Roadha Mihaaru
ކުރީގެ ސަރުކާރުން 3 ފަޅު ހިއްކަންދިނީ ބިން ދޭ ގޮތަށް

ކުރީގެ ސަރުކާރުން ތިން ފަޅެއް ހިއްކަން ސީއެމްސީސީ އަށް ދިނީ، 19 ހެކްޓަރުގެ ބިމާއި 20 މިލިއަން ޑޮލަރަށް

01 އެޕްރީލް 2024

ކުރީގެ ސަރުކާރުން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަޅެއް ހިއްކުމުގެ މަސައްކަތް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްފައިވަނީ 20 މިލިއަން ޑޮލަރާއި ހިއްކާ ބިމުން ގާތްގަނޑަކަށް 20 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭ ގޮތަށް ކަން އެނގިއްޖެ އެވެ.

ކުރީގެ ސަރުކާރުން، މިދިޔަ އަހަރުގެ ތެރޭގައި ތިން ފަޅެއް ހިއްކުމުގެ މަސައްކަތް ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާ ހަވާލުކޮށްފައިވަނީ 20 މިލިއަން ޑޮލަރާއި ހިއްކާ ބިމުން ގާތްގަނޑަކަށް 20 ހެކްޓަރުގެ ބިން އެ ކުންފުންޏަށް ދޭ ގޮތަށް ކަން އެނގިއްޖެ އެވެ.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ބިންވެރިޔާ ސްކީމްގައި ހިމެނޭ ހުޅުމާލެ ޕޭސް 3، ތިލަފުށީގެ ހަތަރު ވަނަ ބަޔާއި ދިޔަނެރު ފަޅު ހިއްކައި ރިވެޓްމެންޓް ޖެހުމާއި މަގުތައް ހެދުމާއި ފާލަން ހެދުމާއި ޖެޓީ ހެދުމަށް ސީއެމްސީސީއާ އެޗްޑީސީ އިން ހަވާލުކުރީ އެ ވެރިކަމުގެ ފަހު ދުވަސްކޮޅު ކަމަށްވާ މިދިޔަ އަހަރުގެ އޮގަސްޓު މަހު އެވެ.

ބިން ހިއްކުމުގެ ބައިގައި ހިމެނެނީ، ތިލަފުށިން 9.6 ހެކްޓަރާއި ދިޔަނެރުން 24.6 ހެކްޓަރު އަދި ހުޅުމާލެ ފޭސް 3 އިން 62.6 ހެކްޓަރު ހިއްކުމުގެ މަސައްކަތެވެ.

އެ އެއްބަސްވުމުގައިވާ ގޮތުން، ތިން އިންސްޓޯލްމަންޓެއްގެ ދަށުން، އެޗްޑީސީ އިން 20 މިލިއަން ޑޮލަރު (309 މިލިއަން ރުފިޔާ) އެޑްވާންސްގެ ގޮތުގައި ސީއެމްސީސީ އަށް ދޭން ޖެހެ އެވެ.

މީގެ އިތުރުން، އެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ، އެ މަސައްކަތުގެ ބަދަލުގައި ތިލަފުށިން ހިއްކާ 9.6 ހެކްޓަރު އެއްކޮށް އަދި ހުޅުމާލެ ފޭސް 3 އިން 10 ހެކްޓަރު ބިން ސީއެމްސީއަށް ލިބޭ ގޮތަށެވެ.

އެއީ އެޗްޑީސީ އަށް ހުށަހަޅާ ކޮމާޝަލް ޕްލޭނެއްގެ ދަށުން، ސީއެމްސީން ހިޔާރުކުރާ ކޮންމެ ޕްލޭނެއްގެ ދަށުން އެ ކުންފުންޏަށް ދޭން އެއްބަސްވެފައިވާ ބިމުގެ ސަރަހައްދެކެވެ.

މި އެއްބަސްވުން ހަދާފައިވަނީ 50 އަހަރުގެ މުއްދަތަށް އަދި އިތުރު 49 އަހަރަށް އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭ ގޮތަށެވެ. އެހެންކަމުން، ހިއްކާ ބިމުން 19.6 ހެކްޓަރު ބިން ސީއެމްސީސީއަށް 99 އަހަރުގެ މުއްދަތަށް ލިބޭނެ އެވެ.

ފާޑުކިޔަސް އާ މޮޑަލެއް ނޫން

ކުރީގެ ސަރުކާރުން މިފަދަ އެއްބަސްވުމެއް ހަދާފައިވާކަން ހާމަވެފައިވާ އިރު، މި ސަރުކާރުން "ރަސްމާލެ" ނަމުގައި ފުށިދިއްގަރުފަޅު ހިއްކުމުގެ ބަދަލުގައި ބިން ދޭން އެއްބަސްވުމަކީ ބޮޑު ހިޔާނާތެއް ކަމަށް ބުނެ މިހާރު ގެ އިދިކޮޅުން ދަނީ ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ: ހިއްކާ ބިމުގެ ބަދަލުގައި ބިމުން ސަރަހައްދެއް ދިނުމަކީ ކުރީގެ ސަރުކާރުން ވެސް އަމަލުކުރި މޮޑެލްއެއް. --ފޮޓޯ: މިހާރު

ފުށިދިއްގަރުފަޅު ހިއްކުމުގެ މަސައްކަތް ކުރަނީ: ހިއްކާ ބިމުގެ ބަދަލުގައި ބިމުން ސަރަހައްދެއް ދިނުމަކީ ކުރީގެ ސަރުކާރުން ވެސް އަމަލުކުރި މޮޑެލްއެއް. --ފޮޓޯ: މިހާރު

ފުށިދިއްގަރުފަޅު ހިއްކުމުގެ ބިޔަ މަޝްރޫއު މި ސަރުކާރުން ވެސް ހަވާލުކޮށްފައިވަނީ ސީއެމްސީސީއަށެވެ. ގާތްގަނޑަކަށް 1،090 އަށް ވުރެ ގިނަ ހެކްޓަރުގެ ބިން ހިއްކަން މި ސަރުކާރުން ހަވާލުކުރީ ހިއްކާ ބިމުން 70 ހެކްޓަރުގެ ބިމުގެ ސަރަހައްދެއް ސީއެމްސީސީއަށް ދޭ ގޮތަށެވެ. އެއީ ރަސްމާލެއިން 60 ހެކްޓަރާއި ހުޅުމާލެއިން 10 ހެކްޓަރު ބިމެވެ.

ބިން ހިއްކުމަށް ދައުލަތުގެ ބަޖެޓުން އިތުރު އެއްވެސް ހަރަދެއް ނުދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

ފުށިދިއްގަރު ފަޅަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ބޯހިޔާވަހިކަމުގެ "ޓޯޓަލް ސޮލިއުޝަން"ގެ ސިޔާސަތުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދީގެން ތަރައްގީކުރަން ނިންމާފައިވާ ތަނެކެވެ. ހިއްކާ ބިމުގެ ބަދަލުގައި ބިން ދޭ މޮޑަލަށް މި ސަރުކާރުން އެއްބަސްވީ، އެ ފަޅު ހިއްކަން މި އަހަރުގެ ބަޖެޓުގައި ހިމެނި 400 މިލިއަން ރުފިޔާ، އިދިކޮޅުގެ މެޖޯރިޓީ އޮތް މަޖިލީހުން އެ ބައި އެކީގައި އުނިކުރުމުންނެވެ.