Roadha Mihaaru
ކިލޯއެއްގެ ޑްރަގު މައްސަލާގައި ދޫކުރި މީހުން ހައްޔަރު

އެއް ކިލޯގެ ޑްރަގު މައްސަލައިގައި ކޯޓުން ދޫކުރި މީހުން އަލުން ހައްޔަރުކޮށްފި

25 ޑިސެމްބަރ 2020

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ފަސް މީހަކު މި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު އޭގެތެރެއިން ހަތަރު މީހަކު އަލުން ހައްޔަރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

އެއް ކިލޯގެ މަސްތުވާތަކެއްޗާ އެކު ހައްޔަރުކުރި ފަސް މީހަކު މި މަހުގެ ކުރީކޮޅު ކްރިމިނަލް ކޯޓުން ދޫކޮށްލީ ގާނޫނާ ޚިލާފަށް ކަމަށް ހައި ކޯޓުން އިއްޔެ ކަނޑައެޅުމާ އެކު އޭގެތެރެއިން ހަތަރު މީހަކު އަލުން ހައްޔަރުކޮށްފި އެވެ.

މި މައްސަލައިގައި ހިމެނޭ ފަސް މީހުން ކްރިމިނަލް ކޯޓުން މި މަހުގެ ހަތަރު ވަނަ ދުވަހު ދޫކޮށްލީ ބަންދުގެ މުއްދަތު އިތުރުކުރަން ނުވަ ވަނަ ފަހަރު ކޯޓަށް ގެންދިއުމުންނެވެ. އެނގިފައިވާ ގޮތުގައި ކްރިމިނަލް ކޯޓުން އެ މީހުން ދޫކޮށްލަން ނިންމީ މުޖުތަމައަށް ނުރައްކަލެއް އޮތް ކަމަށް ނުފެންނަ ކަމަށް ބުނެ އެވެ.

މަސްތުވާތަކެއްޗާ އެކު އެ މީހުން ހައްޔަރުކުރީ މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

ފުލުހުން މިއަދު ބުނީ ޑްރަގުގެ ބޮޑު މައްސަލައަކަށް ތުހުމަތުކުރެވޭ މީހުން ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އިސްތިއުނާފްކޮށްދޭން ޕްރޮސިކިއުޓަ ޖެނަރަލްގެ އޮފީހުގައި އެދިގެން ކޯޓުގެ ޝަރީއަތް ނިމި އިއްޔެ އަމުރެއް ލިބިފައިވާ ކަމަށެވެ. ކްރިމިނަލް ކޯޓުގެ ނިންމުން ގާނޫނާ ޚިލާފު ކަމަށް ހައި ކޯޓުން ކަނޑައެޅި ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ހައި ކޯޓުން އަމުރުކުރީ ޝަރީއަތް ނިމެންދެން ތިން މީހަކު ބަންދުކުރާށެވެ. އަދި އެކެއްގެ ބަންދަށް 15 ދުވަސް އިތުރުކޮށްފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ. ފަސް ވަނަ މީހާ ދޫކޮށްލީ ބަލި ހާލަތަށް ކޯޓުން ރިއާޔަތްކޮށް ޝަރުތުތަކަކާ އެކުގަ އެވެ.

މަސްތުވާތަކެތި ބޭނުންކޮށް ވިޔަފާރިކުރާ ބޮޑުންތައް ފުލުހުން އަންނަނީ އަތުލައިގަންނަމުންނެވެ. ގާނޫނީ ނިޒާމުގެ ތެރޭގައި ގޮންޖެހުންތަކެއް ހުއްޓަސް މަސްތުވާތަކެއްޗާ ދެކޮޅަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށް ފުލުހުން ވަނީ ދާދި ފަހުން ވެސް ބުނެފަ އެވެ.