Roadha Mihaaru

އީގަލްސްގެ ޖޯޒީގެ ލޯގޯ ޖާގަ ހާއްސަކުރަނީ ސާންތީ އަށް

އީގަލްސްގެ ޖޯޒީގައި ކްލަބުގެ ލޯގޯ އަށް ހާއްސަ ޖާގަ އެ ކްލަބްގެ ލެޖެންޑް މަރްހޫމް އިހްސާން އަބްދުލް ޣަނީގެ (ސާންތީ) ގެ ހަނދާނަށް ހާއްސަކޮށްފި އެވެ.

އީގަލްސްގެ ޖޯޒީގެ ލޯގޯ ޖާގަ ހާއްސަކުރަނީ ސާންތީ އަށް
ހުސެއިން ހަބީބް
ހުސެއިން ހަބީބް

15 ސެޕްޓެމްބަރ 2025

އީގަލްސްގެ ޖޯޒީގައި ކްލަބުގެ ލޯގޯ އަށް ހާއްސަ ޖާގަ އެ ކްލަބްގެ ލެޖެންޑް މަރްހޫމް އިހްސާން އަބްދުލް ޣަނީގެ (ސާންތީ) ގެ ހަނދާނަށް ހާއްސަކޮށްފި އެވެ.

ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން މިރޭ ކުޅޭ ޗެރިޓީ ޝީލްޑް މެޗުގެ ޕްރެސް ކޮންފަރެންސަށް، އީގަލްސްގެ ކޯޗު އަހްމަދު ނިމާދު ލައިގެން ހުރި އައުޓްފިޓް ޓީޝާޓުގައި ވެސް ލޯގޯގެ ބަދަލުގައި ޖަހާފައި ވަނީ ސާންތީގެގެ ފޮޓޯއެކެވެ.

"މިހާރު" އަށް އެނގިފައިވާ ގޮތުގައި އެ ޓީމުން ބޭނުންކުރާ ޖޯޒީގައި ވެސް ލޯގޯގެ ބަދަލުގައި ޖަހާފައި ވަނީ ސާންތީގެ ފޮޓޯ އެވެ.

އީގަލްސް އާއި ރާއްޖޭގެ ފުޓްބޯޅައިގެ ހިދުމަތްތެރިޔާ ސާންތީ ކޯޗެއްގެ ގޮތުގައި އެންމެ ގިނަ މަސައްކަތްތަކެއް ކުރީ ވެސް އީގަލްސްގަ އެވެ. އީގަލްސްގެ ކޯޗުކަން 2022 ގައި އޭނާ ދޫކޮށްލި ބައްޔަށް ފަރުވާކުރުމުގެ ގޮތުންނެވެ. އީގަލްސްގެ ތެރެއިން ގިނަ ކުޅުންތެރިންތަކެއް ރާއްޖޭގެ ފުޓްބޯޅަ އަށް ސާންތީ ނެރެ ދިނެވެ.

އީގަލްސްގެ ކޯޗު ނިމާދު: އެ ކްލަބްގެ އޮފިޝަލުންގެ އައުޓްފިޓް ކިޓްގައި، ލޯގޯގެ ބަދަލުގައި ޖަހާފައި ވަނީ ސާންތީގެ ފޮޓޯ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

އީގަލްސްގެ ކޯޗު ނިމާދު: އެ ކްލަބްގެ އޮފިޝަލުންގެ އައުޓްފިޓް ކިޓްގައި، ލޯގޯގެ ބަދަލުގައި ޖަހާފައި ވަނީ ސާންތީގެ ފޮޓޯ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު

ފުޓްބޯޅައިގެ ޓެކްނިކަލް ކޮންމެ މަގާމެއްގައި ސާންތީ ވިސްނީ އަދި އިސްކަން ދިނީ ވެސް އަންނަ ޖީލަށް ފުރުސަތު ފަހިވާނެ ގޮތަކަށެވެ. ކޯޗެއްގެ ގޮތުގައި އަދި ޓެކްނިކަލް ޑައިރެކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި އިރު ވެސް އޭނާ މަސައްކަތް ކުރީ އާ ވިސްނުންތަކެއް ހިމަނައިގެން އާ ބަދަލެއް ގެނެސްގެން ކުރިއަށް ދިއުމަށެވެ.

ޒުވާން ކުޅުންތެރިން ނެރެ ފުރުސަތު ދީ، އެ ކުޅުންތެރިންގެ ކުރިއެރުމަށް އެހީތެރިވެ ދީ ތަރިންނަށް ހަދައިދޭން، އެހާ ކާމިޔާބު ޕްރޮޖެކްޓްތަކެއް ހިންގި ދެ ވަނަ އެހެން ކޯޗެއް ރާއްޖޭގެ ފުޓްބޯޅަ ނުދެކެ އެވެ.

އޭނާގެ ކޯޗުކަމުގެ ދަށުން އީގަލްސްއިން 2016 ގެ ޕްރެޒިޑެންޓްސް ކަޕް ތަށި ކާމިޔާބު ކުރި ޓީމުގައި ގިނައީ ފުޓްބޯޅައިން އޭނާ ފުރުސަތު ދިން ބެޗުގެ ކުޅުންތެރިންނެވެ. އަބަދުވެސް އާ ކުޅުންތެރިންތަކަކަށް ފުރުސަތު ދީ ޓީމެއް ބިނާކޮށްގެން ކާމިޔާބާ ހަމައަށް ދިއުމުން ލިބޭ އުފާ މާ ބޮޑުކަމަށް ސާންތި ބުނެފައި ވެއެވެ.

ބަލީގައި ވަރަށް ބޮޑަށް ހާލު ގޯސްވެ، އުމުރުން 51 އަހަރުގައި ސާންތީ ނިޔާވީ، މި އަހަރުގެ މާޗް މަހު އެވެ.