Roadha Mihaaru
ގްރީން ކޮޅަށް އަށް ލަނޑު، ރިޒޭގެ ހަތަރު ގޯލު

އީގަލްސް އިން ގްރީން ކޮޅަށް އަށް ލަނޑު، ރިޒޭގެ ހަތަރު ގޯލު

28 އޯގަސްޓް 2023

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ހަތަރު ގޯލާ އެކު 8-0 އިން ކްލަބް ގްރީން ސްޓްރީތްސް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގުގައި މިއަދު ހަވީރު ކްލަބް އީގަލްސްގެ ކެޕްޓަން އަހުމަދު ރިޒުވާން (ރިޒޭ) ކާމިޔާބުކުރި ހަތަރު ގޯލާ އެކު 8-0 އިން ކްލަބް ގްރީން ސްޓްރީތްސް ބަލިކޮށްފި އެވެ.

އީގަލްސް ވަނީ މެޗުގެ ފުރަތަމަ ހާފުގައި ފަސް ގޯލު ޖަހައިފަ އެވެ. މެޗުގެ ހަވަނަ މިނިޓުގައި ރިޒޭ އެޓީމަށް ލީޑު ނަގައިދިން އިރު، ތިން މިނިޓު ފަހުން ދެވަނަ ގޯލު ޖަހައިދިނީ އިސްމާއިލް އީސާ (މެސީ) އެވެ. އަދި އީސަގެ އެހީތެރިކަމާއެކު 14 ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖެހީ ޒައިން ޒަފަރެވެ.

މެޗުގެ 31 ވަނަ މިނިޓުގައި ރިޒޭ އޭނާގެ ދެވަނަ ގޯލު ކާމިޔާބު ކުރިތާ މިނިޓެއް ތެރޭ ފަސްވަނަ ގޯލު ޖަހައިދިނީ އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) އެވެ.

ފަހު ހާފު ފެށިގެން ދެވަނަ މިނިޓުގައި ފޭދޫ އިއްބެ ވަނީ އޭނާގެ ދެވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ހަ މިނިޓު ފަހުން ރިޒޭ އޭނާގެ ހެޓްރިކް ފުރިހަމަކުރީ ބައިސްކަލް ކިކަކުންނެވެ. އަދި ހަތަރުވަނަ ގޯލު މެޗުގެ 71 ވަނަ މިނިޓުގައި ޖެހީ އޭރިއާ ބޭރުން ފޮނުވާލި ބޯޅަ ގޯލު ތިރީ ކަނަށް އަމާޒު ކޮށްލައިގެންނެވެ.

ގްރީންއާ ދެކޮޅަށް މިއަދު އީގަލްސް ކުޅުނު މެޗުގައި ރިޒޭ ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

ގްރީންއާ ދެކޮޅަށް މިއަދު އީގަލްސް ކުޅުނު މެޗުގައި ރިޒޭ ބޯޅަ ހިފައިގެން ކުރިއަށް ދަނީ.-- ފޮޓޯ: ފަޔާޒް މޫސާ/ މިހާރު

މިއީ ލީގުގައި މިހާތަނަށް އީގަލްސް ކުޅުނު ނުވަ މެޗުން ރިޒޭ ކާމިޔާބުކުރި 15 ވަނަ ގޯލެވެ. ނުވަ މެޗުގައި ވެސް އޭނާ ގޯލު ޖަހާފައި ވާއިރު، މިއީ މި ސީޒަންގެ ލީގުގައި އޭނާ ކާމިޔާބުކުރި ފުރަތަމަ ހެޓްރިކެވެ. މިއަދުގެ މެޗުގައި ދެ ގޯލު ޖެހި ފޭދޫ އިއްބެ ވަނީ ލީގުގައި މިހާތަނަށް 12 ގޯލު ހަމަކޮށްފަ އެވެ.

އީގަލްސްގެ ބްރެޒިލް ފޯވާޑް އިވާން ކާލޯސް އަށް މިއަދުގެ މެޗުގައި ކޯޗު މުހައްމަދު ޝިޔާޒް (މޯހަން) ރެސްޓު ދީފައި ވާއިރު، ފަހު ހާފުގައި ވަނީ ކުރިއަށް ކުޅޭ ޒުވާން ތިން ކުޅުންތެރިން ކުޅެން އަރުވައިފަ އެވެ. އެއީ ޒުހާން ހަސަން މުހައްމަދު އަބްދުﷲ އާއި އަޝްހަމް އިބްރާހިމް މުހައްމަދު އަދި އެޓީމާއެކު ޔޫތު ޗެމްޕިއަންޝިޕް ކާމިޔާބުކުރި ޓީމުގެ މުހިއްމު ފޯވާޑެއް ކަމަށްވާ މުހައްމަދު ސަމާހު މޫސާ ފަތުހީ އެވެ.

އަޝްހަމް ވަނީ ފަހު 12 މިނިޓަށް އަރައި ނުރައްކާތެރި ހަމަލާއެއް ވެސް ފޮނުވާލައިފަ އެވެ. ނަމަވެސް އޭނާގެ ހަމަލާ ގްރީންގެ ކީޕަރު މިފްޒާލް އިދުރީސް ވަނީ ދިފާއު ކޮށްފަ އެވެ.

ގްރީން އަށް ސުން ކަނޑުވާލަން ފަހު ވަގުތު ހުސް ފުރުސަތެއް ވެސް ލިބުނެވެ. ނަމަވެސް ހުސްކޮށް ހުރި އެޓީމުގެ ކެޕްޓަން އަންސަރު އިބްރާހިމް (އަންކޮ) އަށް ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.