Roadha Mihaaru
5ޖީއާ ދެކޮޅު އެކްސަސަރީޒްތަކާ ގުޅޭ އިންޒާރެއް!

5ޖީއާ ދެކޮޅު އެކްސަސަރީޒްތަކާ ގުޅޭ އިންޒާރެއް!

19 ޑިސެމްބަރ 2021

އިންޓަނެޓް އާ ޖީލު، 5ޖީ އަކީ އިންސާނުންގެ ސިއްހަތަށް ވަރަށް ނުރައްކާ އެއްޗެއް ކަމަށް ބުނެ، 5ޖީ އަށް ހުރަސް އެޅުމުގެ ގޮތުން ނުރައްކާތެރި ރޭޑިއޯއެކްޓިކް އެކުލެވޭ އެއްޗެހިތަކެއް ވިއްކަމުންދާތީ އެފަދަ އެއްޗެހި ބޭނުން ނުކުރަން ނެދަލެންޑްސް އިން ގޮވާލައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޓަނެޓް އާ ޖީލު، 5ޖީ އަކީ އިންސާނުންގެ ސިއްހަތަށް ވަރަށް ނުރައްކާ އެއްޗެއް ކަމަށް ބުނެ، 5ޖީ އަށް ހުރަސް އެޅުމުގެ ގޮތުން ނުރައްކާތެރި ރޭޑިއޯއެކްޓިކް އެކުލެވޭ އެއްޗެހިތަކެއް ވިއްކަމުންދާތީ އެފަދަ އެއްޗެހި ބޭނުން ނުކުރަން ނެދަލެންޑްސް އިން ގޮވާލައިފި އެވެ.

އެ ގައުމުގެ ނިއުކްލިއާ ސޭފްޓީ އެންޑް ރޭޑިއޭޝަން ޕްރޮޓެކްޝަން (އޭއެންވީއެސް) އިން ބުނީ 5ޖީ ލިބޭ ސްމާޓް ޑިވައިސް ގެންގުޅޭ މީހުންގެ ޑިވައިސްތަކަށް އެ ނެޓްވޯކް ނުލިބޭ ގޮތަށް ތައްޔާރުކޮށްފައިވާ އެއްޗެހީ ބައެއް ކުންފުނިތަކުން ވިއްކަމުންދާ ކަމަށެވެ. އޭގެ ތެރޭގައި ކަރުގައި އަޅާ ފަށާއި އަތުގައި ކެވެލި/ބޭންޑާއި ސްލީޕުން މާސްކް ފަދަ އެއްޗެހި ހިމެނެ އެވެ. އަދި މީގެ ތެރޭގައި ކުޑަކުދިންނަށް ހާއްސަ އެއްޗެހި ވެސް ހިމެނެ އެވެ.

އެފަދަ ބައެއް ތަކެތި ދުނިޔޭގެ އެންމެ ބޮޑު އޮންލައިން ފިހާރަ، އެމެޒޯންގައި ވިއްކާކަން ފާހަގަ ކުރެވެ އެވެ. އޭއެންވީއެސް އިން ބުނީ އެފަދަ "އެންޓި-5ޖީ" އުފެއްދުންތައް ޕްރޮމޯޓްކޮށް، ވިއްކާތީ އެފަދަ އެއްޗިއްސަށް އާންމުން ފަރުވާތެރިވުމަށް އެދޭ ކަމަށާއި އެފަދަ އެއްވެސް އެއްޗެއް ގަނެގެން ބޭނުން ނުކުރަން އެދޭ ކަމަށެވެ. އަދި އެފަދަ އުފެއްދުންތައް ބޭނުންކުރާ ނަމަ ދިގު މުއްދަތަކަށް ސިއްހީ ބޮޑެތި މައްސަލަތަކެއް ދިމާވުމުގެ ފުރުސަތު ވަރަށް ބޮޑު ކަމަށް ބުންޏެވެ.

5ޖީ އަކީ އިންސާނުންގެ ސިއްހަތަށް ގެއްލުން ހުރި ނެޓްވޯކެއް ކަމަށް ބުނެ އެކި ކަހަލަ ވާހަކަތައް ދެކެވެނީ 2018 އިން ފެށިގެންނެވެ. އެގޮތުން އޭގެ ސަބަބުން އިންސާނުންގެ ޑީއެންއޭ އަށް ގުޑުން އަރުވައިލާނެކަމުގެ ވާހަކަތަކާއި މޫސުން ލަފާކުރަން ހުރަސް އެޅިދާނެ ފަދަ އެތައް ވާހަކައެއް ވެސް 5ޖީ ގުޅުވައިގެން ދެކެވިފައިވެ އެވެ. އެހެންވެ އެ ހުއްޓާލަން ވެސް އެތައް ބަޔަކު ގޮވާފައިވެ އެވެ.

މިފަދަ ސަބަބުތަކާ ހެދި މިހާނަށް 5ޖީއާ ގުޅޭ އެތައް ދިރާސާއެއް ހަދައި، އޭގައި އެއްވެސް ނުރައްކަލެއް ނެތްކަން އެތައް ޖަމާއަތަކާއި އެތައް ދިރާސާއެއްގައި ވެސް ބުނެފައިވެ އެވެ.

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯ އިން ވެސް ބުނެފައިވާ ގޮތުގައި 5ޖީ އަކީ ނުރައްކާތެރި އެއްޗެއް ނޫނެވެ. އަދި ނެޓްވޯވަކަކީ ހަމަ 4ޖީ އާއި 3ޖީ ކަހަލަ ރައްކާތެރި ނެޓްވޯކެއް ކަމަށް ބުންޏެވެ.

ހުޅަނގުގެ ބައެއް ގައުމުތަކުގައި 5ޖީ އާ ދެކޮޅަށް ބައެއް މީހުން މުޒާހަރާކޮށް، އެ ނެޓްވޯކަށް ބޭނުންކުރާ އެންޓަނާ ފަދަ އެއްޗެހީގައި އަލިފާން ރޯކޮށް ގެއްލުން ވެސް ދީފައިވެ އެވެ.