Roadha Mihaaru
ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

ޝަރުތު ހަމަވާ 824 މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަނީ

13 ފެބުރުއަރީ 2024

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ގެދޮރުވެރިޔާ ސްކީމަށް ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދޫކުރުމުގެ މަސައްކަތް އަންނަ ހަފުތާގައި ފަށަން ތައްޔާރުވަމުން އަންނަ ކަމަށް ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރު އަހްމަދު މިއަދު ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައާ ބެހޭ ކޮމެޓީގައި ހައިދަރު މިއަދު ވިދާޅުވީ އޭސީސީން ފޮނުވި ފްލެޓަށް ޝަރުތު ހަމަވާ މީހުންގެ ލިސްޓުގައި ހިމެނެނީ 824 މީހެކެވެ. އެއީ ފްލެޓަށް ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ކަނޑައެޅި 4،000 މީހުންގެ ތެރެއިން 20 ޕަސެންޓް މީހުންނެވެ.

ހައިދަރު ވިދާޅުވީ ގެދޮރުވެރިޔާ ޕޯޓަލްގެ އެކްސެސް މިހާރު އޮތީ އޭސީސީއަށް އެކަނި ކަމަށެވެ. އެ ޕޯޓަލްގެ އެކްސެސް މިނިސްޓްރީއަށް ލިބުމާ އެކު ޝަތުރު ހަމަވާ ކަމަށް އެ ކޮމިޝަނުން ކަނޑައެޅި މީހުންގެ މައުލޫމާތު މިނިސްޓްރީން ވެރިފައި ކުރުމަށް ފަހު ފްލެޓް ދޫކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ.

"އަޅުގަނޑުމެން މި ރާވަނީ މި އަންނަ ހަފުތާގައި [ޝަރުތު ހަމަވާ މީހުންނަށް ފްލެޓް ދިނުން] މި މަސައްކަތް ފަށައި ގަނެވޭނެ ކަމަށް. އެއީ އަޅުގަނޑަށް އޭސީސީން މައުލޫމާތު ލިބިފައި އޮތް ގޮތުގައި ދެތިން ދުވަހެއްގެ ތެރޭގައި އެކްސެސް ލިބޭނެއޭ،" ހައިދަރު ވިދާޅުވި އެވެ.

"ޕޯޓަލްއަށް އެކްސެސް ލިބުނީމަ އަޅުގަނޑުމެންނަށް [ޝަރުތު ހަމަވާ] މީހުންނަކީ ކޮބައިކަން ކަނޑައެޅިގެން އެނގި، އެމީހުންނަށް ގުޅައިގެން ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިއަށް ގެންދަން ވިސްނާފައި އޮތީ."

އެ މަސައްކަތް ފަށައި ގާތްގަނޑަށް ދެ ހަފުތާގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ހައިދަރު ވިދާޅުވި އެވެ.

ގެދޮރުވެރިޔާ ފްލެޓްތައް ލިބޭ މީހުންގެ ދާއިމީ ލިސްޓެއް، މިދިޔަ ސަރުކާރު ނިމެން ދެ ދުވަހަށްވެފައި އޮއްވައި ނެރުމުން އޭސީސީން ވަނީ ފްލެޓް ދޫކުރުން ހުއްޓުވައިފަ އެވެ. ގާތްގަނޑަކަށް ދެމަސް ދުވަހުގެ ތަހުގީގަށް ފަހު އޭސީސީން ބުނެފައި ވަނީ 4،000 ފްލެޓް ލިބުނު މީހުންގެ ތެރެއިން 60 ޕަސެންޓް މީހުންނަކީ ޝަރުތު ހަމަނުވާ މީހުން ކަމަށެވެ. ޝަރުތު ހަމަވާ ބާކީ ފޯމުތަކުގެ ތެރެއިން އެއްވެސް މައްސަލައެއް ނެތީ އެންމެ 20.7 ޕަސެންޓް ފޯމުގަ އެވެ. އަދި އަނެއް 19.7 ޕަސެންޓަކީ ވެސް ޝަރުތު ހަމަވެ، މައުލޫމާތުގެ ފުށުއެރުންތަކެއް ހުރި ފޯމުތަކެކެވެ.