Roadha Mihaaru
ސިނާއީ ބޭނުމަށް ތިލަފުށިން ބިން ވިއްކަނީ

ތިލަފުށިން ސިނާއީ ބޭނުމަށް 99 އަހަރަށް ބިން ގަނެވޭ ގޮތަށް ހުޅުވާލައިފި

20 މާޗް 2024

ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

ފާތިމަތު އަޖްފާން ފާތިމަތު އަޖްފާން

ތިލަފުށި ފޭސް 2 އިން ދިވެހިންނަށް ބިން މިލްކު ކުރެވޭ ގޮތަށް އަދި ބިދޭސީންނަށް 99 އަހަރަށް ބިން ކުއްޔަށް ނެގޭ ގޮތަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ހުޅުވާލައިފި އެވެ.

އެޗްޑީސީން މިއަދު ކުރި އިއުލާނެއްގައި ވަނީ ތިން ބާވަތެއްގެ ޕްލޮޓް ދޫކުރަން އިއުލާނުކޮށްފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ 2،500 އަކަފޫޓާއި 14،999 އަކަފޫޓާ ދެމެދުގެ ބިންތަކެވެ.

ޓައިޕް 1. 2،500-4،999 އަކަފޫޓް

ޓައިޕް 2. 5،000- 9،999 އަކަފޫޓް

ޓައިޕް 3. 10،000- 14،999 އަކަފޫޓް

ވިޔަފާރީގެ އެކި އެކި ބޭނުންތަކަށް ދޫކުރާ ބިމުގެ ގޮތުގައި ތިލަފުށީގެ މުޅި ޖުމްލަ 108 ޕްލޮޓް ވިއްކުމަށް އެޗްޑީސީން ވަނީ ނިންމާފަ އެވެ. އެއީ

- ޓައިޕް 1ގެ 64 ޕްލޮޓް

- ޓައިޕް 2ގެ 42 ޕްލޮޓް

- ޓައިޕް 3ގެ 2 ޕްލޮޓް

ތިލަފުށިން ބިން ގަންނަ ދިވެހިންނަށް ބިން މިލްކު ކުރެވޭނެ ކަމަށް އެޗްޑީސީން ބުންޏެވެ.

ތިލަފުށި ހިކައި ނިންމާފައި.-- ފޮޓޯ: އެޗްޑީސީ

ތިލަފުށި ހިކައި ނިންމާފައި.-- ފޮޓޯ: އެޗްޑީސީ

ބިން ވިއްކާ އުސޫލު

• ބީލަން ކާމިޔާބުކުރާ ފަރާތަކީ ދިވެއްސެއް/ދިވެހި ކުންފުންޏެއްނަމަ ބިން މިލްކުވުން

• އަމިއްލަ ފަރުދެއް/ކުންފުންޏެއްގެ ފަރާތުން ބީލަން ހުށަހެޅުން (ދިވެހިން އަދި ބޭރުގެ ފަރާތްތައް ހިމެނޭހެން)

• ބީލަން ކާމިޔާބުކުރާ ފަރާތަކީ ބިދޭސީއެއް/ ބޭރު ކުންފުންޏެއްނަމަ 99 (ނުވަދިހަ ނުވަ) އަހަރަށް ބިން ކުއްޔަށް ދޫކުރުން

• ބީލަން ހުށަހެޅޭ އެންމެ ދަށް އަގަކީ އަކަފޫޓަކަށް 1،700ރ.

އެޗްޑީސީން ބުނި ގޮތުގައި، ބީލަމުގެ އުސޫލުން ބިން ވިއްކާނީ ދެ މަރުހަލާއަކަށް ބަހާލައިގެންނެވެ. ފުރަތަމަ މަރުހަލާގައި ޖެހެނީ ޝައުގުވެރިވާ ބިމަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހަޅާށެވެ. އަދި ދެވަނަ މަރުހަލާގައި އީއޯއައި ހުށަހަޅާފައިވާ ބިމަށް ބިޑްކުރަން ޖެހޭނެ އެވެ.

ބިން ގަތުމަށް އޮންލައިންކޮށް ބިޑް ޕޯޓަލްގައި ރަޖިސްޓްރީ ވެގެން އެޕްލިކޭޝަން މިހާރު ހުށަހެޅޭނެ ކަމަށްވެސް އެޗްޑީސީން ބުންޏެވެ.

ތިލަފުށިން ސިނާއީ ބޭނުމަށް ބިން ގަތުމަށް ހުޅުވާލިއިރު، މިދިޔަ އަހަރުގެ ފެބްރުއަރީގައި ވެސް ތިލަފުށިން ބިން ގަތުމަށް ހުޅުވާލި އެވެ. ކުރީގެ ސަރުކާރުން ތިލަފުށިން ބޭރުގެ ކުންފުނިތަކަށް 99 އަހަރަށް ކުއްޔަށް ދިނުމަށް އިއުލާނުކުރުމުން އެކަމަށް އޭރު ސަރުކާރާ އިދިކޮޅުގައި ތިބި ފަރާތްތަކުން ދިޔައީ ފާޑުކިޔަމުންނެވެ.

ކުރީ ސަރުކާރުން ވަނީ އިންޑަސްޓްރިއަލް ހަބެއްގެ ގޮތުގައި ތިލަފުށި ތަރައްގީކުރަން ނިންމައި މާސްޓަޕްލޭނެއް ވެސް އެކުލަވާލައިފަ އެވެ.