Roadha Mihaaru

ތިލަފުށިން އިތުރު ކެމިކަލް ގުދަން ކުއްޔަށް ދޫކުރަނީ

އެކި ބާވަތުގެ ކެމިކަލް ރައްކާކުރަން އެޗްޑީސީން ތިލަފުށީގައި ހަދާފައިވާ ދެ ވެއާހައުސް އިން އިތުރު ގުދަންތައް ކުއްޔަށް ދިނުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

ތިލަފުށިން އިތުރު ކެމިކަލް ގުދަން ކުއްޔަށް ދޫކުރަނީ
އިފްރާޒް އަލީ
އިފްރާޒް އަލީ

05 އޯގަސްޓް 2025

އެކި ބާވަތުގެ ކެމިކަލް ރައްކާކުރަން އެޗްޑީސީން ތިލަފުށީގައި ހަދާފައިވާ ދެ ވެއާހައުސް އިން އިތުރު ގުދަންތައް ކުއްޔަށް ދިނުމަށް އެ ކުންފުނިން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިދިޔަ ބުދަ ދުވަހު ކުރި އިއުލާނުގައި ބުނީ އެ ދެ ވެއާހައުސް އިން ޖުމްލަ 16 ގުދަނެއް ކުއްޔަށް ދޭން ނިންމައި ބީލަމަށް ކުރިމަތިލުމުގެ ފުރުސަތު މިހާރު ހުޅުވާލާފައިވާ ކަމަށެވެ.

ކުއްޔަށް ދެނީ 1،000 އަކަފޫޓަށް ވުރެ ބޮޑު ތިން ގުދަނާއި 990 އަކަފޫޓަށް ވުރެ ބޮޑު 10 ގުދަނާއި 600 އަކަފޫޓަށް ވުރެ ބޮޑު ގުދަނަކާއި 400 އަކަފޫޓަށް ވުރެ ބޮޑު ގުދަނެއްގެ އިތުރުން 280 އަކަފޫޓަށް ވުރެ ބޮޑު ގުދަނެކެވެ.

ބީލަން ހުށަހަޅަން ޖެހޭ އެންމެ ފަހު ވަގުތަކީ މި މަހުގެ 20 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 އެވެ. އަދި ބީލަން ހުޅުވުން ވެސް އޮންނާނީ ހަމަ އެ ދުވަހު ކަމަށް އެޗްޑީސީގެ އިއުލާނުގައި ބުންޏެވެ.

އެޗްޑީސީން ބުނީ އެ ގުދަންތަކަކީ ރައްކާތެރިކަމުގެ މިންގަނޑުތަކަށް ފެތޭ ގޮތަށް ޒަމާނީ ވަސީލަތްތަކާ އެކުގައި ހަދާފައިވާ ތަންތަން ކަމަށެވެ.

އަލިފާން ނުހިފާނެ ޕާޓިޝަން ސްޓްރަކްޗާ ނުވަތަ ފަޔާ-ރޭޓެޑް ސްޓްރަކްޗާ ބޭނުންކޮށްފައިވާ ކަމަށާއި އަލިފާން ނިއްވާ ނިޒާމުތަކާއި ސީސީޓީވީ ކެމެރާ އާއި ސެކިއުރިޓީ ރޫމާއި ހޮނުއެޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކުން ރައްކާތެރިކުރުމަށް ހާއްސަ ނިޒާމެއް ވެސް އެ ތަނުގައި ހުންނާނެ ކަމަށް އެޗްޑީސީން ބުންޏެވެ.

އެންމެ މަތިން އަގު ހުށަހަޅާ ފަރާތްތަކަށް ކުއްޔަށް ދޭން ނިންމާފައިވާ މި ގުދަންތައް ހޯދުމަށް ކުރިމަތިލާ ފަރާތްތަކުން ބިޑް ސެކިއުރިޓީގެ ގޮތުގައި 5،000ރ. ހުށަހަޅަން ޖެހެ އެވެ. އަދި މި ގުދަންތައް ކުއްޔަށް ދެނީ ފަސް އަހަރު ދުވަހުގެ މުއްދަތަށެވެ.

ކެމިކަލް ރައްކާކުރުމަށް ތިލަފުށީގައި ހަދާފައިވާ ދެ ވެއާހައުސްގައި ޖުމްލަ 34 ގުދަން ހުރެ އެވެ. އޭގެ ތެރެއިން ބައެއް ގުދަންތައް މިހާރު ވެސް ހުރީ ކުއްޔަށް ދޫކޮށްފަ އެވެ.

މާލޭގައި ހުރި ކެމިކަލް ގުދަންތައް ތިލަފުއްޓަށް ބަދަލުކުރަން ސަރުކާރުން ނިންމީ، ހެންވޭރުގައި ހުރި ކެމިކަލް ގުދަނެއްގައި ރޯވެ 2019 ވަނަ ހިނގި ނުރައްކާތެރި އަލިފާނުގެ ހާދިސާއަށް ފަހުގަ އެވެ. އެ ހާދިސާގައި އެކަކު މަރުވި އިރު، މީހުންގެ ގޯތިގެދޮރަށް ބޮޑެތި ގެއްލުންތައް ލިބުނެވެ.

ޑިފެންސް މިނިސްޓްރީން މިދިޔަ އަހަރު ދިން މައުލޫމާތުގައިވާ ގޮތުގައި، ކެމިކަލް ގުދަންކުރާ 144 ތަނާއި ކެމިކަލް ވިއްކާ 62 ފިހާރަައެއް މާލޭގައި އެބަހުއްޓެވެ. މާލޭގައި ކެމިކަލް ގެންގުޅޭ ތަންތަން ހުރީ ގަވާއިދާ އެއްގޮތަށް ތޯ ބަލަން ޑިފެންސް މިނިސްޓްރީގެ ދަށުން ހިންގާ ފަޔާ އެންޑް ރެސްކިއު ސާވިސް އިން މިދިޔަ އަހަރު "އޮޕަރޭޝަން ހިރާސް ފާސް"ގެ ނަމުގައި ހާއްސަ ހަރަކާތެއް ވެސް ހިންގި އެވެ.