Roadha Mihaaru
ދެ މަހަށްފަހު ވެލެންސިއާ މޮޅުވެއްޖެ، އީގަލްސް ވީބަލި

ދެ މަހަށްފަހު ލީގު މެޗަކުން ވެލެންސިއާ މޮޅުވެއްޖެ، ޔޫވީ އަތުން އީގަލްސް ވީބަލި

12 މެއި 2022

ދިވެހި ޕްރިމިއަ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދެ މަހަށް ފަހު ކްލަބް ވެލެންސިއާ ލީގުގެ މެޗަކުން މޮޅުވެއްޖެ އެވެ.

ދިވެހި ޕްރިމިއަ ލީގުގައި މިއަދު ހަވީރު ދަ ގްރާންޑޭގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދެ މަހަށް ފަހު ކްލަބް ވެލެންސިއާ ލީގުގެ މެޗަކުން މޮޅުވެއްޖެ އެވެ.

މިއަދުގެ މެޗުގެ ކުރިން އެޓީމު ލީގު މެޗަކުން މޮޅުވީ މާޗް މަހުގެ އަށް ވަނަ ދުވަހު ސުޕަ ޔުނައިޓެޑް ސްޕޯޓްސްއާ ދެކޮޅަށް ކުޅުނު މެޗުންނެވެ. އޭގެ ފަހުން ޑޮމެސްޓިކް ސީޒަންގެ މެޗަކުން މޮޅު ނުވިނަމަވެސް އޭއެފްސީ ކަޕް ކޮލިފައިންގެ ޕްރިލިމިނަރީ ބުރުގައި ބޫޓާންގެ ތިމްޕޫ ސިޓީ އަތުން މިދިޔަ މަހު ފަސް ވަނަ ދުވަހު މޮޅުވި އެވެ. އެމެޗުން ޕްރިލިމިނަރީގެ ދެވަނަ ބުރަށް ކޮލިފައިވި ނަމަވެސް ފަންޑް ނެތް ކަމަށް ބުނެ ވެލެންސިއާއިން ބަންގްލަދޭޝް އަށް ދަތުރެއް ނުކުރެ އެވެ. އެޓީމު މެޗަށް ނުދިުމުން ޑާކާ އަބަހާނީ މޮޅުވި ކަމަށް އޭއެފްސީން ނިންމި އެވެ. ޕްލޭޮފްގައި އަބަހާނީއާ ވާދަކޮށް ގުރޫޕް ސްޓޭޖުން ޖާގަ ހޯދީ އިންޑިއާގެ މޯހަން ބަގާން އެވެ.

މިރޭ ޔުނައިޓެޑް ވިކްޓަރީ އަތުން 2-0 ން ބަލިވެ، ކްލަބް އީގަލްސް އަށް ވަނީ މަޑު ޖެހުމެއް އައިސްފަ އެވެ. އީގަލްސް ބަލިވުމުން އެއްވަނައިގައި އޮތް މާޒިޔާ އާ ފަރަގު ކުޑަ ކުރުމުގެ ފުރުސަތު ވަނީ ގެއްލިފަ އެވެ. މިހާރު މާޒިޔާ އަށް އެއްވަނައިގައި ފަސް ޕޮއިންޓްގެ ލީޑެއް އެބައޮތެވެ. މާޒިޔާއިން ވަނީ 33 ޕޮއިންޓް ހޯދައިފަ އެވެ. އީގަލްސް އަށް ލިބިފައި ވަނީ 28 ޕޮއިންޓެވެ.

މެޗުން މޮޅުވެ ޔުނައިޓެޑް ވިކްޓަރީ ވަނީ ހަތަރު ވަނަ މަގާމަށް ޖެހިލައިފަ އެވެ. ތިންވަނައިގައި އޮތް ޓީސީ ސްޕޯޓްސް އާއި ޔޫވީ އަށް ވެސް ލިބިފައި ވަނީ 14 ޕޮއިންޓެވެ. އެކަމަކު ޓީސީ އަށް ފައިދާ ގޯލެއް އެބައޮތެވެ. ޔޫވީ އަށް އޮތީ ގެއްލުން ތިން ގޯލެވެ.

އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކ) އަތުން ބޯޅަ ހޯދަން ޔޫވީގެ އަލީ ހައިޝަމް މަސައްކަތް ކުރަނީ: ޔޫވީ މޮޅުކޮށްދޭން ހައިޝަމް ވަނީ ލަނޑު ޖަހާފަ --- ފޮޓޯ: އެފްއޭއެމް

އީގަލްސްގެ ކެޕްޓަން ހުސައިން ޝިފާއު ޔޫސުފް (ކ) އަތުން ބޯޅަ ހޯދަން ޔޫވީގެ އަލީ ހައިޝަމް މަސައްކަތް ކުރަނީ: ޔޫވީ މޮޅުކޮށްދޭން ހައިޝަމް ވަނީ ލަނޑު ޖަހާފަ --- ފޮޓޯ: އެފްއޭއެމް

މިދެޓީމު ލީގު ފުރަތަމަ ބުރުގައި ކުޅުނު މެޗު ކާމިޔާބު ކުރީ 1-1 ނެނެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި މިރޭ ކުޅުނު މެޗުގައި ޔޫވީގެ ދެ ލަނޑު ވެސް ޖެހީ ދެވަނަ ހާފުގަ އެވެ. ފުރަތަމަ ލަނޑު ޖެހީ އަލީ ހައިޝަމް (ޗުމްޕު) އެވެ. ދެވަނަ ލަނޑު ޖެެހީ އީވާން ވެރަސް އެވެ. އޭނާ ލަނޑު ޖެހީ މެޗުގެ 90 ވަނަ މިނެޓްގަ އެވެ.

މިއަދު ހަވީރު ގްރާންޑޭގެ މައްޗަށް ކާމިޔާބު ހޯދައި ވެލެންސިއާ ވަނީ ފަސް ވަނަ އަށް ޖެހިލައިފަ އެވެ. މިއަދުގެ މެޗުގައި އެޓީމުގެ ކެޕްޓަން އަލީ ފާސިރު (ސެންޓޭ) ވަނީ ތިން މަހަށް ފަހު ފުރަތަމަ ފަހަރަށް މެޗަކަށް ނުކުމެފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ކުޅެން ނުކުމެ ފާސިރު ވަނީ ލަނޑު ޖަހައިފަ އެވެ.

އޭގެ ކުރިން ވެލެންސިއާގެ އަބްދުﷲ ޔާމީން (ޔާން) އާއި ބޯހަސް މާޓިން ވަނީ އެޓީމު ފުރަތަމަ ތިން ލަނޑު ޖަހައިފަ އެވެ. ފުރަތަމަ ހާފުގައި ޔާމީން ވެލެންސިއާ އަށް ލީޑް ނަގައިދީފައި ވަނިކޮށް ގްރާންޑޭއިން ނަތީޖާ ހަމަހަމަ ކުރި އެވެ. އެ ލަނޑަކީ ވެލެންސިއާގެ ކީޕަރު މުހައްމަދު ފައިސަލް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

ދެވަނަ ހާފުގެ ކުރީ ކޮޅު ބޯހަސް ވަނީ ވެލެންސިއާ އަށް އަލުން ލީޑް ނަގައިދީފަ އެވެ. އަދި އޭނާ ވަނީ 89 ވަނަ މިނެޓްގައި ވެލެންސިއާ އަށް ލީޑް ފުޅާ ކޮށްދީފަ އެވެ. ބަދަލު ކުޅުންތެރިޔެއްގެ ގޮތުގައި ފާސިރު ކުޅެން ނުކުތީ މެޗުގެ 90 ވަނަ މިނެޓްގައި އިސްމާއީލް އީސާގެ ބަދަލުގަ އެވެ. ކުޅެން ނުކުތްތާ ހަތަރު ވަނަ މިނެޓް ތެރޭ ފާސިރު ވަނީ ލަނޑު ޖަހައިފަ އެވެ.

ވެލެންސިއާ ޔާމީން (ވ) ގްރާންޑޭގެ ކުޅުންތެރިޔެއްގެ ކައިރިން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: ވެލެންސިއާ އަށް ފުރަތަމަ ލީޑް ނަގައިދިނީ ޔާމީން --- ފޮޓޯ: އެފްއޭއެމް

ވެލެންސިއާ ޔާމީން (ވ) ގްރާންޑޭގެ ކުޅުންތެރިޔެއްގެ ކައިރިން ބޯޅަ ހިފައިގެން ދާން މަސައްކަތް ކުރަނީ: ވެލެންސިއާ އަށް ފުރަތަމަ ލީޑް ނަގައިދިނީ ޔާމީން --- ފޮޓޯ: އެފްއޭއެމް

މީގެ ކުރިން ފާސިރު މެޗެއްގައި ކުޅެފައި ވަނީ ޖެނުއަރީ މަހު ކުޅުނު ޕްރެޒިޑެންޓޤސް ކަޕްގެ ފައިނަލް މެޗުގަ އެވެ. ރ. އަލިފުށީގައި ކުޅުނު ފައިނަލްގައި އޭނާ އަށް އަނިޔާ ވެގެން ބަދަލު ކުރަން ޖެހުނެވެ. އޭނާގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން ކަކުލުން ލޭ އައުމުން އަލިފުށީ ސިއްހީ މަރުކަޒަށް ގެންގޮސް ފަރުވާވެސް ދިނެވެ.

ލީގުގެ މެޗެއް ދެން ކުޅޭނީ އަންނަ މަހު އެވެ. އެކަމަކު މިމަހު އިންޑިއާގައި ބާއްވާ އޭއެފްސީ ކަޕް ދެކުނު އޭޝިއާގެ ޒޯންގެ މެޗުތަކުގައި މާޒިޔާ ވާދަ ކުރާނެ އެވެ. މިމަހު 18-24 އަށް ކުރިއަށް ގެންދާ ގުރޫޕް ސްޓޭޖުގައި މާޒިޔާ ކުޅޭ ފުރަތަމަ މެޗުގައި 18 ވަނަ ދުވަހު ނުކުންނާނީ ބަންގްލަދޭޝްގެ ބަށުންދަރާ ކިންގްސްއާ ދެކޮޅަށެވެ. އަދި އަންނަ މަހު 8-14 އަށް އޭޝިއަން ކަޕް ކޮލިފިކޭޝަންގައި ރާއްޖެ ހިމެނޭ ގުރޫޕް ސީގެ މެޗުތައް އުޒްބެކިސްތާންގައި ކުރިއަށް ދާނެ އެވެ. އެއަށްފަހު ލީގުގެ ކުޅުން ފަށާނީ އަންނަ މަހު 21 ގަ އެވެ.