Roadha Mihaaru
ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

ޑްރަގްގެ ބޮޑެއް ކަމަށް ބެލެވޭ ވިސާމް ދޫކޮށްލި މައްސަލަ އިސްތިއުނާފުކޮށްފި

26 ޖެނުއަރީ 2021

ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ކުއްލިއަކަށް ކްރިމިނަލް ކޯޓުން ދޫކޮށްލި އަހުމަދު ވިސާމްގެ މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

ރާއްޖެއަށް 61 ކިލޯގެ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތުކޮށް، ޝަރީއަތް ނިމެންދެން ބަންދުގައި ހުއްޓާ ކުއްލިއަކަށް ކްރިމިނަލް ކޯޓުން ދޫކޮށްލި އަހުމަދު ވިސާމްގެ މައްސަލަ ހައި ކޯޓުގައި މިއަދު އިސްތިއުނާފުކޮށްފި އެވެ.

މ. ބޮއިލިން ފިޝްގެ ރަޖިސްޓްރީގައި އޮންނަ ވިސާމް ހައްޔަރުކުރީ "އިރުއަލިމަސް" ދޯނިން މާޗު 20، 2020 ގައި މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅުނު ކަމަށް ތުހުމަތުކޮށްފަ އެވެ.

ޑްރަގްގެ ބޮޑު މި މައްސަލައިގައި ވިސާމް ހައްޔަރުކުރުމަށް ފަހު ހުރީ ޝަރީއަތް ނިމެންދެން ބަންދުކޮށްފަ އެވެ. ނަމަވެސް ބަންދު އަމުރު ރިިވިއުކުރަން މިދިޔަ އާދިއްތަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ގާޒީ އާދަމް މުހައްމަދު އޭނާ ދޫކޮށްލެއްވީ، ޑޮކްޓަރަށް ނުދައްކާ ކަމަށް ނިންމަވައިފަ އެވެ. އެގޮތަށް ގާޒީ ނިންމެވި އިރު މި މަހު 12 ގައި ވެސް އޭނާ ޑޮކްޓަރަށް ދެއްކި ކަމާއި އޭގެ ލިއުންތައް ވެސް ކޯޓަށް ހުށައެޅި ކަމަށް، އެނގިފައިވެ އެވެ.

ގާޒީ ނެރުއްވި އަމުރުގައި ބުނީ ކަރެކްޝަނަލް ސާވިސްގެ ފަރާތުން ވިސާމަށް އެކަށީގެންވާ ގޮތެއްގައި ސިއްހީ ފަރުވާ ދީފައިނުވާ ކަމަށެވެ. އޭނާއަކީ ކަކުލުގެ ބޮޑު އޮޕަރޭޝަނެއް ކުރަން ޖެހޭ މީހެއްކަން ލިޔުންތަކުން އެނގެން އޮތަސް ޑޮކްޓަރަށް ދައްކާފައިވާ ނުވާ ކަމަށް ވެސް، ގާޒީ އާާދަމް ވިދާޅުވި އެވެ. އަދި ނަފްސާނީ ޑޮކްޓަރަކަށް ވިސާމް ދައްކަން ރިފާކޮށްފައިވާއިރު އެކަން ވެސް ކޮށްފައި ނުވުމަކީ ވިސާމް ދޫކޮށްލައްވާ ސަބަބެއް ކަމަށް ކަނޑައެޅުއްވި އެވެ.

އެކަމަކު "މިހާރު" އަށް އެނގިފައިވާ ގޮތުގައި މި މަހުގެ 12 ވަނަ ދުވަހު ވިސާމް ޑޮކްޓަރަށް ދެއްކުމަށް ފަހު، ސްޕެޝަލިސްޓް ޑޮކްޓަރަކަށް ފަހުން ދައްކަން އެޕޮއިންޓްމަންޓަކަށް ވެސް އޮތީ އެދިފަ އެވެ. ކުރިން ވެސް އެތައް ފަހަރަކު އޭނާ ޑޮކްޓަރަށް ދައްކާފައިވާކަން އެނގިފައިވެ އެވެ.

މި ސީރިއަސް މައްސަލާގައި ވިސާމާ އެކު 11 މީހެއްގެ މައްޗަށް ވަނީ ދައުވާ އުފުލައިފަ އެވެ. އެއީ މުހައްމަދު ހަމީދު، ގދ. ރަތަފަންދޫ، ގުލްދަސްތާގެ، މުހައްމަދު މާއިޝް، މ. މާކޮޅު، މުހައްމަދު ޝާމިން، މއ. ވިރާހު، އަހުމަދު ޝިފާޒް، ހުޅުމާލޭ ފްލެޓް 06ޖީ4، އަބްދުﷲ ޝާމް، މއ. ބޯޅަކިންކިރިމާގެ، ހުސައިން ސުނާޒް، މ. މުލި، ސޯސަންވިލާ، ސައުދުﷲ ރަޝީދު، މ.ކެޕްރިކޯން، މުހައްމަދު ނަޝީދު، މ.މުލި، ހުދުފިނިފެންމާގެ، މުހައްމަދު މާއިދު، މ. ކޮޅުފުށި، އޯޝަންވިއު އަދި މުހައްމަދު ރިޟްވާން އިބްރާހިމް، މ. މުލި، މުސްތަރީގެ އެވެ.