Roadha Mihaaru
މައި ޔޫއެސްގެ ޑޭޓާ ވަގަށް ނަގައިފި

މައި ޔޫއެސްގެ ޑޭޓާ ވަގަށް ނަގައިފި

12 މާޗް 2022

ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރި ކަމަށްވާ، މައި ޔޫއެސްއަށް ރެންސަމްވެއާ (ޑޭޓާ ވަގަށް ނަގައި އޭގެ ބަދަލުގައި ފައިސާ ހޯދުމުގެ) އެޓޭކެއް ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގެ އެންމެ ބޮޑު އެއް އޮންލައިން ވިޔަފާރި ކަމަށްވާ، މައި ޔޫއެސްއަށް ރެންސަމްވެއާ (ޑޭޓާ ވަގަށް ނަގައި އޭގެ ބަދަލުގައި ފައިސާ ހޯދުމުގެ) އެޓޭކެއް ދީފައިވާ ކަމަށް އެ ކުންފުނިން މިއަދު ބުނެފި އެވެ.

މައި ޔޫއެސް އިން ނެރުނު ބަޔާނެއްގައި ބުނީ އެ ހާދިސާ ހިނގާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އެ އެޓޭކުގެ ސަބަބުން ވެބްސައިޓާއި މޯބައިލް އެޕްލިކޭޝަނާއި އެ ކުންފުނީގެ އައިޓީ ސިސްޓަމް ވެސް ޑައުން ވެފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

ޑޭޓާ ވަގަށް ނަގާފައިވާ މީހުން ފައިސާ ނުދީފި ނަމަ އެ ޑޭޓާ އިންޓަނެޓުގައި އާއްމުކުރާނެ އެވެ. ނަމަވެސް އެއްވެސް ކަސްޓަމަރެއްގެ ކާޑުގެ މައުލޫމާތު އެ ކުންފުނީގެ ސިސްޓަމްތަކުގައި ރައްކާކޮށްފައި ނުހުންނާނެ ކަމަށާއި އެހެންވެ، އެ މައުލޫމާތު އާއްމު ނުކުރެވޭނެ ކަމުގެ ޔަގީންކަން މައިޔޫއެސް އިން ވަނީ ދީފަ އެވެ.

އެ އެޓޭކާ ގުޅިގެން ސިސްޓަމް ޑައުންވުމުން ޕެކޭޖުތައް ޑެލިވާ ކުރުމުގައި ވެސް ވަނީ ޑިލޭތަކެއް އައިސްފަ އެވެ. ޕެކޭޖުތައް ލަސްވިޔަސް މި މައްސަލަ ހައްލުވަންދެން އިތުރު ސްޓޯރެޖް ފީއެއް ކަސްޓަމަރުންގެ އަތުން ނުނަގާނެ ކަަމށް ވެސް މައި ޔޫއެސްގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

އެ ކުންފުނިން މިހާރު އަންނަނީ ސައިބަ ސެކިއުރިޓީއާ ގުޅިގެން މި މައްސަލަ ހައްލުކޮށް ޑޭޓާ އަނބުރާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ. މިއީ އިންޓަނެޓްގެ ޒަރީއާއިން ކުރެވޭ ވައްކަމަކަށްވާތީ އެކަން ކަމާ ބެހޭ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް ވެސް މައި ޔޫއެސް އިން ބުންޏެވެ.

މައްސަލަ ހައްލުވަންދެން ކަސްޓަމަރުންނާ އީމެއިލްގެ ޒަރީއާއިން އަޕްޑޭޓްތައް ދެމުން ގެންދާނެ ކަމަށް ވެސް އެ ކުންފުނިން ވަނީ ބުނެފަ އެވެ.

މައި ޔޫއެސް އަކީ އެމެރިކާގެ ފިހާރަތަކުން ވިޔަފާރިކޮށްގެން މުޅި ދުނިޔެއަށް ޝިޕިން ކޮށްދޭ ކުންފުންޏެކެވެ. ރާއްޖޭގެ ވެސް ގިނަ ބަޔަކު އޮންލައިން ވިޔަފާރި ކުރަން މައި ޔޫއެސް ބޭނުން ކުރެ އެވެ.