Roadha Mihaaru

އާބިޓްރޭޝަނަކަށް ނުދަން، ސެޓްލްމަންޓް އެއްބަސްވުމެއްގެ ދަށުން ބަދަލެއް ވެސް ނުހޯދަން: ސީއެމްސީ

ރަސްމާލެ ހިއްކަން ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ބަދަލު ހޯދަން މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ފަތުރާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

އާބިޓްރޭޝަނަކަށް ނުދަން، ބަދަލެއް ނުހޯދަން: ސީއެމްސީ

ރަސްމާލެ ހިއްކަން ހަވާލުކުރި ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ)ން ސިންގަޕޫރުގެ އާބިޓްރޭޝަނަށް ބަދަލު ހޯދަން މައްސަލަ ހުށަހަޅަން އުޅޭ ކަމަށް ފަތުރާ ވާހަކަތައް އެ ކުންފުނިން މިއަދު ދޮގުކޮށްފި އެވެ.

ރަސްމާލެ ތަރައްގީ ކުރަން ފުށިދިއްގަރުފަޅު ހިއްކަން ސަރުކާރުން ޑިސެމްބަރު، 18، 2023 ގައި ސީއެމްސީއާ ހަވާލުކުރީ، ބިން ހިއްކުމުގެ އަގުގެ ގޮތުގައި ފައިސާގެ ބަދަލުގައި މާލެ ސަރަހައްދުން 70 ހެކްޓަރުގެ ބިން 99 އަހަރަށް ދޭ ގޮތަށެވެ. އެ އެއްބަސްވުމުގެ ދަށުން ފުށިދިއްގަރުފަޅުން 60 ހެކްޓަރުގެ ބިމާއި ހުޅުމާލެ އިން 10 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭން އޮތީ ނިންމައިފަ އެވެ.

ނަމަވެސް، ސަރުކާރަށް ދިން ޝެޑިއުލާ އެއްގޮތަށް މަސައްކަތް ކުރިއަށް ނުގެންގޮސް މަޝްރޫއު ލަސްވާތީ، ސަރުކާރުން ނިންމީ އެ ކުންފުންޏަށް އިތުރު ފުރުސަތެއް ނުދިނުމަށެެވެ. އަދި ރަސްމާލެއިން ހިއްކާ ބިމުގެ ބަދަލަށް މާލެ ސަރަހައްދުން އެހެން ބިންތައް ދޭން ކަނޑައެޅި އެއްބަސްވުން ވެސް ބާތިލްކުރި އެވެ.

ސަރުކާރުގެ މި ނިންމުމާ ގުޅިގެން ސީއެމްސީން ބަދަލު ހޯދަން އާބިޓްރޭޝަންގައި ދައުވާ ކުރަން އުޅޭ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ. އަދި އެ މައްސަލަ ހުށަނާޅާ ގޮތަށް އެޗްޑީސީއާ އެކު ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ސީއެމްސީއަށް 21 މިލިއަން ޑޮލަރު ދޭން ނިންމާފައިވާ ކަމަށް ވެސް ބައެއް ނޫސްތަކުގައި ބުނެފައިވެ އެވެ.

އެ ވާހަކަތައް ދޮގުކޮށް ސީއެމްސީން ނެރުނު ބަޔާނެއްގައި ބުނި ގޮތުގައި މުޅި ރަސްމާލެ ހިއްކުމުގެ މަޝްރޫއު ފުރަތަމަ އެއްބަސްވި ގޮތަށް ނުދިޔުމުން އެކަމާ ގުޅޭ ސެޓްލްމަންޓް އެއްބަސްވުމެއް ހަދައި، ދެ ފަރާތުން އެއްބަސްވި ގޮތަށް މަސައްކަތް ވަނީ ނިންމައިފަ އެވެ. އެއީ ސައިޓް ޖޭގެ ބިން ހިއްކުމާއި ޝޯ ޕްރޮޓެކްޝަންގެ މަސައްކަތް ކަމަށް ވެސް ސީއެމްސީން ބުންޏެވެ.

މަސައްކަތުގެ ބަދަލަށް ދޭން އެއްބަސްވި ބިންތައް ނުދޭ ގޮތަށް އެޗްޑީސީން ނިންމާފައިވާތީ، ރަސްމާލެ ސައިޓް ޖޭގެ މަސައްކަތް ކޮށްފައިވަނީ ކޮންޓްރެެކްޓާ ފައިނޭންސިންގެ މޮޑެލްގެ ދަށުން ކަމަށް ބަޔާނުގައި ބުންޏެވެ.

ސީއެމްސީން ބުނި ގޮތުގައި އެޗްޑީސީން ފައިސާ ދޭން ޖެހޭނީ ފަހުން އެއްބަސްވި ގޮތަށް ކުރާ މަސައްކަތްތަކަށް އެކަންޏެވެ. އެއީ ގެއްލުމުގެ ބަދަލުގެ ގޮތުގައި ދޭ ފައިސާއެއް ނޫނީ އިތުރަށް ފައިސާ ދޭ ގޮތަށް އޮތް އެއްބަސްވުމެއް ވެސް ނޫން ކަމަށް އެ ކުންފުނިން ބުންޏެވެ.

އެ ކުންފުނިން ބުނީ ސެޓްލްމަންޓުގެ ގޮތުގައި ފައިސާ ދީފައިވާ ކަމަށް ބައެއް ނޫސްތަކުގައި ލިއެފައިވީ ނަމަވެސް ސަރުކާރުގެ ފަރާތުން އެއްވެސް ފައިސާއެއް ދީފައި ނުވާ ކަމަށެވެ.

ސީއެމްސީގެ ބަޔާނުގައި ވަނީ އެ ކުންފުނީގެ އަގު ވެއްޓޭ ގޮތަށް ހަގީގަތާ ހިލާފު ވާހަކަތައް ނުފެތުރުމަށް އެދިފަ އެވެ. އަދި، މިކަމާ ގުޅޭ މައުލޫމާތު ސަރުކާރުން ނުވަތަ އެޗްޑީސީން ސާފުކޮށް އާންމުކޮށް ހާމަކުރަން ވެސް އެ ކުންފުނިން އެދިފައިވެ އެވެ.

ބަޔާނުގައި ބުނި ގޮތުގައި އެ ކުންފުނިން މަސައްކަތް ކުރާނީ ދެފުށްފެންނަ ގޮތަށް ނަޒާހާތްތެރިކަމާ އެކުގަ އެވެ.

ސީއެމްސީން ރާއްޖޭގައި އެހެން ބޮޑެތި ބިން ހިއްކުމުގެ މަޝްރޫއުތައް ވެސް ކުރިއަށް ގެންގޮސްފައިވެ އެވެ. ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ 3 އަދި ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅެވެ.

އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެ މަސައްކަތުގެ ބަދަލުގައި ތިލަފުށިން ހިއްކާ 9.6 ހެކްޓަރު އެއްކޮށް އަދި ހުޅުމާލެ ފޭސް 3 އިން 10 ހެކްޓަރު ބިން ސީއެމްސީއަށް ލިބޭ ގޮތަށެވެ. އެއީ އެޗްޑީސީ އަށް ހުށަހަޅާ ކޮމާޝަލް ޕްލޭނެއްގެ ދަށުން، ސީއެމްސީން ހިޔާރުކުރާ ކޮންމެ ޕްލޭނެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ބިމުގެ ސަރަހައްދެކެވެ.