Roadha Mihaaru

ހުޅުމާލެ ސިޓީ ހޮޓެލް ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ ހަވާލުކޮށްފި

އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓެލް ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން މިއަދު ހަވާލުކޮށްފި އެވެ.

ސިޓީ ހޮޓެލް ހިންގުން ކުންފުންޏަކާ ހަވާލުކޮށްފި
އިފްރާޒް އަލީ
އިފްރާޒް އަލީ

02 މެއި 2025

އެސްޓީއޯ އިން ހުޅުމާލޭގައި ހެދި ސިޓީ ހޮޓެލް ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ އެޗްޑީސީން މިއަދު ހަވާލުކޮށްފި އެވެ.

އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ ހުޅުމާލޭގައި އިމާރާތްކުރަން ފަށާފައިވާ ސިޓީ ހޮޓާ އިމާރާތުގެ މަސައްކަތް އެއްކޮށް ނިންމައި، އެތަނުގެ ހިންގުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް"އާ ހަވާލުކުރުމަށް މިއަދު އެމްއޯޔޫއެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.

ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޮފީސް ބައެއް ހިމެނޭ ގޮތަށް ހަދާ އެ ހޮޓަލުގެ މަސައްކަތް ހަވާލުކުރި ކުންފުންޏަކީ އެތަން ހިންގުމަށް ހާއްސަކޮށް އުފައްދާފައިވާ ކުންފުންޏެއް ކަމަށް އެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ "ވޯލްޑް އޮފް ބިޒްނަސް"އާ ހަވާލުކޮށް މަސައްކަތް ފެށުމަށް ހަމަޖެހިފައި ވަނީ، އެ މަސައްކަތާ ކުރިން ހަވާލުވި އެސްޓީއޯއާއެކު ސެޓްލްމަންޓް އެގްރީމަންޓަކަށް ދިއުމަށް ފަހުގައި ކަމަށެވެ.

ހުޅުމާލެ ސިޓީ ހޮޓެލް: އެތަން ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި.-- ފޮޓޯ: އެޗްޑީސީ

ހުޅުމާލެ ސިޓީ ހޮޓެލް: އެތަން ހިންގުން އެކަމަށް ހާއްސަކޮށް އުފެއްދި އަމިއްލަ ކުންފުންޏަކާ ވަނީ ހަވާލުކޮށްފައި.-- ފޮޓޯ: އެޗްޑީސީ

އެ ސިޓީ ހޮޓަލުގައި ސަރުކާރުގެ ބޭނުމަށް ހާއްސަކުރެވޭ އޭރިއާ (3.5 ފްލޯ ސްޕޭސް)ގައި ސަރުކާރުގެ މުހިންމު ވައުދުތަކުގެ ތެރޭގައި ހިމެނޭ މީޑިއާ ވިލެޖާއި ޔޫތް ސެންޓަރު (އީ-ސްޕޯޓްސް) އާއި ހެރިޓޭޖް ކޮލެޖް އަދި މެޑިކަލް ކޮލެޖް ހަދާނެ ކަމަށާއި އެ ތަންތަން ނިންމައި ހަވާލުކުރުމަށް ހަމަޖެހިފައިވަނީ މަސައްކަތް ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ކަމަށް އެޗްޑީސީން ބުންޏެވެ.

އެޗްޑީސީން ބުނި ގޮތުގައި، އެ ހޮޓަލުގެ ބާކީ ޖާގައިގައި ފަސް ތަރީގެ ފެންވަރުގެ 158 ކޮޓަރި ހަދައި، 9 މަސް ދުވަހުގެ ތެރޭގައި އޮޕަރޭޝަނަށް ގެނައުމަށް ވަނީ ހަމަޖެހިފަ އެވެ.

"މިއީ، ރާއްޖެ ޒިޔާރާތްކުރާ ޓޫރިސްޓުންށް ޓްރާންސިޓް ކުރެވޭނެ ރަނގަޅު ހޮޓަލެއް ހުޅުމާލޭގައި ތަރައްގީކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެލައްވާފައިވާ ވައުދުފުޅާ އެއްގޮތަށް، އެންމެ ޒަމާނީ ވަސީލަތްތަކާއެކު ފެންވަރު ރަނގަޅު ހިދުމަތް ދެވޭ ގޮތަށް ތަރައްގީކުރާ އިމާރާތެކެވެ،" އެޗްޑީސީގެ ބަޔާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ އެ ހޮޓެލް ހުޅުވަނީ "މެންހަޓަން ގްރޭންޑް ހޮޓެލް"ގެ ނަމުގައި ކަމަށެވެ.

"ވޯލްޑް އޮފް ބިޒްނަސް" އިން އެ ހޮޓެލް ހިންގުމަށް ހަމަޖެހިފައިވަނީ 50 ޕަސެންޓް ފޮރިން އިންވެސްޓްމަންޓާ އެކުގައި ކަމަށާއި އެ މަޝްރޫއަށް އިންވެސްޓުކުރަނީ ޔޫއޭއީގެ ކުންފުންޏެއް ކަމަށްވާ "ޑީޕް ސީފުޑް ކޮމްޕެނީ" އިން ކަމަށް ވެސް އެޗްޑީސީން ބުންޏެވެ.

ރާއްޖޭގެ ކުންފުނިތަކުގެ ރަޖިސްޓްރީގައިވާ ގޮތުން "ވޯލްޑް އޮފް ބިޒްނަސް ޕްރައިވެޓް ލިމިޓެޑް" އަކީ މިދިޔަ ފެބްރުއަރީ މަހު އުފެއްދި ކުންފުންޏެކެވެ.