Roadha Mihaaru
ބޮޑުހިޔާނާތުގެ ތަހުގީގު ބޭރުގެބަޔަކާ ހަވާލުކުރަން އެދުނު

އެމްއެމްޕީއާރުސީގެ މައްސަލަ ތަހުގީގުކުރަން ބޭރުގެ ބަޔަކާ ހަވާލުކުރަން ވަރަށް އެދުނިން: ނަޝީދު

24 ފެބުރުއަރީ 2022

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓަރުންނާ ހަވާލު ކުރުމަށް އެދިވަޑައިގަތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މޫސާ ރަޝީދު މޫސާ ރަޝީދު

ރާއްޖޭގައި ފަހުގެ ތާރީހެއްގައި ހިނގާފައިވާ އެންމެ ބޮޑު ހިޔާނާތް، އެމްއެމްޕީއާރްސީގެ މައްސަލަ ތަހުގީގު ކުރުމަށް ބޭރުގެ ފޮރެންސިކް އޮޑިޓަރުންނާ ހަވާލު ކުރުމަށް އެދިވަޑައިގަތް ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ނަޝީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެމްއެމްޕީއާރްސީގެ ތަހުގީގު ބޭރުގެ ބަޔަކަށް ކޮންޓްރެކްޓު ކުރަން އެމަނިކުފާނު ވަރަށް ބޮޑަށް އެދިވަޑައިގަތް ކަމަށެވެ. އެ މައްސަލަތައް ދެން ވެސް ރަނގަޅަށް ތަހުގީގު ކުރެވި އެކަށީގެންވާ ދައުވާ ނުއުފުލޭ ނަމަ ދައުލަތް ފެއިލް ވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ޓޫރިޒަމަށް ރަށްތައް ދޫކޮށްގެން އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ބޮޑު ހިޔާނާތާއި ސަރުކާރުގެ ކުންފުނިތަކުން ހިންގި އެތައް ބިލިއަން ރުފިޔާގެ ހިޔާނާތުގެ މައްސަލަތައް ބަލައި ފިޔަވަޅު އަޅަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ކޮމިޝަން އުފެއްދެވީ ނޮވެމްބަރު 2018، ގަ އެވެ.

އެ ކޮމިޝަނަށް ފަސް މެމްބަރުން އައްޔަންކުރައްވައި ރައީސް ހަވާލުކުރެއްވީ، ޖެނުއަރީ 1، 2012 އިން ފެށިގެން ނޮވެމްބަރު، 17، 2018 ވަނަ ދުވަހާ ހަމައަށް ހިނގާފައިވާ ހިޔާނާތާއި ދައުލަތުގެ ފައިސާ ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ގިނަ މައްސަލަތައް އެކިއެކި ސަބަބުތަކާ ހެދި ރަނގަޅަށް ނުބެލި އޮތުމުން އެފަދަ މައްސަލަތައް ބެލުމެވެ. ތަހުގީގީ ބޮޑެތި ބާރުތަކާއި ދައުވާކުރުމުގެ ބާރު ގާނޫނަކުން އެ ކޮމިޝަނަށް ދިނެވެ.

ނަމަވެސް ހިޔާނާތުން މަންފާވި 281 މީހުންގެ ލިސްޓެއް މަޖިލީހުން މިދިޔަ މެއި މަހު އާއްމުކުރިއިރު، އޭގައި 63 ޕަސެންޓް މީހުންގެ ތަހުގީގެއް ނުފަށަ އެވެ. ގިނަ މީހުންގެ މައުލޫމާތު ދިޔައީ އޭރު ވެސް އެއްކުރަމުންނެވެ.

ހިޔާނާތް ބަލަން ހަވާލުކުރި ކޮމިޝަނަށް ނަތީޖާ ނުނެރެވޭ ކަމަށް ދޭތެރެއަކުން ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ގެންދަވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ފާޑުވިދާޅުވަމުންނެވެ. އެމްއެމްޕީއާރްސީ މައްސަލާގައި ދައުލަތް ފެއިލްވެފައިވާ ކަމަށް ބައެއް މެމްބަރުން ވެސް ވަނީ ވިދާޅުވެފަ އެވެ.

އެ މައްސަލާގައި މިހާތަނަށް ދައުވާކޮށް ދަށު ކޯޓުން ސާބިތު ކޮށްފައި ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑަރިންގެ މައްސަލަ އެވެ. އެ މައްސަލަ ވެސް ވަނީ ސުޕްރީމް ކޯޓާ ހަމައިން ސާބިތު ނުވާ ކަމަށް ނިންމައިފަ އެވެ.

އޭގެ އިތުރުން ކުރީގެ މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަހުމަދު ނިހާން އާއި އޭސީސީގެ އިންވެސްޓިގޭޓަރަކަށް އުޅުނު އަބްދުﷲ އާޒިމް އަދި މި ސަރުކާރުގެ ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފްގެ މައްޗަށް ވެސް އެމްއެމްޕީއާރްސީ ކޮރަޕްޝަންގެ މައްސަލާގައި ވަނީ ދައުވާ އުފުލައިފަ އެވެ. އެ މައްސަލަތައް ވެސް ރަނގަޅަށް ނުހިނގާ ކަމުގެ ޝަކުވާ އެބައޮތެވެ.