Roadha Mihaaru
އެސްއޯއީތަކަށް ފުރަތަމަ ކުއާޓަރުގައި 10 ބިލިއަން

ފުރަތަމަ ކުއާޓަރުގައި ކުންފުނިތަކަށް 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް؛ އެންމެ ގިނައިން އެސްޓީއޯ އަށް

23 އޮކްޓޯބަރ 2022

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓުގައި ބުނެފި އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ސަރުކާރު ހިއްސާވާ ކުންފުނިތަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި 10 ބިލިއަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރިޕޯޓުގައި ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީގެ ދަށުން އެސްއޯއީތައް ބަލަހައްޓަމުން އަންނަ ޕީސީބީގެ ރިޕޯޓުގައި ވާގޮތުން، 31 ކުންފުންޏަކުން ޖުމްލަ އާމްދަނީގެ ގޮތުގައި 10.27 ބިލިއަން ރުފިޔާ ފުރަތަމަ ކުއާޓަރުގައި ލިބިފައިވެ އެވެ.

މި އަދަދަކީ މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާއާ އަޅާބަލާއިރު 54 ޕަސެންޓުގެ ކުރިއެރުމެކެވެ.

ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ތެރެއިން އެންމެ ގިނައިން އާމްދަނީ ހޯދައިފައި ވަނީ އެސްޓީއޯއިންނެވެ. ފުރަތަމަ ކުއާޓަރުގައި އެސްޓީއޯ އަށް 4.04 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ މިދިޔަ އަހަރުގެ އެ މުއްދަތަށް ވުރެ 1.8 ބިލިއަން ރުފިޔާގެ ކުރިއެރުމެކެވެ.

"އެސްޓީއޯގެ އާމްދަނީ ގިނަވެފައި ވަނީ ތެލުގެ އަގާއި ޑިމާންޑަށް އައި ބަދަލާއެކު ތެލުން ލިބުނު އާމްދަނީ ބޮޑުވުމުން. ނަމަވެސް، އެސްޓީއޯއަށް ސަރުކާރުން ތެލުގެ އަގު ދެމެހެއްޓުމަށް ސަބްސިޑީ ދޭ ކަން ފާހަގަކޮށްލަން،" ޕީސީބީގެ ރިޕޯޓުގައި ބުންޏެވެ.

ދެވަނަ އަށް އެންމެ ގިނަ އާމްދަނީ އެއް ލިބިފައިވަނީ އެމްއޭސީއެލް އަށެވެ. މިދިޔަ އަހަރަށް ވުރެ 62 ޕަސެންޓުގެ ކުރިއެރުމަކާއެކު އެ ކުންފުންޏަށް 1.6 ބިލިއަން ރުފިޔާގެ އާމްދަނީ ވަނީ ލިބިފަ އެވެ.

ލިސްޓުގެ ތިންވަނައިގާ ވާދަކުރަނީ އެޗްޑީސީންނެވެ. އެ ކުންފުންޏަށް 417 މިލިއަން ރުފިޔާ ލިބިފައިވެ އެވެ. އެއީ ކުރީ އަހަރުގެ އެ މުއްދަތަށް ވުރެ 314 މިލިއަން ރުފިޔާގެ އިތުރުވުމެކެވެ.

ޕީސީބީގެ ރިޕޯޓުގައި ވާގޮތުން، ފުރަތަމަ ކުއާޓަރުގައި ސަރުކާރުގެ ގިނަ ކުންފުނިތަކުގެ އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ކުރިއަރާފައިވީ ނަމަވެސް، ބައެއް ކުންފުނިތަކުގެ އާމްދަނީ ވަނީ ދަށަށް ގޮސްފަ އެވެ. އޭގެތެރޭގައި، އެމްއެމްޕީއާރްސީ، ޕީއެސްއެމް އަދި ވެމްކޯ ހިމެނެ އެވެ.

ބައެއް ކުންފުނިތަކަށް އެއްވެސް ވަރެއްގެ އާމްދަނީ އެއް ނުލިބޭ ކަމަށް ވެސް އެ ރިޕޯޓުގައި ބުންޏެވެ. އޭގެ ތެރޭގައި ހައްޖު ކޯޕަރޭޝަނާއި، ފަހިދިރިއުޅުން ކޯޕަރޭޝަނާއި، ސްޕޯޓްސް ކޯޕަރޭޝަނުގެ އިތުރުން ފަންޑު މެނޭޖްމެންޓް ކޯޕަރޭޝަން ހިމެނެ އެވެ.

އެސްއޯއީތަކަށް މި އަހަރުގެ ފުރަތަމަ ކުއާޓަރުގައި ލިބުނު ޖުމްލަ ފައިދާ ވެސް ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު 36 ޕަސެންޓު ކުރިއަރައިފަ އެވެ. ޖުމްލަ އާމްދަނީ 29 ޕަސެންޓަކީ އެމްއޭސީއެލް އިން ހޯދި ފައިދާ އެވެ. އެ ކުންފުންޏަށް ފުރަތަމަ ކުއާޓަރުގައި 1.08 ބިލިއަން ރުފިޔާގެ ސާފު ފައިދާ ލިބިފައިވެ އެވެ.

އެމްއޭސީއެލްގެ އިތުރުން، ބީއެމްއެލް، ދިރާގު، ފެނަކަ، ޕޯޓްސް، އެމްޓީސީސީ، އެމްޑަބްލިޔުއެސްސީ އަދި އެސްޓީއޯ އަށް ވަނީ ފުރަތަމަ ކުއާޓަރުގައި ސާފު ފައިދާގެ ގޮތުގައި 100 މިލިއަނަށް ވުރެ ގިނަ ރުފިޔާ ލިބިފަ އެވެ.