Roadha Mihaaru

ހިއްސާދާރުންގެ ކަންބޮޑުވުން އޮތް އެސްޓީއޯގެ ސިޓީ ހޮޓާ 20 މިލިއަން ޑޮލަރަށް އަގުކޮށް ހުޅުމާލެ 2 ގެ ބިމަކާ ބަދަލުކޮށްފި

އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު 20 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) އަށް އަގުކޮށް، ހުޅުމާލެ 2 ގެ ބިމަކާ ބަދަލުކޮށްފި އެވެ.

އެސްޓީއޯ ހޮޓާއަގުކޮށް ހުޅުމާލެ2 ގެ ބިމަކާ ބަދަލުކޮށްފި
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

04 ސެޕްޓެމްބަރ 2025

އެސްޓީއޯ އިން ހުޅުމާލޭގައި އިމާރާތްކުރަމުން އައި ސިޓީ ހޮޓާ، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ)އާ އެކު 20 މިލިއަން ޔޫއެސް ޑޮލަރު (ގާތްގަނޑަކަށް 308 މިލިއަން ރުފިޔާ) އަށް އަގުކޮށް، ހުޅުމާލެ 2 ގެ ބިމަކާ ބަދަލުކޮށްފި އެވެ.

އެސްޓީއޯ އިން ބުނީ ހޮޓާ ބަދަލުކޮށް، މިދިޔަ އާދިއްތަ ދުވަހު އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.

އެސްޓީއޯ އިން ހޮޓާ ތަރައްގީކުރަން ދީފައިވާ ބިމުގެ ބަދަލުގައި ސެޓްލްމަންޓް އެގްރީމަންޓެއްގެ ދަށުން ހުޅުމާލެއިން ބިމެއް ދިނުމަށް ނިންމާފައިވާ ކަން ހާމަކުރީ މި އަހަރު ބޭއްވި އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގަ އެވެ. އޭރު އިއުލާންކުރީ، އެ ބިން ހުޅުމާލެ 3 އިން ހަމަޖެއްސުމަށެވެ. އެކަމަކު އެއްބަސްވުން ފައިނަލް ކުރީ ހުޅުމާލެ 2 ގެ ބިމަކަށެވެ.

އެ ހޮޓާ ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން މިދިޔަ މެއި މަހުގެ ތެރޭގައި ވަނީ ހަވާލުކޮށްފަ އެވެ. ސަރުކާރުގެ ބޭނުމަށް ހާއްސަ ކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ހަދާ އެ ހޮޓަލުގެ މަސައްކަތް ހަވާލުކުރީ "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ އެވެ.

އެޗްޑީސީން އޭރު ބުނީ "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ، އެ މަސައްކަތާ ކުރިން ހަވާލުވި އެސްޓީއޯއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ފަހުގައި ކަމަށެވެ.

އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހަދަން ވަނީ ނިންމައިފަ އެވެ. އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގަ އެވެ.

އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދައި، 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

އެސްޓީއޯ އިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި އެ ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ހުއްޓި، އެތަން ވިއްކާލަން އެކި ފަހަރު މަތިން އިއުލާނު ކުރި އެވެ.

އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ. ހޮޓެލްގެ މަސައްކަތް ކުރިއަށް ނުގެންދެވި އޮތުމުން، އެ ޕްރޮޖެކްޓާ މެދު ހިއްސާދާރުންގެ މެދުގައި އޮތީ ކަންބޮޑުވުން އުފެދިފަ އެވެ. ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ ސިޓީ ހޮޓާ ވިއްކާލަން ނިންމީ 2016 ވަނަ އަހަރެވެ.