިދަރު ވިދާޅުވެފައިވެ އެވެ.

ކުރީގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގެ ދަށުން ހުޅުމާލެ 2 އާއި ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުން ފުރަތަމަ ބުރުގައި 9،001 ގޯތި ދޫކުރުމަށް ނިންމައި، ގޯތި ލިބުނު މީހުންނަށް ރަޖިސްޓްރީ ވެސް ދޫކޮށްފައިވެ އެވެ. އަދި މިހާރު ހިއްކާ ނިމިފައި ހުރި ބިންތަކުން ބިންކަނޑާ ބިން ހަވާލު ވެސް ކުރި އެވެ. ހުޅުމާލެ 3 އާއި ގުޅިފަޅު އަދި ގިރާވަރުފަޅުގެ ބިން ހިއްކާ ނުނިމުނަސް ވަނީ ގަވާއިދަށް ބަދަލު ގެނެސްގެން ބިމުގެ ރަޖިސްޓްރީ ވެސް ހަވާލުކޮށްފަ އެވެ.