Roadha Mihaaru
އެވޯޑް ހޯދި ރިޒޭއަށް އަމިއްލަ ރަށުން ހޫނު މަރުހަބާއެއް

ފުޓްބޯޅަ އެވޯޑް ހޯދި ރިޒޭ އަށް އަމިއްލަ ރަށް، ދިއްފުށިން ހޫނު މަރުހަބާއެއް

20 އޮކްޓޯބަރ 2024

ރާއްޖޭގެ ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ކްލަބް އީގަލްސްގެ އަހްމަދު ރިޒުވާން (ރިޒޭ) އަށް އަމިއްލަރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ރާއްޖޭގެ ސްޕޯޓްސް އެވޯޑްގައި އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި ކްލަބް އީގަލްސްގެ އަހްމަދު ރިޒުވާން (ރިޒޭ) އަށް އަމިއްލަރަށުން ހޫނު މަރުހަބާއެއް ކިޔައިފި އެވެ.

އެވޯޑާ އެކު ރިޒޭ މިއަދު ރަށަށް ދިއުމުން އޭނާ އަށް މަރުހަބާ ކިޔުމަށް ކައުންސިލުގެ ވެރިންނާއި ރަށުގެ ޒުވާނުން ބަނދަރުމައްޗަށް ޖަމާވި އެވެ.

ލޯންޗުން ފައިބައި ޖެޓީމައްޗަށް އޭނާ އެރުމުން އޭނާގެ ބޮލުގައި ތާޖެއް އެޅުވީ ބައްޕަ އަހްމަދު ރަޝީދެވެ. އަދި އޭނާގެ މަންމަ ވަޒީހާ ވަނީ މަރުހަބާ ކިޔަން ޓެގެއް ރިޒޭގެ އަތުގައި އަޅުވައިފަ އެވެ. ދިއްފުށީ ކައުންސިލުގެ ރައީސް އިބްރާހިމް ސުނިލް ވިދާޅުވީ އެ އިވެންޓް އިންތިޒާމުކުރަން ނިންމީ އެ ރަށަށް ލިބުނު ގައުމީ ފަހްރަކަށް ވާތީ ކަމަށެވެ.

"ރިޒޭއަކީ ދިއްފުށިން އުފެއްދި މިރަށުގެ ޕްރޮޑެކްޓެއް. ރިޒޭއަށް ގައުމީ ފެންވަރުގެ މި އެވޯޑް ލިބުމަކީ އަޅުގަނޑުމެން ރަށަށް ވެސް ލިބުނު ފަހްރެއްކަމަށް އަޅުގަނޑުމެން ދެކެނީ،" ސުނިލް ވިދާޅުވި އެވެ. މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑްގައި ރިޒޭއާ ވާދަކުރީ މާޒިޔާގެ ހަމްޒާ މުހައްމަދު (ހަންޕު) އާއި އެ ޓީމުގެ އިބްރާހިމް އައިސަމް (ޓޯނީ) އެވެ.

އުމުރުން 29 އަހަރުގެ ރިޒޭ މީގެ ކުރިން ވަނީ އެފްއޭއެމްގެ އެވޯޑްގައި އެންމެ އުއްމީދީ ކުޅުންތެރިޔާގެ އެވޯޑް ވެސް ހޯދައިފަ އެވެ.

މިދިޔަ ސީޒަންގައި އޭނާ ވަނީ ކުޅުނު ތިން މުބާރާތުގައި ވެސް ގޯލު ޖަހައިފަ އެވެ.

ޕްރެޒިޑެންޓްސް ކަޕްގެ ފައިނަލް މެޗު ފިޔަވައި ކުޅުނު ތިން މެޗުން ތިން ގޯލު ކާމިޔާބު ކުރި އިރު، ލީގުގެ ފަހު މެޗުގައި މާޒިޔާއާ ދެކޮޅަށް ކުޅުނު މެޗު ފިޔަވައި ދެން ކުޅުނު 12 މެޗުން 23 ގޯލު ޖެހި އެވެ.

އޭއެފްސީ ކަޕް ކޮލިފައިންގައި އީގަލްސް ކުޅުނު މެޗުގައި ވެސް ގޯލު ޖެހި ރިޒޭ ވަނީ، މިދިޔަ ސީޒަންގައި އީގަލްސް ކުޅުނު 18 މެޗުގައި ވެސް ކުޅެ، 27 ގޯލު ޖަހައިފަ އެވެ.

ލީގުގައި ޖެހިޖެހިގެން 12 މެޗުގައި ގޯލު ޖަހައިގެން މިދިޔަ ސީޒަންގައި ރިޒޭ ވަނީ ދިވެހި ޕްރިމިއާ ލީގުގައި 100 ލަނޑު ހަމަކުރި ފުރަތަމަ ކުޅުންތެރިޔާގެ ޝަރަފް ހޯދައިފަ އެވެ.