Roadha Mihaaru
ހާވަޑްގެ ނަމުގައި އައި ފޭކް މެއިލްތަކުން ބޮޑު ދެރައެއް

ހާވަޑް ޔުނިވަސިޓީން ވަޒީފާ ހަމަޖެހުނު ކަމުގެ ފޭކް މެއިލްތަކަށް ހެއްލުމުން އެންޑީޓީވީގެ ނޫސްވެރިޔަކަށް ބޮޑު ލަނޑެއް

17 ޖެނުއަރީ 2021

އިންޑިއާގެ އެންޑީޓީވީ އެންމެ ވަރުގަދަ އެއް ޕްރޮގްރާމް ކަމަށްވާ "ލެފްޓް، ރައިޓް އެންޑް ސެންޓާ" ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހޯސްޓްކުރި ކުޅަދާނަ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ނިދީ ރާޒްދާން އަށް ހާވަޑް ޔުނިވަސިޓީގެ ނަމުގައި ބަޔަކު ފޮނުވި ފޭކް މެއިލްތަކަކަށް ހެއްލުމުން ބޮޑު ގެއްލުމެއް ވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އިންޑިއާގެ އެންޑީޓީވީ އެންމެ ވަރުގަދަ އެއް ޕްރޮގްރާމް ކަމަށްވާ "ލެފްޓް، ރައިޓް އެންޑް ސެންޓާ" ވަރަށް ގިނަ ދުވަސްތަކެއް ވަންދެން ހޯސްޓްކުރި ކުޅަދާނަ ޕްރެޒެންޓަރު އަދި ނޫސްވެރިޔާ ނިދީ ރާޒްދާން އަށް ހާވަޑް ޔުނިވަސިޓީގެ ނަމުގައި ބަޔަކު ފޮނުވި ފޭކް މެއިލްތަކަކަށް ހެއްލުމުން ބޮޑު ގެއްލުމެއް ވެއްޖެ އެވެ.

އެންޑީޓީވީގައި 21 އަހަރު ހޭދަކުރުމަށް ފަހު ނިދީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގައި އެތަނުން ވަކިވީ އެމެރިކާގެ ހާވަޑް ޔުނިވަސިޓީން ލިބުނު ކަމަށް ބުނާ ވަޒީފާއަކާ ގުޅިގެންނެވެ. އެއީ އެތަނުގެ އެސޯސިއޭޓް ޕްރޮފެސަރެއްގެ މަގާމެވެ. މައިގަނޑު ޒިންމާ އަކީ ނޫސްވެރިކަން ކިޔަވައި ދިނުމެވެ.

މިދިޔަ އަހަރު ކޮވިޑް-19 ގެ ބޮޑު ބަލިމަޑުކަމުގެ ތެރޭގައި ލިބުނު ރަނުގެ ފުރުސަތާ އެކު ނިދީ ފުރައިގެން އެމެރިކާ އަށް ދިޔަ އެވެ. އޭގެ ފަހުން ވެސް އެންޑިޓީވީ ގެނެސްދޭ އެކި ޕްރޮގްރާމްތަކުގައި ޕެނަލިސްޓެއްގެ ގޮތުގައި ނިދީ ބައިވެރިވަމުން ދިޔަ އެވެ. އޭނާގެ ފޮޓޯ އާއި ނަން ޓީވީ ސްކްރީނަށް އަރުވަނީ ހާވާޑް ޔުނިވަސިޓީގެ އެސިސްޓަންޓް ޕްރޮފެސަރުގެ ނަމާ އެކީގަ އެވެ.

އެކަމަކު މި ހުރިހާ ކަމަކީ ބައެއްގެ ބޮޑު އޮޅުވާލުމެއްކަން އެނގި އެކަން ވީ ގޮތް ނިދީ، 43، ވަނީ ދިގު ބަޔާނެއްގައި ޓްވިޓާގައި އާންމުކޮށްފަ އެވެ.

ހާވަޑުން ބޮޑު މަގާމެއް ލިބުނު ކަމަށް ބުނެ ނިދީ އަށް ބަޔަކު މުއާމަލާތްކުރި ނަމަވެސް މިއީ ހާވަޑުން ދެނަހުރި ކަމެއް ވެސް ނޫނެވެ. ނިދީ އަށް ފުރުސަތު ދިން ކަމަށްވާ ބުނާ ހާވާޑް ޔުނިވަސިޓީ ފެކަލްޓީ އޮފް އާޓްސް އެންޑް ސައިންސްގެ ދަށުން ޖާނަޒަލިމްގެ ޑިޕާޓްމަންޓެއް އަދި އަމުދުން އެ ޔުނިވަސިޓީގައި ޕްރޮފެޝަނަލް ޖާނަލިޒަމް ކިޔަވައިދޭ ތަނެއް ނުވެސް ނެތެވެ.

ވެގެން އުޅޭ އޮތް އެނގުނީ މަގާމުގެ މަސްއޫލިއްޔަތާ ހަވާލުވެވޭނެ ދުވަހެއް ނޭނގި އެކަން ދިގުލައިގެން ދާން ފެށުމުން ޔުނިވަސިޓީ އަށް ގޮސް މައުލޫމާތު ހޯދުމުންނެވެ. ޖޫން މަހު ނިދީ ފުރައިގެން ގޮސް އެތައް ދުވަހެއްވީ އިރު ޔުނިވަސިޓީ އަށް ދާންޖެހޭ ދުވަހެއް ނޭނގިގެން، އޭނާއާ މުއާމަލާތްކުރި މީހުންނަށް މެއިލްކުރުމުން ބުނީ މަސައްކަތް ފަށާނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި ކަމަށެވެ. އެކަމަކު އަހަރު ނިމިގެން ދިޔަ އިރު ވެސް ނިދީ އަށް ފުރުސަތެއް ނުލިބެ އެވެ. އެހެންވެ އަލުން އަނެއްކާ ސުވާލު ފެންމަތިކުރުމުން ދިން ޖަވާބަކީ މި މަހުގެ ތެރޭގައި މަސައްކަތް ފަށަން ޖެހޭނެ ކަމަށެވެ. އެކަމަކު މަސް ނިމުނުއިރު ވެސް ފުރުސަތެއް ނުލިބެ އެވެ.

އަސްލު މައްސަލަ ސާފުވި އިރު، މިއީ ބަޔަކު ހާވަޑް ޔުނިވަސިޓީގެ ލެޓަހެޑް ފޯޖްކޮށްގެން އެތަނުގެ ވެރިންތަކެއް ނަމާއި ސޮއި ވެސް ބޭނުންކޮށްގެން އޮޅުވާލައިގެން ކުޅެފައިވާ ބޮޑު ކުޅިގަނޑެކެވެ.

ނިދީ ބުނި ގޮތުގައި އޭނާ އަށް މި ވަރުގެ ލަނޑެއް ބަޔަކު ދިނީ އަމިއްލަ އީމެއިލާއި އޭނާގެ ޕްރޮފައިލާއި ސޯޝަލް މީޑިއާ އެކައުންޓްތަކުން ލިބެން ހުރި މައުލޫމާތުތައް ބޭނުންކޮށްގެން ކަމަށެވެ. އަދި އެކަން ކުރިލެއް "ޕްރޮފެޝަނަލްކަމުން" މިއީ އޮޅުވާލުމެއްކަން އެއްގޮތަކަށް ވެސް ނޭނގުނު ކަމަށް ބުނެފައިވެ އެވެ.

މި މައްސަލަ ބަލައިދީ، ލަނޑު ދިން މީހުންނަށް އަބަދު ދިނުމަށް ނިދީ މިހާރު ވަނީ އިންޑިއާގެ ކަމާބެހޭ ފަރާތްތަކަށް ވެސް ހުށަހަޅައިފަ އެވެ. އަދި ހާވަޑް ޔުނިވަސިޓީން ވެސް މި މައްސަލަ ބަލައިދޭން އެދި ނިދީ ވަނީ އެތަނަށް ސިޓީއެއް ފޮނުވައިފަ އެވެ.

އިންޓަނެޓް މެދުވެރިކޮށް މިފަދަ މަކަރުވެރި ރޭވުންތައް ރާވައި މީހުންނަށް ލަނޑު ދިނުމަކީ އާ ކަމެއް ނޫނެވެ. އެކަމަކު ގިނަ ބަޔަކަށް ނިދީގެ މައްސަލާގައި ހައިރާން ކުރުވަނިވި ކަމަކަށްވީ ނިދީ ކަހަލަ މޮޅު ނޫސްވެރިޔަކު ހައްދައިލެވުނީތީ އެވެ.

ނިދީ އަށް ދިމާވި ހާދިސާއާ ގުޅިގެން އޭނާ އަށް ހިތްވަރު ދިން މީހުންނަށް ޓްވިޓާގައި ޝުކުރު ވެސް އަަދާކޮށްފައިވެ އެވެ. ކަޝްމީރަށް އުފަން ނިދީ އަކީ އިންޑިއަން އިންސްޓިޓިއުޓް އޮފް މާސް ކޮމިއުނިކޭޝަންގައި ރޭޑިއޯ އެންޑް ޓީވީ ޖާނަލިޒަމް އިން ޕޯސްޓް-ގްރެޖްއޭޓް ޑިޕްލޮމާ ހާސިލުކޮށްފައިވާ މީހެކެވެ.