Roadha Mihaaru
"ސިޓީ ހޮޓާ އެހެން ކަމަކަށް ވިޔަސް ބޭނުން ކުރާނަން"

ހިންގާނެ ބަޔަކު ނުވިއްޔާ، ސިޓީ ހޮޓާ އެހެން ކަމަކަށް ބޭނުން ކުރާނަން: އެޗްޑީސީ

15 ޖެނުއަރީ 2021

އެސްޓީއޯ އިން ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި އަޅަން ފެށި ސިޓީ ހޮޓާގެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިޔަށް ނުދާނަމަ އެހެން ކަމަކަށް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

އެސްޓީއޯ އިން ހުޅުމާލޭގެ ޕްރައިމް ލޮކޭޝަނެއްގައި އަޅަން ފެށި ސިޓީ ހޮޓާގެ މަސައްކަތް އެއްގޮތަކަށް ވެސް ކުރިޔަށް ނުދާނަމަ އެހެން ކަމަކަށް އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ޓޫރިޒަމް ވިޔަފާރީގެ ތެރެއަށް ވަނުމަށް ނިންމައި، އެސްޓީއޯއިން އެމެރިކާގެ ކާލްސަން ހޮޓެލް ގްރޫޕާ އެކު 2008 ވަނަ އަހަރު ސޮއިކުރި އެއްބަސްވުމުގެ ދަށުން 2012 ވަނަ އަހަރު އިމާރާތްކުރަން ފެށި ހޮޓަލުގެ މަސައްކަތް އެކި ސަބަބުތަކާ ހެދި ވަނީ ހުއްޓިފަ އެވެ. އެ ހޮޓާ ހިންގަން އޭރު ހަމަޖެހިފައި އޮތީ ހިލްޓަން ހޮޓަލުގެ ބްރޭންޑެއް ކަމަށްވާ "ރެޑިސަން ބްލޫ"ގެ ދަށުންނެވެ.

ގާތްގަނޑަކަށް 115 މިލިއަން ރުފިޔާ ހަރަދު ކޮށްފައިވާ ހޮޓާ ތަރައްގީކޮށް ނިންމަން ކަނޑައެޅީ 2013 ވަނަ އަހަރުގެ ނިޔަލަށެވެ. ނަމަވެސް އެކަން ނާކާމިޔާބުވެ 2016 ވަނަ އަހަރު ވަނީ ސިޓީ ހޮޓާ ވިއްކާލަން ނިންމައިފަ އެވެ. ނަމަވެސް އެކަމަށް ވެސް ތަރުހީބެއް ނުލިބުނެވެ.

އެ މައްސަލައަށް އަލިއަޅުވާލައްވައި، އެޗްޑީސީގެ މެނޭޖިން ޑިރެކްޓާ ސުހެއިލް އަހުމަދު ޕީއެސްއެމް އަށް ވިދާޅުވީ އެސްޓީއޯގެ ސިޓީ ހޮޓާގެ މައްސަލަ ހައްލު ކުރުމަށްޓަކައި އެ ސިޓީ ހޮޓާ ގަންނާނެ ފަރާތެއް ހޯދުމުގެ ބާރު އެޗްޑީސީ އަށް ވެސް ލިބޭ ގޮތަށް އެ ކުންފުންޏާއެކު އެއްބަސްވެފައިވާ ކަމަށެވެ.

އެ އެއްބަސްވުމުގެ ދަށުން ސިޓީ ހޮޓާގެ މަޝްރޫއު ކުރިޔަށް ގެންދާނެ ފަރާތެއް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި ނަމަވެސް އެކަން ކުރިޔަށް ގެންދާނީ ވަކި މުއްދަތަކަށް ކަމަށް ސުހެއިލް ވިދާޅުވި އެވެ. އަދި އެތަން އޮޕަރޭޓް ކުރާނެ ފަރާތެއް ނުލިބިއްޖެ ނަމަ އެހެން ބޭނުމެއްގައި އެ އިމާރާތް ބޭނުން ކުރަން ފަށާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"ހުޅުމާލޭ ރަނގަޅު ލޮކޭޝަނެއްގައި ބިލްޑިންގެއް އެޅި ބޭނުން ނުކުރެވި ހުންނާތީ އަޅުގަނޑުމެން މި ބަލަނީ ކައިރި މުސްތަގުބަލެއްގައި އެތަން ހޮޓަލެއްގެ ގޮތުގައި އޮޕަރޭޓް ކުރާނެ ފަރާތެއް ނުވެއްޖެއާ އެހެން ބޭނުމެއްގައި ވެސް އެތަން ހިންގަން،" ސުހެއިލް ވިދާޅުވި އެވެ.

ސުހެއިލް ވިދާޅުވި ގޮތުގައި ސިޓީ ހޮޓަލުގައި ނުނިމި ހުންނާނީ ފިނިޝިން މަސައްކަތް އެކަންޏެވެ. ރާނާ ސިމެންތި ޖަހައި ސްޓްރަކްޗާގެ ހުރިހާ މަސައްކަތެއް ވަނީ ނިމިފަ އެވެ. އަދި އެސްޓީއޯ އިން މިވަގުތު އެތަން ބޭނުން ކުރަނީ ބައެއް މުދާތައް ބެހެއްޓުމަށް ކަމަށް ވެސް ސުހެއިލް ވިދާޅުވި އެވެ.

އެސްޓީއޯ ސިޓީ ހޮޓަލުގައި އެކި ފަންތީގެ 250 ކޮޓަރި ހިމެނެ އެވެ. އޭގެ އިތުރުން ރެސްޓޯރަންޓުތަކާއި އިވެންޓް ހޯލް އަދި ޝޮޕިން ސަރަހައްދެއް ވެސް ހިމެނެ އެވެ.