Roadha Mihaaru
ދިވެހި ލީގުގައި 100 ލަނޑު ހަމަކޮށް ރިޒޭއަށް ރެކޯޑް

ދިވެހި ލީގުގައި ރިޒޭ 100 ލަނޑު ހަމަކޮށް އާ ރެކޯޑެއް، ލަނޑު ޖެހުމުގެ ފެންވަރު 100 އަކުން 100

17 ޑިސެމްބަރ 2023

ދިވެހި ލީގުގެ ނަމަށް، "ޕްރިމިއާ" ލަފުޒު އިތުރުކޮށްގެން ނުކުތް ފުރަތަމަ ސީޒަނުގައި، ކްލަބް އީގަލްސް އިން ލީގަށް ތައާރަފުވީ، "ޕްރީމިއަމް" ފެންވަރުގެ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. ލީގު "ޕްރިމިއާ" ފެންވަރަށް ތަރައްގީ ނުވިއަސް މި ލީގުން ތައާރަފުވި "ޕްރީމިއަމް" ހުނަރުވެރިން ގިނަ އެވެ. އެ ލިސްޓްގެ އެންމެ އުހުގައި އޮތީ ގޯލާ ރަށްޓެހި ރިޒޭ އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ލީގުގެ ނަމަށް، "ޕްރިމިއާ" ލަފުޒު އިތުރުކޮށްގެން ނުކުތް ފުރަތަމަ ސީޒަނުގައި، ކްލަބް އީގަލްސް އިން ލީގަށް ތައާރަފުވީ، "ޕްރީމިއަމް" ފެންވަރުގެ އަހްމަދު ރިޒުވާން (ރިޒޭ) އެވެ. ލީގު "ޕްރިމިއާ" ފެންވަރަށް ތަރައްގީ ނުވިއަސް މި ލީގުން ތައާރަފުވި "ޕްރީމިއަމް" ހުނަރުވެރިން ގިނަ އެވެ. އެ ލިސްޓްގެ އެންމެ އުހުގައި އޮތީ ގޯލާ ރަށްޓެހި ރިޒޭ އެވެ.

ދިވެހި ލީގުގެ ނަން ޕްރިމިއާ ލީގަށް ބަދަލު ކުރި ފަހުން، ލީގުގައި 100 ގޯލް ޖެހި ފުރަތަމަ ކުޅުންތެރިޔަކީ ވެސް ކ. ދިއްފުއްޓަށް އުފަން މި ފޯވާޑެވެ.

ދިވެހި ލީގުގައި ރިޒޭ ފުރަތަމަ ލަނޑު ޖެހީ، މެއި 2015 ގައި ލީގުގެ ފުރަތަމަ ބުރުގައި މަހިބަދޫ ސްޕޯޓްސް ކްލަބާ ދެކޮޅަށެވެ. އެ މެޗުގައ އިސްމާއީލް އީސާ ހިލޭ ޖެހުމަކުން ނަގައިދިން ބޯޅަ ކަކުލުން ޖަހައި ގޯލްގެ ތެރެއަށް ވައްދާލައި، އުމުރުން 19 އަހަރުގައި ލީގުގައި އޭނާ ޖެހި ފުރަތަމަ ލަނޑަށް ފަހު ދެން ރިޒޭ ނުހުއްޓަ އެވެ. ދޭސީއަކަށް ބިދޭސީ އަކަށް އޭނާ ހުއްޓުވޭވަރުގެ ޑިފެންޑަރެއް ގަލޮޅު ދަނޑަކަށް ނާދެ އެވެ.

މިފަހަރުގެ ލީގުގެ ދެވަނަ ބުރުގައި، މިދިޔަ މަހުގެ ސުޕަ ޔުނައިޓެޑް ސްޕޯޓްސް ކްލަބާ ދެކޮޅަށް އޭނާ ހެޓްރިކް ހެދި މެޗުގައި ޖެހި ފުރަތަމަ ގޯލަކީ، ދިވެހި ލީގުގައި އޭނާގެ 100 ވަނަ ލަނޑެވެ. މި ރެކޯޑް ހެދީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) ނަގައިދިން ހުރަހަކުންނެވެ. މީގެ އަށް އަހަރު ކުރިން އޭނާގެ ފުރަތަމަ ގޯލު ޖަހަން އެހީވި އިސްމާއިލް އީސާ ވެސް އެވަގުތު އީގަލްސްގެ ޖޯޒީގައި ދަނޑުމަތީ ހުއްޓެވެ.

ދިވެހި ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރުމަށް ފަހު ރިޒޭ އުފާފާލު ކުރަނީ.-- ފޮޓޯ: މިހާރު

ދިވެހި ޕްރިމިއާ ލީގުގައި 100 ގޯލު ހަމަކުރުމަށް ފަހު ރިޒޭ އުފާފާލު ކުރަނީ.-- ފޮޓޯ: މިހާރު

ލީގުގައި އޭނާ ޖެހި ޖުމްލަ ގޯލުގެ އަދަދު 100 އިން މައްޗަށް ވަނީ ޖެހިލައިފަ އެވެ. އެ މެޗުގައި ދެން އޭނާ ޖެހި ދެ ލަނޑާ އެކު ހެދި ހެޓްރިކާ އެކު އޭނާ ޖެހި ގޯލްގެ އަދަދަކީ 102 އެވެ. އީގަލްސްގެ ޖޯޒީގައި 96 ގޯލު ޖަހައިފައި ވެއެވެ. އަނެއް ހަ ގޯލު ޖެހީ 2017 ވަނަ އަހަރު ލޯނު އުސޫލުން ގދ. ތިނަދޫ ޓީމަށް ކުޅެމުންނެވެ.

ރިޒޭ ދިވެހި ޕްރިމިއާ ލީގުގައި:

• ފުރަތަމަ ލަނޑު ޖެހީ މެއި 7، 2015 ގައި މަހިބަދޫއާ ދެކޮޅަށް.

• 100 ވަނަ ލަނޑު ޖެހީ ނޮވެމްބަރު 23، 2023 ގައި ސަސްއާ ދެކޮޅަށް.

• އީގަލްސް އަށް 96 ލަނޑު ޖަހައިދީފައިވޭ.

• ގދ. ތިނަދޫ ޓީމަށް ހަ ލަނޑު.

• ވިދިވިދިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، ދުނިޔޭގެ ރެކޯޑަކާ އެއްވަރު ކުރި.

އެ އަހަރުގެ މާލޭ ލީގުގެ ގަދަ ހަތަރެއްގެ ތެރެއަށް އީގަލްސް އަށް ނުވަދެވުމުން، ސީޒަންގެ ބާކީބައިގައި ލޯން އުސޫލުން އޭނާ ބަދަލުވީ މިނިވަން ޗެމްޕިއަންޝިޕުން ޕްރިމިއާ ލީގު ޖާގަ ހޯދި ގދ. ތިނަދޫ ޓީމަށެވެ. އީގަލްސްގެ އެހެން ބައެއް ކުޅުންތެރިން ވެސް ލޯނު އުސޫލުން އެ ޓީމަށް އެ އަހަރު ކުޅުނެވެ. ރިޒޭ އާއި އީގަލްސް އިން ބަދަލުވި އެހެން ކުޅުންތެރިންގެ ހިއްސާއާ އެކު އެޓީމު ލީގުގެ ގަދަ ހަތަރެއްގައި ހިމެނިގެން ޕްރެޒިޑެންޓްސް ކަޕް ވެސް ކުޅުނެވެ.

ލީގުގައި ކުޅެ ގިނަ ގޯލުތަކެއް ޖެހުމުގެ އިތުރަށް ރިޒޭ ވަނީ މީގެ ކުރިން ދުނިޔޭގެ ރެކޯޑަކާ ވެސް އެއްވަރު ކޮށްފަ އެވެ.

2018 ވަނަ އަހަރުގެ ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ކޮޅަށް ރިޒޭ ގޯލު ޖަހަނީ،-- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

2018 ވަނަ އަހަރުގެ ޕްރިމިއާ ލީގުގައި ގްރީން ސްޓްރީޓްސް ކޮޅަށް ރިޒޭ ގޯލު ޖަހަނީ،-- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

އޭނާ ވަނީ 2018 ވަނަ އަހަރު ލީގުގައި ވިދިވިދިގެން ފަސް މެޗުގައި ހެޓްރިކް ހަދައި، 1940 އާއި 2016 ވަނަ އަހަރު މި ރެކޯޑް ހެދި އޮސްޓްރިއަން ޗެކް ފޯވާޑް ޖޯސެފް ބައިކަން އާއި ކްރޮއޭޝިއާގެ ސްޓެފާން ލުސިއާނިކާއާ އެއްވަރު ކޮށްފަ އެވެ.

ތިނަދޫ ޓީމުން އެނބުރި އީގަލްސްއާ ގުޅި، ޖެހިގެން އައި ސީޒަންގައި އޭނާ ފުރަތަމަ ފަހަރަށް ޓޮޕް ސްކޯރާގެ މަގާމް ހޯދީ ރެކޯޑް 31 ގޯލު ޖަހައިގެންނެވެ. އޭގެ ތެރޭގައި އަށް ހެޓްރިކް ހިމެނެ އެވެ. އީގަލްސް އަށް އެ ސީޒަންގައި ލީގު ގެއްލުނީ އެންމެ ޕޮއިންޓަކުންނެވެ.

ޖެހިގެން އައި ސީޒަންގައި ވެސް އެންމެ ގިނަ ލަނޑު ޖެހީ އޭނާ އެވެ. ރިޒޭގެ 28 ގޯލާ އެކު އެ ސީޒަންގައި ލީގުގެ ދެވަނަ ހޯދައި ޓީމުގެ ތާރީހުގައި ފުރަތަމަ ފަހަރަށް އޭއެފްސީ ކަޕް ކޮލިފައިން އިން ފުރުސަތު ހޯދި އެވެ. ނަމަވެސް އީގަލްސްގެ އެ ހާއްސަ ސީޒަންގެ ވަރަށް ކުރީކޮޅު އޭނާ އަށް ބޮޑު އަނިޔާއެއް ވެގެން ސާޖަރީއެއް ހަދަން ޖެހި، ސީޒަން ނިންމާލަން ޖެހުނެވެ.

2018 ވަނަ އަހަރުގެ ޕްރިމިއާ ލީގުގައި ރިޒޭ ތިނަދޫ ޓީމާ އެކު މާޒިޔާއާ ދެކޮޅަށް ކުޅެނީ.-- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

2018 ވަނަ އަހަރުގެ ޕްރިމިއާ ލީގުގައި ރިޒޭ ތިނަދޫ ޓީމާ އެކު މާޒިޔާއާ ދެކޮޅަށް ކުޅެނީ.-- މިހާރު ފައިލް ފޮޓޯ: ނިޝާން އަލީ

މިދިޔަ ސީޒަންގައި އެނބުރި އައިސް އޭނާގެ އެންމެ ރަނގަޅު ފޯމުގައި ނުކުޅެވުނަސް މުހިއްމު ވަގުތުތަކުގައި ތަފާތު ދެއްކި އެވެ. އަދި މި ސީޒަންގައި އޭނާ އަންނަނީ މެޗަކަށް ފަހު މެޗެއްގައި އޭނާގެ ލަނޑު ޖެހުމުގެ ހުނަރު ދައްކާލަމުންނެވެ.

• 2015 ޕްރިމިއާ ލީގު: 4 ގޯލު

• 2016 ޕްރިމިއާ ލީގު: 3 ގޯލު

• 2017 ޕްރިމިއާ ލީގު: 6 ގޯލު

• 2018 ޕްރިމިއާ ލީގު: 31 ގޯލު

• 2019/20 ޕްރިމިއާ ލީގު: 28 ގޯލު

• 2020/21 ޕްރިމިއާ ލީގު: 1 ގޯލު

• 2022 ޕްރިމިއާ ލީގު: 6 ގޯލު

• 2023 ޕްރިމިއާ ލީގު: 23 ގޯލު (ބާކީ 1 މެޗު ކުޅެން އެބަ އޮތް)

މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގައި ފައިނަލް މެޗު ފިޔަވައި، ކުޅުނު ތިން މެޗުގައި ވެސް އެންމެ މުހިއްމު ވަގުތުގައި ރިޒޭ ގޯލު ޖެހި އެވެ. އެއަށް ފަހު ލީގުގައި މިހާތަނަށް ކުޅުނު 12 މެޗާއި އޭއެފްސީ ކަޕް ޕްލޭއޮފް މެޗުގައި ވެސް އޭނާ ގޯލު ޖެހި އެވެ. ލީގުގައި އޭނާ މިހާތަނަށް 23 ގޯލު ޖަހާފައި ވެއެވެ.

ރިޒޭ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި އީގަލްސް އަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ރިޒޭ މިއަހަރުގެ ޕްރެޒިޑެންޓްސް ކަޕްގެ ސެމީ ފައިނަލްގައި އީގަލްސް އަށް ލީޑު ނަގައިދިން ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ޖެހިޖެހިގެން 13 މެޗުގައި ގޯލު ޖެހުމަށް ފަހު ރިޒޭ އާއި އީގަލްސް އަށް ވެސް ކުރިއަށް އޮތީ ސީޒަންގައި ކުޅޭނެ އެންމެ މުހިއްމު މެޗެވެ. އަމިއްލަ ބާރާ އެކު އަންނަ އަންގާރަ ދުވަހު ނުކުންނާނީ ވަރުގަދަ މާޒިޔާ ބަލިކޮށް ފުރަތަމަ ފަހަރަށް ދިވެހި ޕްރިމިއާ ލީގު އައްޑަނަ އުފުލާލުމުގެ އަޒުމުގަ އެވެ.

ރާއްޖޭގެ މުބާރާތްތަކުގައި ކްލަބް ލެވެލްގައި ރިޒޭ ގޯލަކަށް ފަހު ގޯލެއް ޖަހަމުން ދިޔަ ނަމަވެސް މިހާރު އުމުރުން 28 އަހަރުގެ ފޯވާޑުގެ ކެރިއަރުން މަދުވަނީ ގައުމީ ޓީމުގައި އެ ހުނަރު ދައްކާލުމުގެ ފުރުސަތެވެ. ގައުމީ ޓީމަށް މިހާތަނަށް ކުޅުނު މަދު މެޗުތަކުގައި ވެސް ކުޅެފައި ވަނީ މަދު ވަގުތުކޮޅަކަށެވެ.

އެފްއޭއެމް އެވޯޑްސް 2016 ގައި އެންމެ އުންމީދީ ކުޅުންތެރިޔާގެ އެވޯޑް އުފުލާލި ރިޒޭ ހުރީ ކުރިއަށް އޮތްތާނގައި ވެސް، ކުލަބާއި ގައުމީ ޓީމުން ވެސް ލިބޭ ކޮންމެ ފުރުސަތެއްގައި އޭނާގެ އެންމެ "ބެސްޓް" ދައްކައި އިތުރު ކުރިއެރުން ހޯދުމުގެ އުންމީދުގަ އެވެ.