Roadha Mihaaru
ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!

ރެކޯޑްތަކަކަށް މޯހަން ނުވިސްނާ؛ މިއަދަށް ތައްޔާރު!

19 ޑިސެމްބަރ 2023

މެޗަކުން ބަލިނުވެ، 2012 ގެ ދިވެހި ލީގު ނިއު ރޭޑިއަންޓަށް ހޯދައިދީ، މުހައްމަދު ޝިޔާޒު (މޯހަން) ހެދި ރެކޯޑް، އަނެއްކާ ވެސް ތަކުރާރު ކުރުމުގެ ފުރުސަތު އޭނާ އަށް މިއަދު އެބައޮތެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

މެޗަކުން ބަލިނުވެ، 2012 ގެ ދިވެހި ލީގު ނިއު ރޭޑިއަންޓަށް ހޯދައިދީ، މުހައްމަދު ޝިޔާޒު (މޯހަން) ހެދި ރެކޯޑް، އަނެއްކާ ވެސް ތަކުރާރު ކުރުމުގެ ފުރުސަތު އޭނާ އަށް މިއަދު އެބައޮތެވެ.

ލީގުގެ ފަހު މެޗުގައި މިއަދު ހަވީރު މާޒިޔާއާ ދެކޮޅަށް، މޯހަންގެ މިހާރުގެ ޓީމު އީގަލްސް ނުކުންނަ އިރު، ލީގުގައި މެޗަކުން އެ ޓީމު ބައްޔެއް ނުވެ އެވެ.

އެކަމަކު، އެ ރެކޯޑާ މެދު މޯހަން ނުވިސްނަ އެވެ. ސީޒަންގެ ވަކި ހިސާބަކުން އޭނާއާ ހަވާލުވި އީގަލްސްގެ ޕްރޮޖެކްޓް ކާމިޔާބުކޮށް ދިނުން ފިޔަވައި އެހެން ވިސްނުމެއް ނުގެންގުޅޭ ކަމަށް މޯހަން ބުންޏެވެ.

"މި ޓީމުން ލީގު ހޯދައިފިނަމަ އެއީ މި ކުޅުންތެރިންނާއި ސާންތީ ކޮށްފައި އޮތް މަސައްކަތް. ސާންތީގެ ޕްލޭންތަކާ އެއްގޮތަށް ވަކިގޮތަކަށް ފަށާފައި އޮތް ޕްރޮޖެކްޓެއް މީ. ކަންދިމާ ކުރި ގޮތުން ސާންތީ އަށް މި ވަގުތު ހުރެވެން ނެތިގެން އަޅުގަނޑާ މި ހަވާލުވީ،" ސާންތީ، އޮޕަރޭޝަނެއް ކުރަން ޖެހިގެން އީގަލްސްއާ ދުރަށް ޖެހުމުން ވަގުތީ ގޮތުން އެ ޓީމާ ހަވާލުވި މޯހަން ބުންޏެވެ.

"ސާންތީ އެކުލަވާލާފައި އޮތް ޕްލޭނާ އެއްގޮތަށް އަޅުގަނޑު މި މަސައްކަތް ކުރަނީ. ތި ބުނާ ރެކޯޑަކަށް އަޅުގަނޑު ނުވިސްނަން. އަޅުގަނޑު މި ބަލަނީ އަޅުގަނޑާ ހަވާލުވި މި ޕްރޮޖެކްޓް ވީ އެންމެ ރަނގަޅަކަށް ޑެލިވާ ކޮށްދެވޭތޯ."

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން މޯހަން: އޭޏާ ބުނީ ރެކޯޑަކަށް ނުވިސްނާ ކަމަށް .-- ފޮޓޯ: ނިޝާން އަލީ | މިހާރު

އީގަލްސްގެ ޕްރެކްޓިހުގެ ތެރެއިން މޯހަން: އޭޏާ ބުނީ ރެކޯޑަކަށް ނުވިސްނާ ކަމަށް .-- ފޮޓޯ: ނިޝާން އަލީ | މިހާރު

ލީގުގެ އެއްވަނައިގައި އޮތް މާޒިޔާ އަށް މެޗު އެއްވަރުކޮށްލައިގެން ވެސް ޗެމްޕިއަންކަން ދިފާއު ކުރެވޭނެ އެވެ. މީގެ ކުރިން އެ ޓީމަށް ވެސް ކޯޗުކޮށް ދިން މޯހަން ބުނީ، ހުރިހާ ގޮތަކުން ވެސް އެޑްވާންޓޭޖް އޮތީ މާޒިޔާ އަށް ކަމަށެވެ. އޭއެފްސީ ކަޕްގައި ވަރުގަދަ މެޗުތަކެއް ކުޅެފައި ލީގުގެ ފަހު ދެ މެޗާ ކުރިމަތިލުމުން މެޗު ފިޓްނަސް ވެސް މާޒިޔާގައި ރަނގަޅުވާނެ ކަމަށް މޯހަން ބުންޏެވެ. އީގަލްސް އިން އެންމެ ފަހުން މެޗެއް ކުޅުނީ މިދިޔަ މަހު 23 ގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އާ ދެކޮޅަށެވެ.

"ގާތްގަނޑަކަށް މަހެއްވާން މިދަނީ އެންމެ ފަހުން އަޅުގަނޑުމެން މެޗު ކުޅުނުތާ. އެކަމަކު މާޒިޔާއިން އޭއެފްސީ ކަޕްގައި ވެސް ވަރަށް ރަނގަޅު ދެ މެޗު ކުޅެފަ. ހުރިހާ ގޮތަކުން ވެސް އެޑްވާންޓޭޖް އޮތީ އެ ޓީމަށް،" މޯހަން ބުންޏެވެ.

"އެކަމަކު އަޅުގަނޑާއި މި ކުޅުންތެރިން ގަބޫލުކޮށްގެން މިތިބީ، އެ ހުރިހާ އެޑްވާންޓޭޖެއް ހުރި ނަމަވެސް މާޒިޔާ އަށް މެޗު ފަސޭހަ ނުވާނެކަމަށް."

ދެ ޓީމަކަށް ދިވެހި ލީގު ހޯދައި ދިން ދިވެހި ކޯޗަކު އަދި ނެތެވެ. މީގެ ކުރިން ދެ ޓީމަކަށް ލީގު ހޯދައި ދިނީ ބިދޭސީ ދެ ކޯޗުންނެވެ. އެންމެ ފުރަތަމަ އެ ރެކޯޑް ހެދީ، ހުއްރިއްޔާ ސްޕޯޓްސް ކްލަބާއި ނިއު ރޭޑިއަންޓަށް ލީގު ހޯދައިދިން ސްލޮވޭކިއާގެ ލަޑިމިއާ ގޮފާ އެވެ. އެއަށް ފަހު ވެލެންސިއާ އާއި ވިބީ ސްޕޯޓްސް ކްލަބަށް ލީގު ހޯދައި ދިން ހަންގޭރީގެ ލޯސްލޯ ކިސް އެވެ.

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން ވާހަކަދައްކަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން މޯހަން ވާހަކަދައްކަނީ.-- ފައިލް ފޮޓޯ: ނިޝާން އަލީ | މިހާރު

މިރޭ އީގަލްސް ލީގު ހޯދައި ދެވިއްޖެނަމަ އެ ރެކޯޑް ހާސިލު ކުރާ ފުރަތަމަ ދިވެހި ކޯޗަކަށް މޯހަން ވާނެ އެވެ. އެކަމަކު އޭނާ ބުނީ ރެކޯޑް ތަކަކަށް އޭނާ ނުވިސްނާ ކަމަށެވެ.

"އަޅުގަނޑު ނުބަލަން ރެކޯޑަކަށް. ހަގީގަތުގައި އެހާ ސަމާލުކަމެއް ވެސް ނުދެވޭ އެކަންކަމަކަށް. އަބަދު ވެސް އެންމެ ރަނގަޅަށް އެ ހަވާލުވެ ހުރި ޓީމަކަށް މަސައްކަތް ކޮށްދެވޭތޯ ބަލަނީ،" މޯހަން ބުންޏެވެ.

އޭނާ ބުނީ، މިއީ މިހާތަނަށް އައި އެންމެ އުނދަގޫ ސީޒަން ކަމަށެވެ. އެކި ސަބަބުތަކާ ހެދި ލީގު ދިގު މުއްދަތަކަށް މެދުކަނޑާލަން ޖެހުމުން އޭގެ އަސަރު މުޅި ފުޓްބޯޅަ އަށް ކުރި ކަމަށް ތަޖުރިބާކާރު ކޯޗު ބުންޏެވެ.

"މިއީ ފުޓްބޯޅަ އަށް ވެސް ލިބޭ ދެރައެއް،" އޭނާ ބުންނެވެ.

މިއަދު މާޒިޔާ އާއި އީގަލްސް ކުޅޭ މެޗު ކުޅެން، ކުރިން ހަމަޖައްސާފައި އޮތީ ރޭގަނޑަށެވެ. ނަމަވެސް ގަލޮޅު ދަނޑުގެ ލައިޓްތަކުގެ މައްސަލަ ދިމާވާތީ، މެޗު މިއަދު ހަވީރަށް ވަނީ ބަދަލުކޮށްފަ އެވެ.