Roadha Mihaaru
ވެލެންސިއާއިން ފަހަތުން އަރައި އީގަލްސް ބަލިކޮށްފި

ވެލެންސިއާއިން ފަހަތުން އަރައި އީގަލްސް ބަލިކޮށްފި

26 ޖުލައި 2022

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއިން ފުރަތަމަ ހާފުގައި ލީޑް ނަގައިފައި ވަނިކޮށް ވެލެންސިއާއިން ފަހަތުން އަރައި ދެވަނަ ހާފުގައި 3-1 ން މޮޅު ވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ދިވެހި ޕްރިމިއާ ލީގުގައި މިރޭ ކްލަބް އީގަލްސްއިން ފުރަތަމަ ހާފުގައި ލީޑް ނަގައިފައި ވަނިކޮށް ވެލެންސިއާއިން ފަހަތުން އަރައި ދެވަނަ ހާފުގައި 3-1 ން މޮޅު ވެއްޖެ އެވެ.

މެޗުން މޮޅުވެ ވެލެންސިއާ ވަނީ ގަދަ ހަތަރެއްގެ ރޭހުގައި ހިފަހައްޓައިފަ އެވެ. މިހާރު ވެލެންސިއާ އަށް ލިބިފައި ވަނީ 29 ޕޮއިންޓެވެ. އެ ޓީމު މިހާރު އޮތީ ތިންވަނައިގަ އެވެ. އީގަލްސް އަށް ދެވަނަ މަގާމު ނުގެއްލޭނެ ވަރަށް އެ ޓީމުން ވަނީ ޕޮއިންޓް ހޯދައިފަ އެވެ. އެ ޓީމަށް ލިބިފައި ވަނީ 46 ޕޮއިންޓެވެ. ލީގުގައި އެ ޓީމަށް ވެސް ބާކީ އޮތީ އެންމެ މެޗެކެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި އީގަލްސް އަށް ލީޑް ނަގައިދިނީ އަހުމަދު ރިޒުވާން (ރިޒޭ) އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 27 ވަނަ މިނެޓްގައި ޕެނަލްޓީ އަކުންނެވެ. އެ ޕެނަލްޓީ އީގަލްސް އަށް ލިބުނީ އެ ޓީމުގެ ބްރެޒިލްގެ ފޯވާޑް ބުރްނޯ ވިނީޝިއުސް އޭރިއާ ތެރެއަށް ހުސްކޮށް ވަނުމުން، ވެލެންސިއާގެ ކީޕަރު އާދަމް އިމްއާން، ބުރްނޯގެ ފައިބުޑަށް ޑައިވް ކުރުމުން އޭނާ އޭރިއާ ތެރެއަށް ވެއްޓުމުންނެވެ. ރިޒުވާން ޕެނަލްޓީ ފޮނުވާލީ ގޯލްގެ ކަނަށެވެ.

އީގަލްސް އަށް ލީޑް ނަގައިދިން ރިޒުވާން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: އޭނާ ލަނޑު ޖެހިޔަސް ދެވަނަ ހާފުގައި ވެލެންސިއާ އިން ވަނީ ފަހަތުން އަރައި މޮޅުވެފަ --- ފޮޓޯ: އެފްއޭއެމް

އީގަލްސް އަށް ލީޑް ނަގައިދިން ރިޒުވާން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: އޭނާ ލަނޑު ޖެހިޔަސް ދެވަނަ ހާފުގައި ވެލެންސިއާ އިން ވަނީ ފަހަތުން އަރައި މޮޅުވެފަ --- ފޮޓޯ: އެފްއޭއެމް

ދެވަނަ ހާފުގައި ވެލެންސިއާ އިން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ލަނޑު ޖެހީ އިސްމާއީލް އީސާ އެވެ. މެޗުގެ ނަތީޖާ ވެލެންސިއާ އަށް އީސަ ހަމަހަމަ ކޮށްދިނީ ލިބުނު ޕެނަލްޓީ އަކުންނެވެ. ވެލެްންސިއާގެ މިސްރުގެ ފޯވާޑް ހަލީލް ޖަމާލް އޭރިއާގެ ތެރެއަށް ވަނުމުން، ވެލެންސިއާގެ އަބްދުﷲ ސަމީހް މޫސާ (ސަމިއްޓޭ) މަސައްކަތް ކުރީ ހަލީލް އަށް ހުރަސް އެޅުމަށެވެ. ސަމީހް ގައިގައި ޖެހި ހަލީލް އޭރިއާގެ ތެރެއަށް ވެއްޓުނެވެ. ރެފްރީ ދެއްކީ ޕެނަލްޓީއެއް ކަމަށެވެ. އީސަ ޕެނަލްޓީ ފޮނުވާލީ ގޯލްގެ ނަތީ ކަނަށެވެ.

ވެލެންސިއާ މެޗުން މޮޅުކޮށް ދިން ދެ ލަނޑު އެ ޓީމުން ޖެހީ އެންމެ ފަހު 10 މިނެޓްގަ އެވެ. އެ ޓީމަށް ލީޑް ނަގައިދިން ލަނޑު މުހައްމަދު އުމޭރު ޖެހީ މެޗުގެ 80 ވަނަ މިނެޓްގަ އެވެ. ޔޫސުފް ރަމީޒު (ރަމީ) އޭރިއާގެ ކަނާ ދިމާލުގައި ހުރެފައި ބޯޅަ ދިނީ އުމޭރު އަށެވެ. އޭރު އޭނާ ހުރީ އޭރިއާ ބޭރުގަ އެވެ. ބޯޅަ ރަނގަޅަށް ކޮންޓްރޯލް ކުރުމަށް ފަހު އޭރިއާ ބޭރުން އުމޭރު ވަނީ ގޯލްގެ ތިރީ ކަނަށް ބޯޅަ ފޮނުވައިލައިފަ އެވެ. އީގަލްސްގެ ކުޅުންތެރިންގެ ތެރެއިން އޭނާ ބޯޅަ ފޮނުވާލީ ތިރިތިރިންނެވެ.

ވެލެންސިއާގެ ތިން ވަނަ ލަނޑު ޖަހަން އީސަ އަށް ބޯޅަ ތަނަވަސް ކޮށް ދިނީ ވެސް ރަމީ އެވެ. އޭރިއާގެ ބޭރުގައި ހުރެފައި އޭނާ ބޯޅަ ދިނީ އޭރިއާ ތެރެއަށް ވަންނަން ދިޔަ އީސަ އަށެވެ. އީސަ ވަނީ އީގަލްސްގެ ޑިފެންޑަރުން ކައިރިން ވެސް ނައްޓާލުމަށް ފަހު ގޯލްޣެ ތެރެއަށް ބޯޅަ ފޮނުވައިލައިފަ އެވެ.