Roadha Mihaaru
އީގަލްސް ފަސޭހަ ކަމާއެކު ގްރީން ބަލިކޮށްފި

އީގަލްސް ފަސޭހަ ކަމާއެކު ގްރީން ބަލިކޮށްފި

30 ޖުލައި 2023

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އިން ފަސޭހަކަމާ އެކު 6-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

ދިވެހި ޕްރިމިއާ ލީގުގައި ރޭ ކްލަބް އީގަލްސް އިން ފަސޭހަކަމާ އެކު 6-1 އިން ކްލަބް ގްރީން ސްޓްރީޓްސް ބަލިކޮށްފި އެވެ.

ރޭގެ މޮޅާ އެކު އީގަލްސް ވަނީ ކުޅުނު ހަ މެޗުން 16 ޕޮއިންޓް ހޯދައިފަ އެވެ. އެއްވަނައިގައި އޮތީ 18 ޕޮއިންޓް ހޯދާފައިވާ މާޒިޔާ އެވެ. އިއްޔެ ހަވީރު މާޒިޔާ އާއި ވެލެންސިއާ ބައްދަލުކުރަން އޮތް މެޗަށް ވެލެންސިއާ އަށް ޓީމު ހަމަނުކުރެވިގެން ވަނީ މާޒިޔާ މޮޅުވީ ކަމަށް ބަލައިފަ އެވެ. ގްރީން ސްޓްރީޓްސް މިހާތަނަށް މޮޅުވެފައި ވަނީ އެންމެ މެޗަކުންނެވެ.

ގަލޮޅު ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އީގަލްސް ވަނީ ހަތަރު ގޯލު ޖަހައިފަ އެވެ. ބްރެޒިލް ފޯވާޑް އިވާން ކާލޯސް މެޗުގެ 12 ވަނަ މިނިޓުގައި ލީޑު ނަގައިދިން އިރު، ތިން މިނިޓް ފަހުން ލީޑު ފުޅާކޮށްދިނީ އިސްމާއިލް އީސާ އެވެ. އިބްރާހިމް މަހުދީ ހުސެއިން (ފޭދޫ އިއްބެ) 37 ވަނަ މިނިޓުގައި ތިންވަނަ ގޯލު ޖެހިތާ ހަ މިނިޓް ފަހުން ހަތަރުވަނަ ގޯލު ޖެހީ ކެޕްޓަން އަހުމަދު ރިޒުވާޏް (ރިޒޭ) އެވެ.

ރޭގެ މެޗުގައި އީގަލްސްގެ ކެޕްޓަން ރިޒޭ ގްރީންގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް

ރޭގެ މެޗުގައި އީގަލްސްގެ ކެޕްޓަން ރިޒޭ ގްރީންގެ ގޯލަށް ހަމަލާއެއް ފޮނުވާލަނީ.-- ފޮޓޯ: އެފްއޭއެމް

އީގަލްސް އަށް މި ހާފުގައި އިތުރު ގޯލުތައް ވެސް ޖަހަން ފުރުސަތު ލިބުނެވެ. ގްރީން އިން ފޮނުވާލި އެންމެ ނުރައްކާތެރި ހަމަލާ ފޮނުވާލީ މުހައްމަދު މިންވާލް އެވެ. ހާފުގެ މެދަކާ ހަމައިން ބޯޅަ ހޯދައި އޭނާ ފޮނުވާލި ހަމަލާ ދިޔައީ ގޯލް ކަނާ ކުޑަ ތަންކޮޅެއް ބޭރުންނެވެ.

ފަހު ހާފުގެ 66 ވަނަ މިނިޓުގައި ކާލޯސް އެޓީމުގެ ފަސްވަނަ ގޯލު ޖަހައިދިން އިރު، ތިން މިނިޓު ފަހުން ހަވަނަ ގޯލު ޖަހައިދިނީ މެޗުގެ މޮޅު ކުޅުންތެރިޔަކަށް ވެސް ހޮވުނު ފޭދޫ އިއްބެ އެވެ. ގްރީންގެ ހަމައެކަނި ގޯލު އިތުރު ވަގުތުގެ ފަސްވަނަ މިނިޓުގައި ޖަހައިދިނީ ބަދަލު ކުޅުންތެރިއެއް ގޮތުގައި އެރި އިބްރާހިމް ހާމިދެވެ.

މި މެޗުގައި އީގަލްސްގެ ގޯލު ބެލެހެއްޓީ ހަސަން އަލީފް އިބްރާޙިމް އެވެ. އެޓީމަށް އަލަށް ގެނައި ޖަޕާނުގެ މިޑްފީލްޑަރު އޭސޫކޭ މޯރީ ވެސް ވަނީ ދެވަނަ ހާފުގައި ކުޅެން ނުކުމެފަ އެވެ. މޯރީ ވަނީ މީގެ ކުރިން ދެ ސީޒަނެއް ދިވެހި ޕްރިމިއާ ލީގުގައި ކުޅެފަ އެވެ. އެންމެ ފުރަތަމަ 2020/2021 ސީޒަންގައި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އަށް މޮޅު ކުޅުމެއް ކުޅެދީ، ޖެހިގެން އައި ސީޒަންގައި ކުޅުނީ ޔުނައިޓެޑް ވިކްޓަރީ (ޔޫވީ) އަށެވެ. އެނބުި ރާއްޖެ އައީ މިދިޔަ ސީޒަންގައި އިންޑިއާގެ އައި ލީގުގައި އައިޒޯލް އަށް ކުޅެފަ އެވެ.

ލީގުގައި މިއަދު ހަވީރު ޓީސީ ސްޕޯޓްސް ކްލަބާއި ސަސް ބައްދަލު ކުރާއިރު، ރޭގަނޑު ކުޅޭ މެޗުގައި ބައްދަލުކުރާނީ ޔޫވީއާއި ބުރު ސްޕޯޓްސް ކްލަބެވެ.