Roadha Mihaaru
ޒާތީ މައުލޫމާތު ލީކުވާ އެތައް ގޮތެއް، ރައްކާތެރިވޭ!

ޒާތީ މައުލޫމާތު ލީކުވާ އެތައް ގޮތެއް، ރައްކާތެރިވޭ!

08 އޮކްޓޯބަރ 2022

ސޯޝަލް މީޑިއާގައި، އެކައުންޓުތަކުން ފައިސާ ގެއްލުމާއި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގަމުން އަންނަ މި ދުވަސްވަަރަކީ އެތައް ގޮތަކުން މީހެއްގެ ޒާތީ މައުލޫމާތު ހޯދޭނެ ދުވަސްވަރެކެވެ. ބައެއް މީހުންނަށް ނޭންގި އެކަން ކުރާއިރު، އަނެއް ބަޔަކު އިނގިލިދިއްކުރަނީ ބޭންކަށެވެ. ޒާތީ މައުލޫމާތު ހާމަވާ ގޮތްތައް ހޯދުމާއި އެ މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓަން ކޮންމެހެންވެސް އެބަޖެހެ އެވެ.

އަހުމަދު އަރުޝަމް އަހުމަދު އަރުޝަމް

ސޯޝަލް މީޑިއާގައި، އެކައުންޓުތަކުން ފައިސާ ގެއްލުމާއި އޮޅުވާލައިގެން ފައިސާގެ މުއާމަލާތްތައް ހިންގަމުން އަންނަ މި ދުވަސްވަަރަކީ އެތައް ގޮތަކުން މީހެއްގެ ޒާތީ މައުލޫމާތު ހޯދޭނެ ދުވަސްވަރެކެވެ. ބައެއް މީހުންނަށް ނޭންގި އެކަން ކުރާއިރު، އަނެއް ބަޔަކު އިނގިލިދިއްކުރަނީ ބޭންކަށެވެ. ޒާތީ މައުލޫމާތު ހާމަވާ ގޮތްތައް ހޯދުމާއި އެ މައުލޫމާތު ރައްކާތެރިކޮށް ބަލަހައްޓަން ކޮންމެހެންވެސް އެބަޖެހެ އެވެ.

ޓެކްނޮލޮޖީގެ ދާއިރާގެ ތަޖުރިބާކާރަކު ވިދާޅުވީ މި ޒަމާނުގައި ކަސްޓަމަރުންގެ މައުލޫމާތު ހޯދޭނެ ގިނަ ގޮތްތަކެއް އެބަހުރި ކަމަށާއި، ކޮންމެހެން ފޯނުން ގުޅައިގެން އެ މައުލޫމާތު ހޯދަން ނުޖެހޭ ކަމަށެވެ.

ދިވެހިން އާންމުކޮށް ބޭނުންކުރާ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުން ވެސް ވޭތުވެދިޔަ ދެ އަހަރުތެރޭ އެތައް ސަތޭކަ މިލިއަން ޔޫސާއެއްގެ ޒާތީ މައުލޫމާތު ލީކުވެފައިވާކަން ރިޕޯޓުތަކުން ދައްކާ ކަމަށް އޭނާ ވިދާޅުވި އެވެ.

"ޑޭޓާ ބްރީޗްވެގެން ކަސްޓަމަރުގެ އީމެއިލް، ޕާސްވޯޑް، ދިރިއުޅޭ ގައުމު، އުފަން ތާރީހު ފަދަ ޒާތީ މައުލޫމާތު އެހެން ފަރާތްތަކަށް ލިބޭ. އަދި އީމެއިލް އަށް އެކްސެސް ލިބުމުން އީމެއިލްގައި ސޭވްކޮށްފައި ހުންނަ ޑޭޓާ ވެސް އެބަ ލިބޭ،" ތަޖުރިބާކާރު ވިދާޅުވި އެވެ.

މި ޒަމާނުގައި ކަސްޓަމަރުންގެ މައުލޫމާތު ހޯދޭނެ ގިނަ ގޮތްތަކެއް އެބަހުރި، ކޮންމެހެން ފޯނުން ގުޅައިގެން އެ މައުލޫމާތު ހޯދާކަށް ނުޖެހޭ

މި ޒަމާނުގައި ކަސްޓަމަރުންގެ މައުލޫމާތު ހޯދޭނެ ގިނަ ގޮތްތަކެއް އެބަހުރި، ކޮންމެހެން ފޯނުން ގުޅައިގެން އެ މައުލޫމާތު ހޯދާކަށް ނުޖެހޭ

ކަސްޓަމަރުންގެ މައުލޫމާތުތައް ރައްކާތެރިކޮށް ބެލެހެއްޓުމަށް އެފަދަ ހިދުމަތް ދޭ ޕްލެޓްފޯމްތަކުން ވެސް އަންނަނީ ހޭލުންތެރިކުރުވަމުން ކަން އޭނާ ފާހަގަކުރެއްވި އެވެ.

ހަމައެކަނި ފޯނު ކޮށްގެން މައުލޫމާތު ހޯދާ މައްސަލަތައް ވެސް ފެންމަތިވެފައިވާ ކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ކަސްޓަމަރުގެ އަތުގައި ފޯނު އޮންނަ ވަގުތު ވެސް އޭގައި ހިމެނޭ ޑޭޓާ ބޭނުންކޮށްގެން އެހެން ފަރާތަކުން މުއާމަލާތްކޮށްފައިވާ ކަމަށެވެ.

"އީމެއިލް އާއި އީމެއިލް ޕާސްވޯޑް ލިބި އަދި ބްރައުޒާގައި އިންޓަނެޓް ބޭންކިން ޔޫސާނޭމް އަދި ޕާސްވޯޑް ސޭވްކޮށްފައި ހުރުމުން އެކައުންޓުން މުއާމަލާތްތައް ކޮށްފައި އެބަހުރި. މިއީ ރާއްޖޭން ބޭރުގެ ބައެއް ގައުމުތަކުގައިވެސް މިހާރަކަށްއައިސް ހިނގަމުން އަންނަކަމެއް،" ތަޖުރިބާކާރު ވިދާޅުވި އެވެ.

އެހެންވެ، އީމެއިލްގައި ވަރުގަދަ ޕާސްވޯޑެއް ޖަހައި، ބްރައުޒާތަކުގައި އިންޓަނެޓް ބޭންކިންގެ ތަފްސީލް އަދި ކާޑުގެ މައުލޫމާތު ސޭވް ނުކުރުމަކީ ރައްކާތެރިވުމުގެ ގޮތުން އެޅޭނެ މުހިންމު ފިޔަވަޅެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ބޭންކާއި، ފުލުހުންގެ އިތުރުން އެހެން އިދާރާތަކުން އެފަދަ ކަންކަމަށް އާންމުން ހޭލުންތެރިކުރަމުން އަންނައިރު ވެސް ބައެއް ކަސްޓަމަރުންނަށް އަންނަ ކޯލްތަކާއި މެއިލްތައް މެދުވެރިކޮށް މައުލޫމާތު ދޭކަން ފާހަގަކުރެވޭ ކަމަށް ބީއެމްއެލްގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މުހައްމަދު ސައީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް އެބަ ގުޅާ އެކައުންޓުން ފައިސާ ގެއްލިގެން. މިފަދަ މައްސަލަތަކަށް ބަލާއިރު މި އޮންނަނީ އީމެއިލް ކޮންމްޕޮރޮމައިޒްވެގެން ނުވަތަ ބްރައުޒާގައި ނުވަތަ އީމެއިލްގައި ޕާސްވޯޑް ސޭވްކޮށްފައި އޮތުމުގެ ސަބަބުންއެހެން ފަރާތަކަށް އިންޓަނެޓް ބޭންކިން އަށް ވަދެ އޯޓީޕީ ބޭނުންކޮށްގެން މުއާމަލާތްކުރުމުގެ ފުރުސަތު ދެވިފައި،" ސައީދު ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި، އެފަދަ ހާލަތްތަކުގައި ކަސްޓަމަރުންގެ ފައިސާ ލިބޭ ފަރާތުގެ މައުލޫމާތު ހޯދަން އެދުނު ނަމަވެސް، އެ މައުލޫމާތު ހިއްސާކުރެވޭނީ ހަމައެކަނި ތަހުގީގީ އިދާރާތަކަށެވެ. އެހެންވެ، އެފަދަ މައްސަލަތައް ޕޮލިހަށް ހުށަހަޅަން ކަސްޓަމަރުން ގާތު އެދެން ކަމަށް ސައީދު ވިދާޅުވި އެވެ.

"މިކަމުގެ ހިތްހަމަނުޖެހުން ކަސްޓަމަރުންގެ އެބަހުރި. އެހެން ނަމަވެސް މިކަމުގައި ބޭންކުން އަމަލުކުރަމުން މިދަނީ ގާނޫނާއި ގަވާއިދާ އެއްގޮތަށް. ޕޮލިހުންގެ ފަރާތުން ތަހުގީގަށް ބޭނުންވާ މައުލޫމާތުތައް ބޭންކުން ދަނީ ފޯރުކޮށްދެމުން،" ސައީދު ވިދާޅުވި އެވެ.

ސައީދު ވިދާޅުވިގޮތުގައި، ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔެއަށް ބަލާއިރު ވެސް އެންމެ މަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތަކެވެ. ބޭންކުތަކުން ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ރައްކާތެރިކުރަން އަޅާ ފިޔަވަޅުތަކާއި އެ ކަސްޓަމަރުންނަށް މާލީ ގެއްލުން ނުވާނެހެން ގާއިމުކުރާ ނިޒާމްތައް އަބަދުވެސް އެ ނެޓްވޯކުތަކުން މޮނިޓަރު ކުރެ އެވެ.

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ކާޑު ބޭނުންކޮށްގެން ފައިސާ ނަގަނީ؛ ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔޭގަ ވެސް އެންމެ މަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތަކެއް

ބީއެމްއެލްގެ އޭޓީއެމްއަކުން މީހަކު ކާޑު ބޭނުންކޮށްގެން ފައިސާ ނަގަނީ؛ ބީއެމްއެލްއާ ގުޅިފައިވާ ކާޑު ނެޓްވޯކްތަކަކީ މުޅި ދުނިޔޭގަ ވެސް އެންމެ މަގްބޫލު އަދި ރައްކާތެރި ކާޑު ނެޓްވޯކްތަކެއް

"ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތު ބޭންކުގައި ރައްކާކޮށްފައި ނުބަހައްޓާ. އަދި ކާޑު ތައްޔާރުކޮށްގެން ކަސްޓަމަރުންނާ ހަމަޔަށް ފޯރުކޮށްދެވެނީ ވެސް ބައިނަލްއަގުވާމީ މިންގަނޑުތަކާއެއް ގޮތަށް. އެހެންކަމުން ބޭންކުގެ މުވައްޒަފުންނަށް ކާޑެއް ބޭނުންކުރެވޭނެ މިންވަރަކަށް ކަސްޓަމަރުންގެ ކާޑުގެ މައުލޫމާތެއް ނޭންގޭނެ،" ސައީދު ވިދާޅުވި އެވެ.

އޮންލައިން އަދި އޮފްލައިންކޮށް އީ-ކޮމާސް މާޗެންޓުންގެ ފަރާތުން ކާޑުގެ މައުލޫމާތު ހާމަވާ ހާލަތްތަކުގައި ކަސްޓަމަރުންނަށް ފުރިހަމަ ރައްކާތެރިކަން ލިބޭނެ ކަމަށާއި އެފަދަ ކަމަކުން މާލީ އެއްވެސް ގެއްލުމެއް ނުލިބޭނެ ކަމަށް އޭނާ ވިދާޅުވި އެވެ. އެ ހާލަތުގައި ކާޑު ހެއްދުމަށް އެއްވެސް ފީއެއް ވެސް ނުނަގާނެ އެވެ.

ސައިބަ ސެކިއުރިޓީއަކީ ކޮންމެ މީހަކަށް ވެސް އޭގެ އަސަރުކުރާ، އެތަކެއް ގެއްލުންތަކާއި ހިތާމަވެރި ހާދިސާތަކުން ފަރުދުންނާއި ވިޔަފާރިތަކާ މުއައްސަސާތައް ރައްކާތެރިކުރުމަށް މިހާރުން މިހާރަށް ބޭނުންވެފައިވާ ހިދުމަތެއް ކަމަށް، "ނޭޝަނަލް ސައިބަ ސެކިއުރިޓީ އެވެއާނަސް މަންތު" ފެށުމަށް ބޭއްވި ރަސްމިއްޔާތުގައި އެންވަޔަރަމެންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވެސް ވަނީ ވިދާޅުވެފަ އެވެ.

އީމެއިލަކީ އިންޓަނެޓް ބޭންކިން އަދި އަމިއްލަ އެކި ބޭނުންތަކުގައި ބޭނުންކުރާ ވަސީލަތެކެވެ. ސެކިއުރިޓީގެ ގޮތުން ވަރުގަދަކުރުމަށް ފޯނަށް އަންނަ އެއްވެސް ކޯޑެއް އެހެން ފަރާތަކާ ހިއްސާނުކުރުމުން ރައްކާތެރިވާނެ އެވެ. އަދި ބްރައުޒާތަކުގައި ޒާތީ މައުލޫމާތު ރާއްކާ ކުރުން ވެސް ބުއްދިވެރިއެއް ނޫނެވެ.