Roadha Mihaaru
ދެ ބޮޑުން ދޫކޮށްލުން: އިސްތިއުނާފްކުރާކަށް ނުނިންމާ

ދެ ބޮޑުން ދޫކޮށްލުން: އިސްތިއުނާފްކުރާކަށް އަދި ނުނިންމާ

18 އޮކްޓޯބަރ 2021

މި ފަހުން ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މި ފަހުން ރާއްޖެއަށް 100 ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ފުލުހުން ތުހުމަތުކުރާ ދެ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލި މައްސަލަ އިސްތިއުނާފުކުރުމާ މެދު ވަކި ގޮތެއް ނުނިންމާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން މިއަދު ބުނެފި އެވެ.

ކަމާގުޅޭ އިދާރާތަކާ ގުޅިގެން މިދިޔަ ބުދަ ދުވަހު ފުލުހުން ފެށި އޮޕަރޭޝަނެއްގައި 10 ތަނެއް ފާސްކޮށް އަށް ދިވެހިންނާއި ދެ ބިދޭސީއަކު ހައްޔަރުކުރި އެވެ. ނަމަވެސް ބަންދުގެ މުއްދަތު ޖެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ދެ މީހުން ވަނީ ދޫކޮށްލައިފަ އެވެ. އެއީ، މި ނެޓްވޯކުގެ އިސް ދެ މީހުން ކަމަށް ބެލެވެ އެވެ.

އެހެންވެ، އެކަން މަތީ ކޯޓުގައި އިސްތިއުނާފު ކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

އެކަމާ ގުޅިގެން ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު ވިދާޅުވީ ޑްރަގްގެ ބޮޑުން ކަމަށް ތުހުމަތުކުރާ ދެ މީހުން ދޫކޮށްލި މައްސަލަ އިސްތިއުނާފު ކުރުމާ ގުޅޭގޮތުން ވަކި ގޮތެއް ނުނިންމާ ކަމަށެވެ. މާދަމާ އެކަމާ ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވާނީ ބުދަ ދުވަހު. އޭގެ ކުރިން ގޮތެއް ނިންމާނަން،" ޝަފީއު ވިދާޅުވި އެވެ.

ފުލުހުންގެ ބަންދުގައި ތިބި އަށް މީހުންގެ ވަނަވަރު އިއްޔެ ހާމަކޮށްފައިވާއިރު، އޭގެ ތެރެއިން ހަތަރު މީހެއްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވެ އެވެ. ތިން މީހެއްގެ ބަންދަށް 10 ދުވަސް އަދި އެކަކުގެ ބަންދަށް ކޯޓުން ފަސް ދުވަސް ޖަހާފައިވެ އެވެ.

އެ އޮޕަރޭޝަނުގައި މާލެ އާއި ހުޅުމާލެ އާއި ފަޅު ރަށްރަށާއި ސަފާރީއެއް އަދި ލޯންޗެއް ބަލައި ފާސްކޮށްފައިވެ އެވެ. އެގޮތުން، 100 ކިލޯއަށްވުރެ ގިނަ ހެރޮއިން ހޯދާފައި ވަނީ އދ. ބޮޑުކާށިހުރާ ނަމަކަށް ކިޔާ ފަޅުރަށެއްގައި ފޮރުވާފައި ހުއްޓަ އެވެ.

އޭގެ ފަހުން ވެސް ރ. އަތޮޅުގެ ފަޅު ރަށެއްގައި ފޮރުވާފައި ހުރި 215 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތެވެ. އެ މައްސަލައާ ގުޅުންހުރި ކަމަށް ތުހުމަތުކުރާ ދެ މީހަކު ހައްޔަރުކުރިއަސް އޭގެ ތަފްސީލެއް އަދި ނުދެ އެވެ.