Roadha Mihaaru
ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ

ޔޫވީ ބަލިކޮށް ވެލެންސިއާ އަށް ތިން ވަނަ

01 އޯގަސްޓް 2022

ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ކްލަބް ވެލެންސިއާއިން ކަށަވަރު ކޮށްފި އެވެ.

ޔުނައިޓެޑް ވިކްޓަރީގެ މައްޗަށް 4-1 ގެ ނަތީޖާ އަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގުގެ ތިންވަނަ ކްލަބް ވެލެންސިއާއިން ކަށަވަރު ކޮށްފި އެވެ.

މިދިޔަ ސީޒަންގައި ލީގުގެ ދެ ބުރު ކުޅުމަށް ފަހު ނިންމާލި ލީގުގައި ވެލެންސިއާ އަށް ލިބުނީ ދެވަނަ މަގާމެވެ. އެކަމަކު ލީގުގެ މެދެއްހާ ހިސާބުގައި އެ ޓީމަށް މައްސަލަ ކުރިމަތިވެ ގިނަ މެޗުތަކެއް އަތުން ދޫވި އެވެ. ޕްރެޒިޑެންޓްސް ކަޕް ކާމިޔާބު ކުރުމަށް ފަހު ލީގާ ކުރިމަތިލި ވެލެންސިއާ އަށް އިތުރު މައްސަލަ ކުރިމަތިވީ އެ ޓީމުގެ ޑިފެންޑަރަށް ކުޅެމުން ދިޔަ ލަންކާގެ ޑިފެންޑަރު ޑަކްސަން ޕުސްލަސް އަމިއްލަ އަށް ދަންޖެހި މަރުވެފައި ހުއްޓާ ފެނުމުންނެވެ. ޑަކްސަން ނެތްތަން ފޫބައްދުމުގެ ވެލެންސިއާ އަށް މައްސަލަ ކުރިމތިވި އެވެ.

އެ ޓީމު އަލުން ފޯމަކަށް އެޅުނީ ލީގުގެ ފަހު ކޮޅުގަ އެވެ. ލީގުގެ ހަވަނައިގައި ވެސް ގިނަ ދުވަސްތަކެއް ވަންދެން އޮތް ޓީމު ވަނީ ޖޫންގެ ފަހުން ނަތީޖާތައް ރަނގަޅު ކޮށްފަ އެވެ. މާޒިޔާގެ ފޯވާޑް މުހައްމަދު އުމޭރު އާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސްގެ ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ގެނެސް ވެލެންސިއާއިން ވަނީ ފަހު ކޮޅުގައި ރަނގަޅު ނަތީޖާތަކެއް ނެރެފަ އެވެ.

ގައުމީ ފުޓްބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗުގައި ފެނިގެން ދިޔަ ފަސް ލަނޑު ވެސް ޖެހީ ދެ ވަނަ ހާފުގަ އެވެ. ވެލެންސިއާގެ ލަނޑުތައް ޖެހީ އިސްމާއީލް ޒާން އާމިރު، އަބްދުﷲ ޔާމީން، ހުސައިން ސުފިއާން، އިސްމާއިލް އީސާ އެވެ. ޔޫވީގެ ލަނޑު ޖެހީ އީވާން ވެރަސް އެވެ.

ވެލެންސިއާގެ ޔާން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ: މެޗުގެ މޮޅު ކުޅުންތެރޮިޔަކަށް ހޮވުނީ އޭނާ --- ފޮޓޯ: އެފްއޭއެމް

ވެލެންސިއާގެ ޔާން ބޯޅަ ފޮނުވާލަން މަސައްކަތް ކުރަނީ: މެޗުގެ މޮޅު ކުޅުންތެރޮިޔަކަށް ހޮވުނީ އޭނާ --- ފޮޓޯ: އެފްއޭއެމް

މެޗުގެ 55 ވަނަ ވަނަ މިނެޓްގައި ޒާން ވަނީ ވެލެންސިއާ އަށް ޔޫވީގެ ގޯލް ހުޅުވައި ދިފަ އެވެ. އިތުރު ލަނޑެއް ޖަހާން މާ ގިނަ އިރެއް ނުނެގި އެވެ. އޭގެ 10 މިނެޓް ފަހުން ޔާން ވަނީ ވެލެންސިއާ އަށް ދެވަނަ ލަނޑު ޖަހައި ދީފަ އެވެ. މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެސް އޭނާ އެވެ. ވެލެންސިއާ ތިންވަނަ ލަނޑު ހުސައިން ސުފިއާން ޖެހީ 75 ގަ އެވެ. ޔޫވީގެ ލަނޑު އީވާން ޖެހީ އޭގެ ތިން މިނެޓް ފަހުންނެވެ. ތަޖުރިބާކާރު ފޯވާޑް އިސްމާއީލް އީސާ ލަނޑު ޖެހީ 83 ވަނަ މިނެޓްގަ އެވެ.

ވެލެންސިއާ އަށް 21 މެޗުން ލިބުނީ 32 ޕޮއިންޓެވެ. ހަތަރު ވަނައިގައި ނިންމާލީ ގްރީން ސްޓްރީޓްސް އެވެ. ލީގުގެ އިނާމާު ފައިސާ ބެހިގެންދާނީ ގަދަ ހަ ޓީމުގެ މެދުގަ އެވެ. ފައިސާގެ މިންވަރު ކަނޑައެޅުމުގައި އެ ކްލަބެއް ލީގުގައި އޮންނަ މަގާމަށް ބަލަ އެވެ. ޔޫވީ ނިންމާލަން ޖެހުނީ ހަވަނައިގަ އެވެ.

ލީގުގެ ފަހު މެޗުގައި މިރޭ ޗެމްޕިއަން މާޒިޔާ ނުކުންނާނީ ދެވަނަ މަގާމު މިހާރު ވެސް ކަށަވަރު ކޮށްފައިވާ ކްލަބް އީގަލްސް އާ ދެކޮޅަށެވެ. އެ މެޗަށް ފަހު ލީގުގެ ޗެމްޕިއަން ޝީލްޑް މާޒިޔާގެ ޓީމާ ހަވާލު ކުރާނެ އެވެ.