Roadha Mihaaru
ވެލެންސިއާ އާއި ގްރީން ލީގުގައި ވާދަނުކުރަން ނިންމައިފި

ވެލެންސިއާ ލީގުން ވަކިވެއްޖެ، ގްރީން ވެސް ނުކުޅެން ނިންމައިފި

15 ނޮވެމްބަރ 2023

ފައިސާގެ މައްސަލަތަކާ ހެދި ވެލެންސިއާ އާއި ދިވެހި ޕްރިމިއާ ލީގުން ވަކިވެއްޖެ އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ފައިސާގެ މައްސަލަތަކާ ހެދި ވެލެންސިއާ އާއި ދިވެހި ޕްރިމިއާ ލީގުން ވަކިވެއްޖެ އެވެ.

ދިވެހި ޕްރިމިއާ ލީގުގެ ޗެމްޕިއަންކަން ފަސް ފަހަރު ހޯދާފައިވާ އަދި ރާއްޖޭގެ ފުޓްބޯޅައިގައި ކާމިޔާބު އެއް ކްލަބް، ވެލެންސިއާ އިން ލީގުން ވަކިވާން ނިންމިކަން، އެފްއޭއެމް އަށް ވެސް ލިޔުމުން އަންގި އެވެ.

ފައިސާގެ މައްސަލަތައް ކުރިމަތިވެފައިވާ އަނެއް ކްލަބަކީ ގްރީން ސްޓްރީޓްސް އެވެ. އެ ޓީމުން ލީގުން ވަކިވާން، އެފްއޭއެމް އަށް ސިޓީ ފޮނުވާފައެއް ނެތެވެ.

ގާތްގަނޑަކަށް 80 ދުވަހަށްފަހު މާދަމާ އަލުން ފަށާ ދިވެހި ޕްރިމިއާ ލީގުގެ ޝެޑިއުލް މިއަދު ވަނީ އާންމުކޮށްފަ އެވެ. ޝެޑިއުލްގައި ވެލެންސިއާގެ މެޗުތަކެއް ނެތެވ. އެކަމަކު ގްރީންގެ މެޗުތައް ޝެޑިއުލްކޮށްފައި ވެއެވެ. އޭގައި ގޮތުން ގްރީންގެ މެޗު އަންނަ ހޯމަ ދުވަހު ހަވީރު ބުރު ސްޕޯޓްސްއާ ދެކޮޅަށް އޮންނާނެ އެވެ.

އެކަމަކު އެ ޓީމުގެ އޮފިޝަލަކު ބުނީ، ސަރުކާރުން ކްލަބްތަކަށް ފައިސާ ދިނުމުގައި ތަފާތު ކުރުން ގެންގުޅޭތީ ލީގުގެ ބާކީ އޮތްބައިގައި އެ ޓީމުން ނުކުޅޭނެ ކަމަށެވެ.

"ސިޓީ ފޮނުވި ކަމެއް ނޭނގެ. އެކަމަކު ހަމަ ގައިމުވެސް ގްރީން ލީގުގައި ނުކުޅޭނެ. ކަލްބްތަކަށް ސަރުކާރުން ފައިސާދިން އިރު ވަކި ކްލަބްތަކަށް ހަމައަށް ދީފައި އެހެން ކްލަބްތަކަށް ތަފާތުކޮށް ދިނީމަ ނުކުޅެން ނިންމީ،" ގްރީންގެ އޮފިޝަލް ބުންޏެވެ.

ސްޕޯޓްސް މިނިސްޓްރީން ހަމަ އަށް އެ ފައިސާ ދިނީ، މާޒިޔާ އާއި އީގަލްސް، ސުޕަ ޔުނައިޓެޑް ސްޕޯޓް އަދި ބުރު ސްޕޯޓްސް ކްލަބަށެވެ.

ވެލެންސިއާ އާއި ގްރީންގެ އިތުރުން ޔުނައިޓެޑް ވިކްޓަރީ އާއި ޓީސީ އަށް ލިބުނީ އެއް މިލިއަން ރުފިޔާގެތެރެއިން، ކޮންމެ ކްލަބަކަށް 250،000 ރުފިޔާ އެވެ.

ވެލެންސިއާގައި ކުޅުންތެރިން މަދުވެފައި، އަދި ކުޅެން ތިބި ގިނަ ކުޅުންތެރިންނަކީ ސްކޫލް ކުދިންނަށް ވުމާ އެކު، ސްކޫލްގެ ޓެސްޓް ދުވަސްވަރާ ދިމާވުމުން މެޗު ކުޅެވެން ނެތް ކަމަށް އެ ކްލަބުން އަންގާފައިވާ ކަމަށް އެފްއޭޢެމްގެ ޖެނަރަލް ސެކްރެޓަރީ ހުސައިން ޖަވާޒު، އެ އެސޯސިއޭޝަންގެ މީޑީއާ ގުރޫޕަށް ފޮނުއްވި މެސެޖްގައި ވިދާޅުވި އެވެ.

އެކަމަކު ވެލެންސިއާ އިން ގަސްތުގައި މެޗު ދޫކޮށްލި ކަމަށް ބަލައި ކަމާ ގުޅުން ހުރި ކޮމިޓީ އަށް އެ މައްސަލަ ފޮނުވާނެ ކަމަށް ވެސް ޖަވާޒު ވިދަޅުވި އެވެ.

ވެލެންސިއާ އާއި ގްރީން އަށް ވެސް ފިފާ އިން ވަނީ ޓްރާންސްފާ ބޭންގެ އަދަބު ކުރިމަތިކޮށްފަ އެވެ. އެއީ އެ ބިދޭސީ ކުޅުންތެރިތެރިޔަކަށް މުސާރަ ނުދިނުމުގެ ސަބަބުންނެވެ.