13 މާޗް 2022
ކްލަބް ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ދެވަނަ މަގާމަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.
ކްލަބް ވެލެންސިއާގެ މައްޗަށް 1-0 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތާވަލުގެ ދެވަނަ މަގާމަށް ކްލަބް އީގަލްސް ޖެހިލައިފި އެވެ.
އީގަލްސް ދެވަނައިގައި އޮތީ ވެލެންސިއާ އަށް ވުރެ އިތުރަށް އެއް ޕޮއިންޓް ހޯދައިގެންނެވެ. އީގަލްސް މިހާރު ވަނީ 13 ޕޮއިންޓް ހޯދައިފަ އެވެ. ވެލެންސިއާ ވަނީ ތިންވަނަ އަށް ވެއްޓިފަ އެވެ. އެޓީމަށް ލިބިފައި ވަނީ 12 ޕޮއިންޓެވެ.
ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި، އީގަލްސްގެ ލަނޑު ޖެހީ އެޓީމުގެ އިޓަލީގެ މިޑްފީލްޑަރު ޖިއާކޮމާ ފެވޭރޯ އެވެ. މެޗުގެ 12 ވަނަ މިނެޓްގައި އީގަލްސްއިން އުފެއްދި ހަމަލާ ވެލެންސިއާގެ ޑިފެންސުން ދިފާއު ކުރުމުން، ހާފުގެ މެދެއްހާ ހިސާބުން އޭރިއާ ބޭރަށް ބޯޅަ ނުކުތެވެ. ނުކުތް ބޯޅަ ފެވޭރޯ ވަނީ އެއްފަހަރުން ޖަހައި ބާރު ބޯޅައެއް ގޯލްގެ ތެރެއަށް ފޮނުވައިލައިފަ އެވެ.
މިސީޒަންގެ ދިވެހި ލީގުގައި ފުރަތަމަ ފަހަރަށް އަސްހަދު އަލީ (އަޑުބަރޭ) ވަނީ ކުޅެފަ އެވެ. މިއީ 15 ދުވަހުގެ ޖަލުގެ އަދަބު ތަންފީޒު ކުރުމަށްފަހު ގަލޮޅު ދަނޑުގައި އޭނާ ކުޅުނު ފުރަތަމަ މެޗެވެ.
އީގަލްސްގެ އަހްމަދު ހަސަން (ކ) ބޯޅަ ފޮނުވައލާއިރު އަސްހަދު ބަލަހައްޓައިގެން: މިއީ 15 ދުވަހު ޖަލުގައި ހޭދަ ކުރުމަށް ފަހު އަސްހަދު ކުޅުނު ފުރަތަމަ މެޗު --- ފޮޓޯ: އެފްއޭއެމް
ވެލެންސިއާ ކޮޅަށް އަވަހަށް ލަނޑު ވަނަސް، އެޓީމުން މެޗުގެ ތެރެއަށް އެނބުރި އައިސް ރަނގަޅު ފުރުސަތުތަކެއް އުފެއްދި އެވެ. ފުރަތަމަ ހާފުގައި ވެލެންސިއާ އަށް ލިބުނު އެންމެ ރަނގަޅު ފުރުސަތު ލިބުނީ ބޯހަސް މާޓިން އަށެވެ. ހަލީލް ޖަމާލް އޭރިއާގެ އަރިމަތިން އަރައި އޭރިއާގެ ތެރެއަށް ބޯޅަ ދިން އިރު ބޯހަސް ހުރީ މުޅިން ހުސްކޮށެވެ. ބޯހަސް ފޮނުވައިލި ބޯޅަ އީގަލްސްގެ ލުބުނާންގެ ކީޕަރު މުހައްމަދު ތޯހާ ފައިން ދިފާއު ކުރި އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް ތޯހާ އެވެ.
މެޗުގެ 62 ވަނަ މިނެޓްގައި އީގަލްސްގެ އަހްމަދު ހަސަން (އަންމަޑޭ) އަށް ރަނގަޅު ފުރުސަތެއް ލިބުނެވެ. އޭރިއާގެ ތެރެއިން އޭނާ ފޮނުވައިލި ބޯޅަ ވެލެންސިއާގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލެކް) ދިފާއު ކުރި އެވެ. ބޯޅަ ރީބައުންސްވި ނަމަވެސް އީގަލްސްގެ ކުޅުންތެރިންނަށް އެބޯޅަ ބޭނުމެއް ނުކުރެވުނެވެ. ފަހުން ފޮނުވައިލި ބޯޅަ ބާރެއް ނެތެވެ. ކީޕަރު ތޮލާލް ވަނީ ފަސޭހަކަމާއެކު ބޯޅަ ހޯދައިފަ އެވެ.
އީގަލްސް އާއި ވެލެންސިއާ މިރޭ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: އެފްއޭއެމް
އޭގެ މިނެޓެއް ފަހުން ބޯހަސް އަށް ވެސް ރަނގަޅު ފުރުސަތެއް ލިބުނެވެ. ހުސައިން ހަނާން ދިން ފުރުސަތުގައި ބޯހަސް އޭރިއާ ތެރެއަށް ވަން ގޮތަށް ފޮނުވައިލި ބޯޅަ ކީޕަރު ތޯހާ ވަނީ ވެއްޓިގެންފައި ބޯޅަ ސަލާމަތްކޮށްފަ އެވެ.
ދެވަނަ ހާފުގެ ފަހު ކޮޅުގައި އީގަލްސްއިން އުފެއްދި ހަމަލާއެއް ކީޕަރު ތޮލާލްގެ ގައިގައި ޖެހިފައި ގޯލް ދަނޑީގައި ކޭތިލާފައި ބޭރަށް ދިޔަ އެވެ. އީގަލްސްގެ ކުޅުންތެރިންނާއި ބެންޗުން ވެސް އެޕީލް ކުރީ ބޯޅަ ގޯލަށް ވަން ކަމަށެވެ. އެކަމަކު ރެފްރީ ނިންމީ ބޯޅަ ބޭރުވެފައިވާ ކަމަށެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ވެލެންސިއާއިން ފަހަތުން އަރައި އީގަލްސް ބަލިކޮށްފި
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
ކޯޗަކު އެއް ކްލަބެއްގައި ދިގުމުއްދަތަކަށް ނުހިފެހެއްޓޭ!
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް
މެޗަކުން ބަލިނުވެ އީގަލްސް ކުރިއަށް، ލީޑް ފުޅާކޮށްފި