Roadha Mihaaru

ހަރުކަށި ފިކުރަށް ތުހުމަތުވާ ފަސް މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި

އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކުރި ހަރުކަށި ފިކުރަށް ތުހުމަތުވާ ފަސް މީހަކު ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކޮށް އަލުން ހައްޔަރުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ހަރުކަށިފިކުރު މީހުން އަލުން ހައްޔަރުކުރަން އަމުރުކޮށްފި
މަރިޔަމް ޝަހުދާ
މަރިޔަމް ޝަހުދާ

15 ޖޫން 2021

އައްޑޫގައި ފުލުހުން ހިންގި އޮޕަރޭޝަނެއްގައި، ހައްޔަރުކުރި ހަރުކަށި ފިކުރަށް ތުހުމަތުވާ ފަސް މީހަކު ދޫކޮށްލަން ދަށު ކޯޓުން ކުރި އަމުރު ބާތިލްކޮށް އަލުން ހައްޔަރުކުރަން ހައި ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ޕީޖީ އޮފީހުން ބުނީ، ހައި ކޯޓުން މައްސަލަ ނިންމައި ހުކުމްކުރީ ދޫކޮށްލި މީހުން 15 ދުވަހުގެ މުއްދަތަކަށް ބަންދުކުރަން ކަމަށެވެ.

ހަރުކަށި ފިކުރާ ދެކޮޅަށް މިދިޔަ މަހުތެރޭ ފުލުހުން ހާއްސަ އޮޕަރޭޝަންތަކެއް ހިންގީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަކޮށްލުމަށް ދިން ހަމަލާއަށް ފަހުގަ އެވެ.

މިދިޔަ މަހު އައްޑޫގައި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނުގައި ހަތް މީހަކު ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ފަސް މީހަކު ދޫކޮށްލުމަށް ދަށު ކޯޓުން ހުކުމް ކޮށްފައިވަނީ މިދިޔަ މަހު 30ގަ އެވެ. އެހެންވެ މި ފަސް މީހުންގެ މައްސަލަ އިސްތިއުނާފުކުރީ އެވެ.

މެއި ހައެއްގައި ނަޝީދަށް ދިން ހަމަލާގެ ތުހުމަތަށް މިހާތަނަށް ހައްޔަރު ކޮށްފައިވާ އެންމެންނަކީ ވެސް ހަރުކަށި ފިކުރާ ގުޅުން ހުރި މީހުން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.