Roadha Mihaaru
މަހްލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

މަހްލޫފްގެ ޝަރީއަތް ކެންސަލްކޮށްފި

19 ޖެނުއަރީ 2022

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތް މިއަދު ފަށަން ތާވަލްކުރުމަށް ފަހު އަޑުއެހުން ކެންސަލްކޮށްފި އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލައިގައި ރިޝްވަތު ހިފުމުގެ ދައުވާ އުފުލާފައިވާ ޔޫތު މިނިސްޓަރު އަހްމަދު މަހްލޫފްގެ ޝަރީއަތް މިއަދު ފަށަން ތާވަލްކުރުމަށް ފަހު އަޑުއެހުން ކެންސަލްކޮށްފި އެވެ.

މަހްލޫފް މައްސަލައިގެ އަޑު އެހުން ޝެޑިއުލްކޮށްފައި ވަނީ މިއަދު 11 ޖަހާއިރަށެވެ. މައްސަލަ ކެންސަލްވި ކަން ކޯޓުން ވަނީ މީޑިއާތަކަށް އަންގައިފަ އެވެ.

މަހްލޫފްގެ މައްޗަށް ކްރިމިނަލް ކޯޓުގައި އުފުލީ އެމްއެމްޕީއާރުސީގެ ފައިސާ އިން 33،000 ޑޮލަރު (508،860ރ.) ރިޝްވަތުގެ ގޮތުގައި ހިފި ކަމުގެ ދައުވާ އެވެ.

ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބުގެ އަތުން މަހްލޫފް ރިޝްވަތު ހިފާފައި ވަނީ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު ކަމުގައި މަހްލޫފް ހުންނެވިއިރު، ސްޕެޝަލް އިކޮނޮމިކް ޒޯން ބިލަށް ތާއީދުކޮށް، ވޯޓުދިނުމުގެ މުގާބިލްގަ އެވެ.

މަހްލޫފްގެ މައްޗަށް ކުރާ އެ ދައުވާ ސާބިތުވެއްޖެ ނަމަ، ގިނަވެގެން ހަތް އަހަރަށް އޭނާ ޖަލަށްލާން ނުވަތަ ގޭ ބަންދު ކުރަން ނުވަތަ އަރުވާލުމުގެ ހުކުމެއް އަންނާނެ އެވެ. އަދި އެއް އަހަރަށް ވުރެ ދިގު ހުކުމެއް އޭނާގެ މައްޗަށް އަތުވެއްޖެ ނަމަ އޭނާގެ ވަޒީރުކަމުގެ މަގާމު ވެސް ގެއްލޭނެ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ބައިވެރިން އިންސާފުގެ ކުރިމައްޗަށް ގެނައުމަށް މި ސަރުކާރުން ވީ ވައުދާ އެއްގޮތަށް އޭނާގެ މައްސަލައިގައި ދައުވާ އުފުލަން ފޮނުވީ ތަހުގީގީ އިދާރާތަކުންނެވެ. ފުލުހުންނާއި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ ގުޅިގެން ހިންގާ ޖޮއިންޓް ތަހުގީގުން ހޯދުނު ހެކިތަކުގެ މައްޗަށް ބުރަވެ އެވެ. އެކަމަކު އޭނާ އަދިވެސް ހުންނެވީ ކެބިނެޓުގެ ވަޒީރެއްގެ ގޮތުގަ އެވެ.

ސަރުކާރުން ކުރިން ގެންގުޅުނު އުސޫލަކީ ހިޔާނާތުގެ ތުހުމަތު ކުރެވޭ ނަމަ އެ މީހަކު މަގާމުގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކުރުމެވެ. އެކަމަކު މަހްލޫފް މައްސަލައިގައި އެކި ސަބަބުތަކާ ހުރެ މި އުސޫލަށް ވަނީ ތަކުރާރުކޮށް ބަދަލު ގެނެސްފަ އެވެ.

މަހްލޫފް ގެންދަވަނީ ތުހުމަތުތައް ދޮގުކުރައްވައި މި މައްސަލައިގައި އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ޕީޖީ އޮފީހަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވަމުންނެވެ. އޭނާ ވިދާޅުވަމުން ގެންދަވާ ގޮތުގައި އެމްއެމްޕީއާރުސީގެ މައްސަލައިގައި ސިޔާސީ ގޮތުން "ކަތިލި ކަންބަޅިއަކަށް" އޭނާ ހެދީ އެވެ.

އޭނާގެ މައްޗަށް ދައުވާ ކޮށްފި ނަމަ އިސްތިއުފާ ދެއްވާނެ ކަމަށް މަހުލޫފް ކުރިން ވިދާޅުވި ނަމަވެސް އެ ނިންމުން ވެސް ބަދަލުކުރެއްވީ އެވެ. އެއީ އޭނާގެ މައްޗަށް އުފުލަނީ ޒާތީ ދައުވާއެއް ކަމަށް ވިދާޅުވެ އެވެ.