Roadha Mihaaru
ރިލްވާން މައްސަލާގައި ތިން މީހަކަށް ޓެރަރިޒަމް ދައުވާ

ރިލްވާންގެ މައްސަލައިގައި ތިން މީހަކަށް ޓެރަރިޒަމްގެ ދައުވާ އުފުލައިފި

17 ސެޕްޓެމްބަރ 2017

މީގެ ތިން އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މީގެ ތިން އަހަރު ކުރިން މިނިވަން ނޫހުގެ ނޫސްވެރިޔާ، އަހްމަދު ރިލްވާން ހުޅުމާލެ އިން ވަގަށް ނެގި މައްސަލައިގައި ތިން މީހެއްގެ މައްޗަށް ޓެރަރިޒަމްގެ ދައުވާކޮށްފި އެވެ.

ޕްރޮސިކިއުޓަ ޖެނެރަލްގެ އޮފީހުން މިއަދު ބުނި ގޮތުގައި ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން، މީހަކު ގަދަކަމުން ފޮރުވުމުގެ ދައުވާ އުފުލާފައި ވަނީ ގ. ހިލްޓަން، އާލިފް ރައޫފާއި ގދ. ވާދޫ، ކަރަންކާގޭ، މުހައްމަދު ނޫރައްދީންގެ އިތުރުން ސ. ހުޅުދޫ، އަތިޔާގޭ، މުހައްމަދު ސުއައިދުގެ މައްޗަށެވެ. މިއީ، ރިލްވާން ގެއްލުވައިލި މައްސަލައިގައި ހައްޔަރު ކުރުމަށް ފަހު، ދޫކޮށްލާފައި ތިބި މީހުންނެވެ.

މީގެ ތެރެއިން އާލިފް ރައޫފަކީ، ޑރ. އަފްރާޝީމް އަވަހާރަކޮށްލި މައްސަލައިގައި ތުހުމަތުކުރި އަޒްލިފް ރައޫފްގެ ކޮއްކޮ އެވެ. އޮގަސްޓު 8، 2014 ގައި ރިލުވާން ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ބުނެފައިވާ އިރު ކުޑަހެންވޭރު ގުރޫޕަށް ނިސްބަތްވާ އާލިފަކީ ރިލުވާން ހިފަހައްޓައި ގަދަކަމުން އެރުވި ރަތް ކާރުގެ ވެރިޔާ އެވެ.

ސުއައިދު އަކީ ރިލްވާން ވަގަށް ނެގުމަށް އޭނާއަށް ފާރަލުމުގައި އިސްކޮށް ހުރި މީހާ ކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. މިދިޔަ އަހަރު ފުލުހުން ބުނެފައިވާ ގޮތުގައި މި މައްސަލައިގެ ތުހުމަތަށް ސުއައިދު ހައްޔަރުކޮށްފައި ހުއްޓާ ކޯޓުން އޭނާ ދޫކޮށްލީ އެވެ. އަދި އޭގެ ފަހުން ސުއައިދު ރާއްޖެއިން ބޭރަށް ގޮސްފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ. ސުއައިދު ދިޔައީ ސީރިޔާގެ ހަނގުރާމާގައި ބައިވެރިވާން ކަމަށް ވެސް އަޑު ފެތުރިފައިވެ އެވެ.

އާލިފްގެ ކާރު އޮތް ސަރަހައްދުން ތިން ފަހަރަކު މީހަކު ހަޅޭއްލަވާ އަޑު އިވުނު ކަމަށް މަންޒަރު ދުށް މީހުން ފުލުހުންނަށް ކިޔައިދީފައިވެ އެވެ. އޭރު އެ ކާރުގެ ވައަތް ފަރާތު ދޮރު ހުޅުވިފައި ހުރި އިރު، އެ ދޮރުން މީހަކު އަތް ދިއްކުރަނިކޮށް ފެނިފައިވާ ކަމަށް މަންޒަރު ދުށް މީހުން ތަހުގީގަށް މައުލޫމާތު ދިނެވެ. މީގެ އިތުރުން، އެ ކާރުގެ ތެރެއިން ފެނުނު ޑީއެންއޭ ސާމްޕަލާއި ރިލުވާންގެ މަންމަގެ ޑީއެންއޭއާ އެއްގޮތްކަން ވެސް ފުލުހުން ހާމަކޮށްފައިވެ އެވެ.

ރިލްވާން ވަގަށް ނެގުމުގެ ފަހަތުގައި ވަނީ ކޮން ކަންތައްތަކެއް ކަމެއް ސާފު ނުވިއަސް އޭނާ ގެއްލުވައިލީ ފާރަލުމަށް ފަހު ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އޭނާ ގެއްލުވައިލުމުގައި ގޭންގްތަކާ ގުޅުން އޮތް ކަމަށް ބުނެ ބަޔަކު ހައްޔަރު ވެސް ކުރި އެވެ. އެކަމަކު އެއްވެސް ހެއްކެއް ނެތް ކަމަށް ބުނެ، އެ އެންމެން ވެސް ވަނީ ދޫކޮށްލައިފަ އެވެ.

ރިލުވާން ގެއްލުވައިލިތާ ތިން އަހަރުވީ އިރު ވެސް އޭނާ ހޯދަން އެކަށީގެންވާ މަސައްކަތްތަކެއް ކުރަމުން ނުދާ ކަމަށް އާއިލާ އިން ބުނެ އެވެ. އަދި އޭނާ ގެއްލުވައިލުމުގެ އަޑީގައި ތިބީ ސިޔާސީ ބައެއް ކަމަށް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރެ އެވެ.

އޭގެ ތެރޭގައި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ހިމެނިވަޑައިގަންނަވާ ކަަމަށް ކުރާ ތުހުމަތު އެ މަނިކުފާނު ވަނީ ދޮގު ކުރައްވައިފަ އެވެ.