29 ސެޕްޓެމްބަރ 2021
އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މީހުން ވެސް ފުލުހުންގެ ގޯސްތަކާ ހެދި ކަމަށް ބުނެ ކޯޓުތަކުން ދޫކޮށްލާފައި އެބަހުއްޓެވެ. ޑްރަގުގެ ބޮޑު ނެޓްވޯކެއް ކަމަށް ތުހުމަތުވާ ގިނަ ބަޔަކު އިއްޔެ ވެސް ސަލާމަތްވެއްޖެ އެވެ.
އުމުރު ދުވަހުގެ ޖަލު ހުކުމެއް އަންނަ މީހުން ވެސް ފުލުހުންގެ ގޯސްތަކާ ހެދި ކަމަށް ބުނެ ކޯޓުތަކުން ދޫކޮށްލާފައި އެބަހުއްޓެވެ. ޑްރަގުގެ ބޮޑު ނެޓްވޯކެއް ކަމަށް ތުހުމަތުވާ ގިނަ ބަޔަކު އިއްޔެ ވެސް ސަލާމަތްވެއްޖެ އެވެ.
އެ މީހުން ހައްޔަރުކުރީ މާލޭގެ ހަ ގެއެއް ބަލައި ފާސްކޮށް ބައެއް ގެތަކުން ޑްރަގާއި، ޑްރަގް ޕެކްކުރާ ސާމާނާއި، ފައިސާ އާއި ފައިސާ ގުނާ މެޝިނު ފަދަ އެއްޗެހި ފެނުނު މައްސަލައިގަ އެވެ. އެ ވިޔަފާރި ކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 4.6 މިލިއަން ރުފިޔާ ވެސް ހޯދި އެވެ.
އެކަމަކު ކްރިމިނަލް ކޯޓުން އިއްޔެ ހުކުމްކުރީ އަށް މީހުން ތެރެއިން ދެ މީހަކު ފިޔަވައި އެންމެންގެ މައްޗަށް ކުށް ސާބިތުނުވާ ކަަމަށެވެ. އޭގެތެރެއިން އެކަކުގެ ގެ ބަލައި ފާސްކުރުމުގައި ގޯސް ހަދާފައިވާ ކަަމަށް ވެސް ކޯޓުން ބުނެފައިވެ އެވެ. ހުކުމުގައި ވަނީ ފުލުހުން ގެއަށް ވަނުމުގައި އަަމަލުކުރީ ގާނޫނީ ކޮން އަސާސެއްގެ މައްޗަށް ކަމެއް އެނގެން ނެތް ކަމަށެވެ.
ތަކުރާރުކޮށް މި މައްސަލަ ފެންމަތިވެ އެވެ. މި އަހަރުގެ ތެރޭގައި ވެސް މަސްތުވާތަކެތީގެ ބޮޑުންތަކެއް ދޫވެފައިވާކަން ފެންނަން އެބަހުއްޓެވެ. ފުލުހުން ހަދާ އިޖުރާއީ ގޯސްތަކާ ހެދި ކުށްވެރިން ސަލާމަތްވުމުކީ އިންސާފު ގާއިމްކުރުމަށް ހުރަސްއެޅޭ ހުރަހެއް ކަމުގެ ކަންބޮޑުވުން އެބަ އޮތެވެ.
މި މައްސަލައިގައި ފުލުހުންނަށް އަމާޒުވާ ތުހުމަތަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު "މިހާރު" އަށް ވިދާޅުވީ އިސްތިއުނާފީ މަރުހަލާގައި، މަސްތުވާތަކެތީގެ މައްސަލަތައް ފަދަ ބޮޑެތި ކުށްތަކުގައި ހިމެނޭ މީހުން ދޫވަނީ "ފުލުހުން ގަސްތުގައި ގޯސްތަކެއް ހަދައިގެން ނޫން" ކަމަށެވެ. އެކަމަކު ބައެއް ފަހަރަށް އޮޕަރޭޝަން ހިންގުމުގައި ގާނޫނީ އިމުގެ ތެރެއިން ބޭރުވެފައި ހުންނަ ކަމަށް އޭނާ އެއްބަސްވެވަޑައިގަތެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި އެފަދަ ތުހުމަތުތައް ކުރާތީ އެކަމުގައި ބަލަންޖެހޭ ކަންކަން ބެއްލެވި އެވެ. ވޭތުވެދިޔަ ދެ އަހަރުގެ މައްސަލަތަކުން އޭނާ ޔަގީންކުރެއްވީ އޮޕަރޭޝަން ހިންގާ ފަރާތްތަކާއި ތަހުގީގުކުރާ ފަރާތްތަކާއި ވަކިވަކި ޑްރަގު ނެޓްވޯކެއް ނުވަތަ ނެޓްވޯކުގައި ހިމެނޭ ބަޔަކާ ގުޅުން އޮތްތޯ އެވެ.
"ވަކި ނެޓްވޯކަކަށް ނުވަތަ އެފަދަ ނެޓްވޯކެއްގައި ހިމެނޭ ބަޔަކަށް ނުވަތަ މީހަކަށް ފައިދާ ހޯދައިދޭން ގަސްތުގައި ފުލުހުން އިޖުރާއަތަކާ ހިލާފަށް ގެންދާ ކަމަށް އަޅުގަނޑުގެ ސަމާލުކަމަށް އައިސްފައެއް ނެތް. އެކަހަލަ ކަމެއް އަޅުގަނޑުމެންނަކަށް ފާހަގަކުރެވިފައެއް ވެސް ނުވޭ،" ހަމީދު ވިދާޅުވި އެވެ.
ފުލުހުންނަށް ތުހުމަތުކުރާ އެފަދަ މައްސަލަތައް ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނުން ވެސް ތަހުގީގު ކުރަމުން އަންނަ ކަން ކޮމިޝަނަރު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ބައެއް އޮޕަރޭޝަންސްތަކުގައި އިޖުރާއަތުތަކުގެ މައްސަލަ ދިމާވެދާނެ ކަމަށާއި އެފަދަ ކަމެއް ފާހަގަވާ ވަގުތުން ފެށިގެން ފިޔަވަޅު އަޅާ ކަމަށެވެ. އަމަލުކުރާ އިޖުރާއަތްތަކާއި ގާނޫނީ ނިޒާމް އައިތާ މިވީ ހަތް އަހަރު ކަން ފާހަގަކުރައްވައި އިޖުރާއަތު މާނަކުރުމުގައި ވެސް ގޮންޖެހުންތައް ދިމާވަމުންދާ ކަމުގެ ކަންބޮޑުވުންފާޅުކުރެއްވި އެވެ.
"ބައެއް ކަހަލަ އޮޕަރޭޝަނަލް ޑިސިޝަންސް އެބަހުރޭ އަޅުގަނޑުމެންނަށް ހާއްސަކޮށް ޝަރީއަތްކުރުމާ ބެހޭ ގާނޫނުގައި، ޖިނާއީ އިޖުރާއަތުގެ ގާނޫނު އޮންނަ ގޮތުން ގޮންޖެހުންތައް ކުރިމަތިވާ،" ހަމީދު ވިދާޅުވި އެވެ.
މިސާލެއްގެ ގޮތުން ދެއްކީ މަސްތުވާތަކެތީގެ މައްސަލަތައް ފަދަ އޮޕަރޭޝަންތަކުގައި އަމުރު ހޯދަން ކުރަން ޖެހޭ މަސައްކަތްތަކާއި ކުރިމަތިވާ ހުރަސްތަކެވެ. ޓްރެފިކް ކުރެވޭ މަސްތުވާތަކެއްޗަކާ ގުޅޭ ގޮތުން ވަކި ސަރަހައްދެއްގެ ތެރޭގައި އޮޕަރޭޝަން ހިންގާ ނަމަ ކޯޓު އަމުރު ހޯދަން ޖެހޭނީ ވަކި ކޯޓަކުން ކަން ފާހަގަކުރެއްވި އެވެ.
"އެ ހިސާބަށް ދާންވާއިރަށް އޮޕަރޭޝަނަށް އަންނަ ބަދަލުތަކާ ގުޅިގެން އެއަށް އެޑަޕްޓްވެވޭނެ ގޮތަކަށް ނޫން މި އިޖުރާއަތުތައް މި ހުންނަނީ. ރަށެއްގެ މެޖިސްޓްރޭޓެއް ނިދާފައި އޮންނަ ގަޑީގައި އަޅުގަނޑުމެން އެ ބޭފުޅެއް ހޭލައްވައިގެން ކުރާއިރު ރަށުގެ އެންމެންނަށް އޮންނާނީ ކޯޓު އަމުރަކަށް އެދިފައި އޮތް ކަން އެނގިފައި،" ކޮމިޝަނަރު ވިދާޅުވި އެވެ.
ކޮމިޝަނަރު ވިދާޅުވި ގޮތުގައި މަސްތުވާތަކެތި އަތުލައިގަނެ ރަނގަޅު އިޖުރާއަތުތަކާ އެކު މީހުން ހައްޔަރުކުރިއަސް އަދަބު ތަންފީޒު ނުކުރެވުމަކީ ކަންބޮޑުވުން އޮތް މައްސަލައެކެވެ. އެހެންވެ މަސްތުވާތަކެތި އަތުލައިގަތުން މުހިއްމު ދަނޑިވަޅުތަކުގައި ފުލުހުން އެކަމަށް އިސްކަންދޭ ކަމަށް ވިދާޅުވި އެވެ.
"ގިނަ އަދަދެއްގެ މަސްތުވާތަކެތި އަތުލައިގަނެވެން އޮންނަ ފަހަރު އަތުލައިގަނެ ނައްތާވިއްޖިއްޔާ އެ ސެޓިސްފެކްޝަން އެބަ އޮވޭ މުޖުތަމައު ތެރޭގައި އިތުރަށް ބަޔަކު ހަލާކުވެގެން ދާން ފުރުސަތު ނުދެވި ސަލާމަތްކުރެވުމުގެ،" ކޮމިޝަނަރު ވިދާޅުވި އެވެ.
ހަމީދު ވިދާޅުވީ ފުލުހުންގެ އޮޕަރޭޝަންސްތަކުގައި ހެއްކާއި ޕްރޮސީޖާތައް މިހާރަށް ވުރެން ހަރުދަނާކޮށް ކުރިއަށް ގެންދަން އަންނަނީ މަސައްކަތްތަކެއް ކުރަމުން ކަަމަށެވެ. މި ފަހުން ވެސް އޮސްޓްރޭލިއާގެ ފުލުހުންނާ އެކު ވެސް ތަމްރީނުތަކެއް ފަށާފައިވާ ކަމަށާއި އޭގެ ނަތީޖާއަކަށް ވާނީ ހެޔޮބަދަލެއް އައުން ކަަމށް ވިދާޅުވި އެވެ.
"ކުރިއަށް މިއޮތް ނޮވެމްބަރު މަހުގެ ތެރޭގައި އާ އިންތިޒާމުތަކެއް ވެސް ތައާރަފްކުރެވިގެންދާނެ އިޖުރާއަތުގެ ކަންކަން ހިންގަނީ ރަނގަޅަށްތޯ އާއި ހެކި ހޯދޭ ގޮތާއި ކާކާ ގުޅިފައި އޮންނަ ހެއްކެއްތޯ ވަރަށް ސާފުކޮށް އެނގޭނެ ގޮތަށް ފުރަތަމަ ހަރަކާތުން ފެށިގެން ޝަރީއަތަށް ފޮނުވަން ޕީޖީއަށް ފޮނުވުމާ ހިސާބަށް ޑޮކިއުމެންޓް ކުރެވިގެންދާނެ،" ހަމީދު ވިދާޅުވި އެވެ.
ކޮމިޝަނަރު ދެއްވި ޔަގީންކަމަކީ، ކުރިއަށް އޮތް ތަނުގައި އިސްލާހީ ބަދަލުތަކެއް ފެންނާނެ ކަމެވެ.
130 ކިލޯ ޑްރަގްސް: "ބޮޑުން" ދޫވެ، ސުވާލުތަކެއް
ކުށް ސާބިތުނުވުމުން ވީޑިއޯ ރިޕޯޓް ހަދާތީ ފާޑުކިޔުން
އޯވަޑޯޒްވެ ދެ މީހަކު މަރުވުން: ދައުވާއެއް ބާތިލުކޮށްފި
12 ކިލޯގެ ޑްރަގް ކޭސް: ދެ މީހަކު ދޫކޮށްލައިފި
42 ކިލޯގެ ޑްރަގް: ނަޝީދުގެ ބަންދަށް 10 ދުވަސް
1.7 ކިލޯ ޑްރަގް އެތެރެކުރުމުގެ ދައުވާ ސާބިތެއް ނުވި
100 ކިލޯގެ ޑްރަގްސްގެ މައްސަލައިގައި ދައުވާކޮށްފި
ޑްރަގާއެކު ހައްޔަރުކުރާ މީހުން ދޫވާ މައްސަލަ މަޖިލީހަށް
ދެ ބޮޑުން ދޫކޮށްލުން: އިސްތިއުނާފްކުރާކަށް ނުނިންމާ
ބޮން ގޮއްވި މައްސަލައިގައި ހަތަރު މީހަކަށް ދައުވާކޮށްފި