Roadha Mihaaru
ހަތިޔާރާ އެކު މަސްދޯންޏަށް އެރި 26 މީހަކަށް ދައުވާ

ތޫނު ހަތިޔާރާ އެކު މަސްދޯންޏަށް އެރި 26 މީހަކަށް ދައުވާކޮށްފި

30 ޑިސެމްބަރ 2020

ތޫނު ހަތިޔާރާ އެކު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "ފަސްކުރި" މަސް ދޯންޏަށް އެރި މައްސަލައިގައި 26 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

ތޫނު ހަތިޔާރާ އެކު މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައި "ފަސްކުރި" މަސް ދޯންޏަށް އެރި މައްސަލައިގައި 26 މީހެއްގެ މައްޗަށް ދައުވާކޮށްދޭން ލ. ގަމު މެޖިސްޓްރޭޓް ކޯޓަށް ހުށަހަޅައިފި އެވެ.

ޕީޖީ އޮފީހުގެ މީޑިއާ އޮފިޝަލް އަދި ޕަބްލިކް ޕްރޮސެކިއުޓާ އަހުމަދު ޝަފީއު މިއަދު ވިދާޅުވީ އެ މީހުންގެ މައްޗަށް އުފުލީ ބިރުދެއްކުމުގެ ކުށުގެ ދައުވާ ކަމަށެވެ.

ލ. އަތޮޅު ވަޑިނޮޅު ކައިރީގައި އޮތް މަސް ދޯންޏަށް ކަތިވަޅި އާއި ދަގަނޑު ހިފައިގެން އެރީ ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރުގެ ރިޗްކްލަބް މޯލްޑިވްސް އިން އިންސްޓޯލްމަންޓަށް ގަނެފައިވާ މަސް ދޯންޏަކަށް ގަވައިދުން ފައިސާ ނުދައްކާ ކަމަށް ބުނެ، ދޯނި އަތުލުމަށެވެ.

އެ މައްސަލައިގައި ތުހުމަތު ކުރެވޭ ބަޔަކު ހައްޔަރުކުރި ނަމަވެސް ބަންދުގެ މުއްދަތު އިތުރުކުރަން ގެންދިއުމުން އެ މީހުން ދޫކޮށްލީ އެވެ.

ރިޗް ކްލަބަށް ދޯނި ވިއްކީ މަހުން މަހަށް ބަހާލައިގެން ހަތް މިލިއަން ރުފިޔާ ދޯނީގެ ވެރިފަރާތަށް ދައްކާ ގޮތަށެވެ. ނަމަވެސް އެ ކުންފުނިން ދެއްކީ ހަތް ލައްކަ ރުފިޔާ ކަމަށްވެ އެވެ. ނަމަވެސް އެ ވާހަކަތައް ޖާބިރު ދޮގުކުރައްވަ އެވެ.

މަސް ދޯނި، އޭގެ ވެރިފަރާތާ ހަވާލުކުރަން ރިޗް ކްލަބް މޯލްޑިވްސްގެ މައްޗަށް ގަން މެޖިސްޓްރޭޓް ކޯޓުން ވަނީ ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި ވަނީ، ދޯނީގެ މައްސަލަ ވަކިގޮތަކަށް ނިމުމުގެ ކުރިން ފަސްކުރި ދޯނީގެ ވެރިފަރާތުގެ ހުއްދަނެތި އެއްވެސް މީހަކު އެ އުޅަނދަށް އަރައި ފޭބުމާއި ދޯނީގައި ތިން ވަނަ ފަރާތެއް ތިބުމަކީ އޭގެ ވެރިފަރާތަށް އިއާދަނުކުރެވޭ ބޮޑު ގެއްލުންތަކެއް ކުރިމަތިވާނެ ކަމެއް ކަމަށް ޝަރީއަތަށް ފެންނަ ކަމަށެވެ.

އެހެންވެ ޝަރީއަތުން ވަކި ގޮތެއް ކަނޑައަޅަންދެން ފަސްކުރި ދޯންޏާއި އެ ދޯނީގައި ހުރި ތަކެތި ވަގުތުން ހަވާލުކުރަން ރިޗްކްލަބް މޯލްޑިވްސްގެ މައްޗަށް އަމުރުކޮށްފައި ވެ އެވެ.

ދޯންޏަށް ބަޔަކު އަރައި ފަޅުވެރިންނަށް ބިރުދެއްކި ގޮތް ތަފްސީލުކޮށް ކިޔައިދީ، ފަޅުވެރިންގެ ފަރާތުން ވަނީ ނޫސްބަޔާނެއް ނެރެފަ އެވެ. ވަޑިނޮޅު ކައިރީ އެންދަމަށް އޮއްވައި، ދަންވަރު ވަގުތުގައި ގިނަ ބަޔަކު ދޯންޏަށް އަރައި، ވަޅި އާއި ކަނޑި ފަދަ ތޫނު ހަތިޔާރުން ބިރުދައްކައި، ދޯނީގައި ހުރި ހާއްސަ އެހީއަށް ބޭނުންވާ މީހެއްގެ ގަޔަށް ހޫނު ފެން ވެސް ޖެހި ކަމަށް ފަޅުވެރިން ބުންޏެވެ.

އެ މީހުން ބުނާ ގޮތުން، ދޯންޏަށް މީހުން އެރިތާ މާ ގިނަ އިރެއްނުވެ، ފަޅުވެރިއަކު ފާހާނާއަށް ވަދެ އެކަން ފުލުހުންނަށް ރިޕޯޓު ކުރި އެވެ. އެކަމަކު ފުލުހުންގެ ފަރާތުން އެހީތެރިކަމެއް ނުލިބުނު ކަމަށް އެ މީހުން ތުހުމަތުކުރެ އެވެ.

ދޯނި ރަހީނުކޮށް، ލ. ގަމު ފަޅަށް ވެއްދީ އެރޭ ދަންވަރު ތިނެއް ޖަހާކަންހާއިރު އެވެ. އެކަމަކު ރައްކާތެރި މާހައުލެއް ހޯދަން ފުލުހުންގެ ފަރާތުން މާ ބޮޑު އެއްބާރުލުމެއް ލިބިފައި ނުވާ ކަމަށް ފަޅުވެރިން ބުންޏެވެ. މި ތުހުމަތު ފުލުހުން ވަނީ ދޮގުކޮށްފަ އެވެ.