Roadha Mihaaru

ޑަކްސަންގެ ކުއްލި މަރުން ވެލެންސިއާ އަށް ޝޮކެއް

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ވެލެންސިއާ އުނދަގުލުން ހޯދި މޮޅުވީ، އެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. ކުރިން މެޗުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވި އިރު ޓީމު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އަނިޔާ އާއި ހެދި ޓީމުގެ މުހިންމު ކުޅުންތެރިން ބާކީ ވެފައިވާ ވަގުތު އެއްވަރެއްގައި ކުޅުން ހިފަހައްޓަން އޮތީ އުނދަގޫ ވެފަ އެވެ.

ޑަކްސަންގެ ކުއްލި މަރުން ވެލެންސިއާ އަށް ޝޮކެއް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

27 ފެބުރުއަރީ 2022

ދިވެހި ޕްރިމިއާ ލީގުގައި އިއްޔެ ދަ ގްރާންޑޭ ސްޕޯޓްސް ކްލަބްގެ މައްޗަށް ވެލެންސިއާ އުނދަގުލުން ހޯދި މޮޅުވީ، އެ ޓީމަށް ލިބުނު ބޮޑު ހިތްހަމަޖެހުމަކަށެވެ. ކުރިން މެޗުގައި ގްރީން ސްޓްރީޓްސް އަތުން ބަލިވި އިރު ޓީމު އޮތީ އުނދަގޫ ހާލަތެއްގަ އެވެ. އަނިޔާ އާއި ހެދި ޓީމުގެ މުހިންމު ކުޅުންތެރިން ބާކީ ވެފައިވާ ވަގުތު އެއްވަރެއްގައި ކުޅުން ހިފަހައްޓަން އޮތީ އުނދަގޫ ވެފަ އެވެ.

ޕްރެޒިޑެންޓްސް ކަޕް ފައިނަލް މެޗުގައި ކެޕްޓަން އަލީ ފާސިރު (ސެންޓޭ) އަށް ލިބުނު އަނިޔާއިން އޭނާ އަށް އަދި އަރައި ނުގަނެވެ އެވެ. ޓީމުގެ ޕްރެކްޓިހުގައި ހޭދަކުރަނިކޮށް ފޯވާޑް އަބްދުﷲ މިދުހަތު ފަހްމީ (ބިޗަޑް) އަށް އަނިޔާވި އެވެ. އިސްމާއީލް އީސާ ވެސް ހުރީ އަނިޔާގަ އެވެ. މިޑްފީލްޑަރު އަސްހަދު އަލީ (އަޑުބަރޭ) ގެންދަނީ 15 ދުވަހުގެ ޖަލުގެ ހުކުމެއް ތަންފީޒު ކުރަމުންނެވެ. އެ ޓީމަށް ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކޮށްދިން ކޯޗް އިސްމާއީލް އާސިފް (ކުޑަ ހީނާ) ބުނި ގޮތުގައި ޓީމަށް ކުރިމަތި ވެފައިވާ މި އުނދަގޫ ހާލަތުގައި ގްރާންޑޭ އަތުން އިއްޔެ ހޯދި މޮޅާ އެކު ވެލެންސިއާއިން ހަމަޖެހުމުގެ ނޭވާ އެއް ލެވުނު ވަގުތު ދެން ލިބުނީ ގަބޫލު ކުރަން ދަތި ހަބަރެކެވެ.

ޑަކްސަން ދިރިއުޅޭ އެޕާޓްމެންޓްގައި އޭނާގެ ކޮޓަރީގައި ދަން ޖެހިފައި މަރުވެފައި ހުއްޓާ ފެނުނު ހަބަރުން ވެލެންސިއާ އަށް ލިބުނީ ޝޮކެކެވެ. އިއްޔެ ގްރާންޑޭ އާ ދެކޮޅަށް ކުޅުނު މެޗުގައި ޑަކްސަން އަށް އަރާމު ކުރަން ފުރުސަތު ދިނީ އޭގެ ކުރީގެ މެޗުގައި އޭނާ އަށް ލިބުނު އަނިޔާއިން ރިކަވާ ވުމަށެވެ. އަނިޔާގައި ތިބި ކުޅުންތެރިންގެ ތެރެއިން ކުރިއަށް އޮތް ޓީސީ މެޗަށް އެންމެ އަވަހަށް ފިޓް ކުރެވޭނެ ކުޅުންތެރިޔަކަށް ހުރީ ވެސް ޑަކްސަން އެވެ.

ޑަކްސަން ބޯޅައިގައި ޖަހަން މަސައްކަތް ކުރަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު

ޑަކްސަން ބޯޅައިގައި ޖަހަން މަސައްކަތް ކުރަނީ --. ފޮޓޯ: ނިޝާން އަލީ/ މިހާރު

"އަނިޔާއާ ގުޅިގެން ޑޮކްޓަރަށް ދެއްކީމަ އޭނަ ގާތު ބުނި ހަތަރު ދުވަސް ވަންދެން ރެސްޓް ކުރާށޭ. އޭނަ ވެސް ބުނި ކޯޗޭ ތިމަންނަ ވެސް ތިން ހަތަރު ދުވަސްތެރޭ ޕްރެކްޓިހަށް ނުކުންނާނަމޭ،" ކޯޗިން ޓީމާ އެންމެ ފަހުން ޑަކްސަން ކުރި މުއާމަލާތް ހީނާ ކިޔައިދިނެވެ.

އޭނާ އަށް ބަރާބަރަށް މުސާރަ ހަމަޖައްސައިދިން

ހީނާ ބުނި ގޮތުގައި އޭއެފްސީ ކަޕްގެ ކޮލިފައިން އަށް ވަރުގަދަ އަށް ތައްޔާރުވާ ވާހަކަ ޑަކްސަން ދިޔައީ ދައްކަމުންނެވެ. ޓީމާ މެދު އޭނާ ހުރީ ހިތްހަމަޖެހިގެންކަން ކުޅުންތެރިން ގާތު އޭނާ ދިޔައީ ބުނަމުންނެވެ. އޭނާ އަށް މުސާރައިގެ މައްސަލައެއް ދިމައެއް ނުވެ އެވެ. ހީނާ ބުނި ގޮތުގައި ޑަކްސަން އަށް މުސާރަ ދެނީ ކްލަބްގައި މަސައްކަތް ކުރާ އިސް އޮފިޝަލެއްގެ އަމިއްލަ ޖީބުންނެވެ.

"ހަމަ ގައިމު ވެސް އޭނާ އަށް މުސާރައިގެ މައްސަލަ ކުރިމަތި ނުވާނެ. ފުޑް މަނީއާ އެކު ގާތްގަނޑަކަށް 1700 އެއްހާ ޑޮލަރު އަހަރެމެންގެ ތެރެއިން މީހަކު އަމިއްލަ ޖީބުން އޭނާ އަށް ކޮންމެ މަހަކު ދެން،" ހީނާ ބުންޏެވެ.

"އޭނާ ވެލެންސިއާ އަށް ސޮއި ކުރުވީ ވެސް އެ ޔަގީންކަން ދިނުމަށް ފަހު. އޭނަގެ މުސާރަ ބަރާބަރަށް ދެމުން ދާނެކަން ޔަގީންކަން ދިނުމަށް ފަހު. އޭނާ އަށް މުސާރަ ދެން ކްލަބްގެ މެނޭޖުމެންޓަކާ ނުޖައްސަން."

ވެލެންސިއާގެ ކުޅުންތެރިންނަށް ނަފުސާނީ ގޮތުން އަސަރު ކުރި

ޑަކްސަން ދިރިއުޅޭ ކޮޓަރީގައި އޭނާގެ ދަން ޖެހިފައި ހުއްޓާ ފެނުނު ހަބަރު ވެލެންސިއާގެ ކުޅުންތެރިން ތިބޭ ވައިބާ ގުރޫޕަށް ފޮނުވުމުން އެ ވާހަކަވީ އެ ޓީމުގެ ކުޅުންތެރިންނަށް ގަބޫލު ކުރަން ދަތިވި ވާހަކަ އަކަށެވެ.

ހީނާ ބުނިގޮތުގައި ވެލެންސިއާގެ ކުޅުންތެރިން އުޅޭނީ އެއް އެއް އާއިލާއެއްގެ ގޮތުގަ އެވެ. އެކަކު އަނެކަކަށް ދިމާވާ ކަންކަން ވެސް އެނގެހާ ގާތް ގުޅުމެއް ކުޅުންތެރިންގެ މެދުގައި އުފެދިފައިވާ ކަމަށް ހީނާ ބުންޏެވެ. ތިން ރޫމް އެޕާޓްމެންޓްގައި ޑަކްސަން އާއެކު ވެލެންސިއާގެ އިތުރު ދެ ކުޅުންތެރިޔަކު ވެސް އަނެއް ދެ ކޮޓަރީގައި ދިރި އުޅެ އެވެ. އެހެން ނަމަވެސް އޭނާގެ ފަރާތުން ނުތަނަވަސް ކަމުގެ އެއް ވެސް އަސަރެއް އޭގެ ކުރިންނެއް އެއް ވެސް ކުޅުންތެރިޔަކަށް ވެސް އަދި އެއް ވެސް އޮފިޝަލަކަށް ވެސް ފާހަގައެއް ނުކުރެ ވެއެވެ.

ވެލެންސިއާގެ ފުރަތަމަ ލަނޑު ޖަހައިދިން ޑަކްސަން --- ފޮޓޯ: ނިޝާން އަލި | މިހާރު

ވެލެންސިއާގެ ފުރަތަމަ ލަނޑު ޖަހައިދިން ޑަކްސަން --- ފޮޓޯ: ނިޝާން އަލި | މިހާރު

އެ ހާދިސާ އަށް ފަހު ޑަކްސަންގެ ހަށިގަނޑު އައިޖީއެމް ހޮސްޕިޓަލަށް ގެންގޮސް ޓެސްޓްތައް ހެއްދި އިރު ވެސް ހަށިގަނޑަށް އެއް ވެސް ގެއްލުމެއް ލިބިފައި ނެތް ކަމަށް މެޑިކަލް ރިޕޯޓްތަކުން ފާހަގަ ކުރެވިފައިވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށް ވެލެންސިއާގެ އެހެން އޮފިޝަލަކު ބުންޏެވެ.

ވެލެންސިއާގެ ކުޅުންތެރިންނަށް ލިބުނު ހަބަރާ އެކު ކުޅުންތެރިން ދިޔައީ އައިޖީއެމްޗަށް ޖަމާވަމުންނެވެ. ކުޑަ ހީނާ ބުނިގޮތުގައި ކުޅުންތެރިންނަށް ނަފުސާނީ ގޮތުން ވަނީ އަސަރުކޮށްފަ އެވެ.

"ވެލެންސިއާ ޓީމަށް ޝޮކެއް އަންނާނެވަރުގެ ކަމެއް މީ. ރަނގަޅަށް ހެލްދީކޮށް ހުރި ކުޅުންތެރިޔަކު މިކަހަލަ ގޮތަކަށް ވީމަ ކުޅުންތެރިންނަށް ވެސް ގަބޫލެއް ނުކުރެވުނު،" ހީނާ ބުންޏެވެ.

"ވެލެންސިއާ އަށް ލިބުނު ގެއްލުމަކަށް ވުރެ މިކަހަލަ ގޮތަށް މިހެން ދިމާވީމަ އުނދަގޫ ވޭ. ކުޅުންތެރިންނަށް މެންޓަލީ ވަރަށް ބޮޑު ކަމަކަށް މިކަން ވާނެ. އެކަކަށް ވެސް ގަބޫލު ކުރެވުނު ކަމެއް ނޫން މިއީކީ."

މިދިޔަ އަހަރު ރާއްޖޭގައި ބޭއްވި ސާފް ޗެމްޕިއަންޝިޕާއި ލަންކާގައި ބޭއްވި މަހިންދަ ރާޖަޕަކްސަ މުބާރާތުގައި ވެސް ލަންކާގެ ގައުމީ ޓީމުގައި މޮޅު ކުޅުމެއް ދެއްކި ޑިފެންޑަރުގެ ކުއްލި މަރުގެ ހަބަރު ލަންކާގެ ކޯޗް އާމިރު އަލަގިޗް އަށް ވެސް ވީ ޝޮކަކަށެވެ.

ރާއްޖޭގެ ޓީސީ ސްޕޯޓްސް ކްލަބަށް ކުޅޭ ލަންކާގެ ކެޕްޓަން އަދި ގޯލް ކީޕަރު ސުޖަން ޕެރާ ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި ޑަކްސަންއާ އެކު ވާހަކަ ދައްކަނީ އެކުގައި ކުޅެ ގިނަ ތަށިތަކެއް ހޯދާ ވާހަކަ އެވެ.

"އަހަރެމެން އަބަދު ވެސް ދައްކަނީ ގިނަ މެޗުތަކަކުން މޮޅުވާ ވާހަކަ. ގިނަ ތަށިތަކެއް ހޯދާ ވާހަކަ. އަދި އެކުގައި ކުޅުން ހުއްޓާލާ ވާހަކަ،" ސޯޝަލް މީީޑިއާގައި ސުޖަން ލިޔެފައި ވެއެވެ.