Roadha Mihaaru
ގޯތި ރަޖިސްޓްރީ ހަވާލުނުވާ މީހުންނަށް އިތުރު ފުރުސަތެއް

ގޯތީގެ ރަޖިސްޓްރީއާ ހަވާލުވާން އަންނަ ބުދަ ދުވަހުގެ ނިޔަލަށް ފުރުސަތުދީފި

14 މާޗް 2024

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތީގެ ރަޖިސްޓްރީއާ ހަވާލު ނުވާ މީހުންނަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ބިންވެރިޔާ ސްކީމުގެ ދަށުން ދޫކުރި ގޯތީގެ ރަޖިސްޓްރީއާ ހަވާލު ނުވާ މީހުންނަށް އަންނަ ބުދަ ދުވަހުގެ ނިޔަލަށް އަނެއްކާވެސް އިތުރު ފުރުސަތެއް ދިނުމަށް ހައުސިން މިނިސްޓްރީން ނިންމައިފި އެވެ.

މިނިސްޓްރީން މިއަދު ކުރި އިއުލާނެއްގައި ބުނީ މާލޭގެ ބޯހިޔާވަހި ކަމަށް ހައްލު ހޯދައި ދިނުމަށް ކުރީގެ ސަރުކާރުން ކުރިއަށް ގެންދިޔަ ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރި ގޯތިތަކުގެ އެގްރީމެންޓްގައި ސޮއިކޮށް 8،394 މީހުންނަށް ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށްފައިވާ ކަމަށެވެ.

ނަމަވެސް ގޯތި ލިބުނު ބައެއް މީހުން ރަޖިސްޓަރީ ނުވަތަ ގޯތި ލިބުނުކަމުގެ ލިޔުމާ ހަވާލުވުމަށް އަދިވެސް ހާޒިރު ނުވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އެންމެ ފަހުން ހިއްސާކޮށްފައިވާ މައުލޫމާތުގައި ބުނެފައި ވަނީ ލިޔުން ހަވާލުނުކުރާ 303 މީހުން ތިބި ކަމަށާއި ބިމަށް ކުރިމަތިލި މީހުންގެ ތެރެއިން 16 މީހަކު އެ ބިން ދޫކޮށްލަން އެދިފައިވާތީ ސޮއެއް ނުކުރާ ކަމަށެވެ. ބިން ލިބުނު ފަހުން 12 މީހަކު މަރުވި އެވެ.

ގުޅިފަޅުން ގޯތި ލިބުނު މީހަކު ގޯތީގައި ރުކެއް އިންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ގުޅިފަޅުން ގޯތި ލިބުނު މީހަކު ގޯތީގައި ރުކެއް އިންދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ހައުސިން މިނިސްޓްރީން ބުނިގޮތުގައި، ބިން ލިބިފައިވާ މީހުންގެ ތެރެއިން އިތުރަށް ބަލަން ޖެހޭ ކަންކަން ހުރުމުގެ ސަބަބުން 120 މީހަކާ އެކު އެއްބަސްވުމުގައި ސޮއެއް ނުކުރެވެ އެވެ. އެކަަމަކު، އެއީ ކޮން ސަބަބުތަކެއް ކަމެއް މިނިސްޓްރީން ހާމައެއް ނުކުރެ އެވެ.

ގޯތީގެ ރަޖިސްޓްރީއާ ހަވާލުވުމަށް އަންނަ ހޮނިހިރު ދުވަހުން ފެށިގެން ބުދަ ދުވަހުގެ 12 ޖެހުމާ ހަމައަށް ފުރުސަތު ހުޅުވާލާފައިވާ ކަމަށް މިނިސްޓްރީން ބުންޏެވެ.

ރަޖިސްޓްރީއާ ހަވާލުވުމަށް އެޕޮއިންޓްމެންޓު ހަދާނީ ހިޔާވެހި ޕޯޓަލް މެދުވެރިކޮށެވެ.

ކުރީގެ ސަރުކާރުން ހިންގި އެ މަޝްރޫއުއާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށް، އެކަމުގެ ޝަކުވާ އޭސީސީ އަށް ކޮށްފައިވާތީ އެކަން އެ ކޮމިޝަނުން ވެސް އަންނަނީ ބަލަމުންނެވެ. އެކަމަކު މި މަޝްރޫއު މިހާތަނަށް ނުހުއްޓުވަ އެވެ.