Roadha Mihaaru
ތިލަފުށި 2ގެ ފުރަތަމަ ބައި ހިއްކާ ނިންމައިފި

ތިލަފުށި 2 ގެ ފުރަތަމަ ބައި ހިއްކާ ނިންމައި، އިތުރު ބިން ހިއްކަން ފަށައިފި

31 އޮކްޓޯބަރ 2023

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކާ ނިމިއްޖެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ފުރަތަމަ ބައި ހިއްކާ ނިމިއްޖެ ކަމަށް އާބަންކޯ އިން މިއަދު ބުނެފި އެވެ.

އެ ކުންފުނީގެ ނޫސްބަޔާނެއްގައި ބުނީ ތިލަފުށީގެ ދެވަނަ ފިޔަވަހީގެ "އޭރިއާ ބީ" ހިއްކާ ނިންމައި، "އޭރިއާ އޭ" ހިއްކުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ. ހިއްކާ ނިމުނީ 39.6 ހެކްޓަރުގެ ސަރަހައްދެއް ކަމަށް ވެސް ބުންޏެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ބިން ހިއްކަމުން އަންނަނީ ތިން ސަރަހައްދަކަށް ބަހާލައިގެންނެވެ. އެއީ އޭރިއާ އޭ، ބީ އަދި ސީ އެވެ.

"އޭރިއާ އޭ" ހިއްކުމުގެ މަސައްކަތް އަންނަ އަހަރުގެ ފެބްރުއަރީ މަސް ތެރޭގައި ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ބުންޏެވެ. އެރިއާ އޭގެ ގޮތުގައި ހިއްކުމަށް ހަމަޖެހިފައި ވަނީ 71.5 ހެކްޓަރުގެ ސަރަހައްދެއް ކަމަށް އާބަންކޯގެ ބަޔާނުގައި ބުންޏެވެ.

ތިލަފުށީގެ ދެވަނަ ފިޔަވަހީގެ ގޮތުގައި ހިއްކަނީ 151 ހެކްޓަރުގެ ސަރަހައްދެކެވެ. މި ޕްރޮޖެކްޓަށް ހަރަދުވާ ވަރެއް އާބަންކޯ އިން ނުބުނެ އެވެ.

މާލެ ސަރަހައްދުގެ އިންޑަސްޓްރިއަލް ހަބްގެ ގޮތުގައި ތަރައްގީކުރަން ނިންމާފައިވާ ތިލަފުށީގެ ދެވަނަ ފިޔަވަހި ހިއްކުމުގެ އަމަލީ މަސައްކަތް ފެށީ މިދިޔަ މާޗު މަހުގަ އެވެ.

ތިލަފުށި ހިއްކުމުގެ މަސައްކަތް ހަވާލުކޮށްފައި ވަނީ ސިނަމާލެ ބްރިޖުގެ މެއިންޓަނަންސްގެ މަސައްކަތްކުރާ ޗައިނާ ހާބާ އިންޖިނިއަރިން ކޮމްޕެނީ (ސީއެޗްއީސީ)އާ އެވެ.

ސީއެޗްއީސީއާ އެކު އެކަމުގެ އެއްބަސްވުމުގައި ސޮއިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު 15 ގަ އެވެ. އެ މަސައްކަތް ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި ނިންމާލަން ޖެހޭ ގޮތަށެވެ.

އެ ކުންފުންޏަކީ ސިނަމާލެ ބްރިޖު ހެދި ޗައިނާ ކޮމިއުނިކޭޝަންސް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީސީސީސީ)ގެ ސަބްސިޑަރީ ކުންފުންޏެކެވެ. މާލެ އާއި ހުޅުމާލޭގެ ފެނުގެ ނިޒާމު ބްރިޖު މެދުވެރިކޮށް ގުޅާލުމުގެ މަސައްކަތް ވެސް ހަވާލުކުރީ އެ ކުންފުންޏާ އެވެ.

ސަރުކާރުން ކުރިން ބުނެފައިވާ ގޮތުގައި، ތިލަފުށީ ތަރައްގީގެ ޕްލޭނަކީ މާލޭ ސަރަހައްދުގެ ތަރައްގީގެ ޕްލޭނާއި ތިލަމާލެ ބްރިޖު ޕްރޮޖެކްޓާ ވެސް އެކީ ކުރިއަށް ގެންދާ ބޮޑު މަޝްރޫއެކެވެ.