Roadha Mihaaru
މަހްލޫފަށް ކުރި ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ

މަހްލޫފަށް ކުރި ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ

14 މެއި 2018

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ކޮށްފައިވާ ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ޝެޑިއުލްކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހްމަދު މަހްލޫފަށް ކޮށްފައިވާ ތިން ދައުވާއެއްގެ އަޑުއެހުން މާދަމާ ކްރިމިނަލް ކޯޓުގައި ބާއްވަން ޝެޑިއުލްކޮށްފި އެވެ.

ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރާ ދެކޮޅަށް އުފައްދާފައިވާ އިދިކޮޅު ޕާޓީތަކުގެ ކޯލިޝަންގައި އިސްކޮށް ހަރަކާތްތެރިވެވަޑައިގަންނަވާ މަހްލޫފަށް ދައުލަތުން ހަތަރު ދައުވާއެއް ވަނީ ކޮށްފަ އެވެ. އޭގެ އިތުރުން ތަހުގީގު ނިންމައި، ދައުވާކުރުމުގެ މަރުހަލާގައި ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުގައި ވެސް ދެ މައްސަލައެއް އެބައޮތެވެ. އެއީ ރައްޔިތުންގެ މަޖިލީހުގައި ސަލާމަތީ ބާރުތަކާ ދެކޮޅަށް މާރާމާރީ ހިންގުމުގެ ދައުވާ އާއި މުޒާހަރާގެ ތެރެއިން ފުލުހުންގެ ވާޖިބަށް ހުރަސްއެޅި ކަމަށް ބުނެ ކުރާ ދައުވާ އެވެ.

ގޭބަންދުގައި ހުންނެވި މަހްލޫފަށް ކްރިމިނަލް ކޯޓުން ފޮނުވި ޗިޓުގައިވާ ގޮތުން މާދަމާ ބާއްވަނީ، ޓެރަރިޒަމް ކުށުގެ ދައުވާ އާއި އޭނާ ކުރެއްވި ޓުވީޓްތަކަކާ ގުޅިގެން އުފުލާފައިވާ ދެ ދައުވާގެ އަޑު އެހުމެވެ.

މަހްލޫފްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކޮށްފައި ވަނީ ފެބްރުއަރީ 1 ގައި ސުޕްރީމް ކޯޓުގެ ފަސް ފަނޑިޔާރުންގެ އިއްތިފާގުން ނެރުނު އަމުރު ތަންފީޒުކުރަން ގޮވާލައި، މާފުށީ ޖަލު ސަރަހައްދުގައި މުޒާހަރާކުރި މައްސަލައިގަ އެވެ. މުޒާހަރާއެއްގެ ތެރެއިން ބައިވެރިންނަށް މަހްލޫފް މާސްކް ބެހި މައްސަލައިގައި، ފުލުހުންގެ ވާޖިބަށް ހުރަސްއެޅުމުގެ ދައުވާ ވެސް އޭނާގެ މައްޗަށް ވަނީ ކޮށްފަ އެވެ.

މަހްލޫފަށް ޓެރަރިޒަމްގެ ދައުވާ ކޮށް، ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކުރި އިރު، އޭނާ ހައްޔަރުކުރީ އިދިކޮޅު ފަރާތްތަކުން މާލޭގައި ފެބްރުއަރީ 22 ގައި ކުރި މުޒާހަރާގެ ތެރެއިންނެވެ.

މީގެ ކުރިން، އެއްވުމެއްގެ ތެރެއިން ފުލުހުންގެ ދައުރު އަދާކުރަން ހުރަސްއެޅި ކަމުގެ ދެ މައްސަލައެއް އޭނާގެ މައްޗަށް ސާބިތުވެގެން ވެސް ޖަލަށް ލި އެވެ. އެ ދެ މައްސަލައިގައި 10 މަހާއި 24 ދުވަސް ވަންދެން މަހްލޫފް ޖަލުގައި ހޭދަކުރެއްވި އެވެ. އެ ހުކުމުން ޖޫން، 8، 2017 ގައި މިނިވަންވުމާ އެކު އިދިކޮޅު ހަރަކާތުގެ އިސް ސަފުގައި އަނެއްކާ ވެސް މަސައްކަތް ކުރައްވަން ފެއްޓެވި އެވެ. މިދިޔަ ފެބްރުއަރީ މަހުގެ 1 ގައި ސުޕްރީމް ކޯޓުން ނެރުނު އަމުރު ތަންފީޒު ކުރުމަށް ގޮވާލައި އިދިކޮޅު ޕާޓީތަކުން ކުރި މުޒާހަރާތަކުގައި އެންމެ އިސްކޮށް އުޅުއްވި އެއް ބޭފުޅަކީ މަހުލޫފެވެ.