Roadha Mihaaru
ޑްރަގް އަޅަން ފިލްމު ހުސްކުރި ދަޅު ލިބެނީ ކިހިނެއް؟

ފަނޑިޔާރުގެ ސުވާލެއް: ޑްރަގް އަޅަން، ފިލްމު ހުސްކުރި ދަޅު ލިބެނީ ކިހިނެއް؟

24 މެއި 2022

މަސްތުވާތަކެތީގެ ވިޔަފާރި ކުރާއިރު، ފިލްމު ހުސްކުރި ދަޅު އަބަދުވެސް ބޭނުންކުރާތީ އެހާ ވަރަށް އެފަދަ ދަޅު ހޯދާ ގޮތާ ބެހޭގޮތުން ހައި ކޯޓުން މިއަދު ފުލުހުންނާ ސުވާލުތައް ކުރިމަތިކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މަސްތުވާތަކެތީގެ ވިޔަފާރި ކުރާއިރު، ފިލްމު ހުސްކުރި ދަޅު އަބަދުވެސް ބޭނުންކުރާތީ އެހާ ވަރަށް އެފަދަ ދަޅު ހޯދާ ގޮތާ ބެހޭގޮތުން ހައި ކޯޓުން މިއަދު ފުލުހުންނާ ސުވާލުތައް ކުރިމަތިކޮށްފި އެވެ.

ދާދިފަހުން މާލޭގެ ގެއެއް ފާސް ކުރިއިރު ކިލޯއެއްގެ މަސްތުވާތަކެތި ފެނުނީ ފޮށިގަނޑެއްގައި ހުރި ފިލްމު ހުސްކުރި ދަޅުތަކެއްގައި ހުއްޓާ އެވެ. ކްރިމިނަލް ކޯޓުން ނިންމީ އެ މީހާ ބަންދުން ދޫކޮށްލުމަށެވެ.

ފިލްމް ލައްވައިގެން ފޮޓޯ ނަގާ ކެމެރާ އަކީ މިހާރު ރާއްޖޭގައި ބޭނުންކުރާ އެއްޗެއް ވެސް ނޫނެވެ. އެކަމަކު އަބަދުވެސް ޑްރަގް އޮޕަރޭޝަންތަކުގައި މަސްތުވާތަކެތި ފެންނަނީ އޭގެ ކެމެރާއަށް ލައްވާ ފިލްމު ރޯލް ހުސްކުރި ދަޅަށް މަސްތުވާތަކެތި އަޅާފައި ހުއްޓަ އެވެ.

ކްރިމިނަލް ކޯޓުން ދޫކޮށްލި މީހާގެ މައްސަލަ ދައުލަތުން އިސްތިއުނާފް ކުރުމުން ހައި ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ފުލުހުން ބުނީ އެ މައްސަލާގައި އަތުލައިގަތް ފޮށިގަނޑުގައި ފިލްމް ހުސްކުރި 10 ދަޅު ހުރި ކަމަށެވެ. ކޮންމެ ދަޅެއްގައި އެކި ބާވަތުގެ މަސްތުވާތަކެތި ހުރި ކަމަށް ފުލުހުން ބުންޏެވެ.

އެހެން ބުނުމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ފިލްމް ހުސްކުރި ދަޅު އެހާ ގިނައިން ހޯދަނީ ކިހިނެއްތޯ ސުވާލުކޮށްފަ އެވެ.

"މިހާރު މިކަހަލަ ފިލްމް ނުވެސް ގެންގުޅޭ ނޫންތޯ؟. އޭގެ ދަޅު އެބަ ބޭނުންކުރޭ މަސްތުވާތަކެތީގެ ވިޔަފާރީގައި. އަބަދުވެސް އަޑު އިވެނީ ފިލްމް ހުސްކުރި ދަޅެއްގެ ވާހަކަ. އޭގެ ދަޅު ވަކިން އެތެރެކުރަނީތޯ ރާއްޖެއަށް؟." ފަނޑިޔާރު މުހައްމަދު ނިޔާޒް ސުވާލު ކުރެއްވި އެވެ.

ފަނޑިޔާރު މުހައްމަދު ނިޔާޒް -- ފޮޓޯ/މިހާރު

ފަނޑިޔާރު މުހައްމަދު ނިޔާޒް -- ފޮޓޯ/މިހާރު

ފުލުހުން ބުނީ އެ ބާވަތުގެ ދަޅު ވަކިން އެތެރުކުރާކަން ނުވަތަ ނޫންކަން ނޭނގޭ ކަމަށެވެ.

"އެ މައުލޫމާތެއް ނޭނގޭ. އެހެން ނަމަވެސް އާންމު ގޮތެއްގައި ކެނަބިސް އަޅާފައި މި ހުންނަނީ އެ ބާވަތުގެ ދަޅަށް،" ހައި ކޯޓަށް ހާޒިރުވި ފުލުހުންގެ އޮފިސަރު ވިދާޅުވި އެވެ.

ދައުލަތުން ބުނީ އަބަދުވެސް އޮޕަރޭޝަންތަކުގައި ފެންނަނީ ފިލްމް ހުސްކުރި ދަޅަށް މަސްތުވާތަކެތި އަޅާފައި ހުއްޓާ ކަމަށެވެ.

"އެއީ އެ ބޭފުޅުން އުފައްދާ ދަޅެއް ކަމެއް ނުވަތަ ކިހިނެއް އަންނަ ދަޅެއް ކަމެއް ނޭނގެ،" ދައުލަތުން ބުންޏެވެ.

"އެކަން ބަލަންވެއްޖެ ނޫންތޯ މިހާރު؟" ފަނޑިޔާރު ނިޔާޒް ވިދާޅުވި އެވެ.

ތުހުމަތުކުރެވޭ މީހާ އުޅޭ ތަނެއް ނޭނގޭތީ އޭނާ ހައްޔަރުކޮށްގެން ކޯޓަށް ގެންނަން ފުލުހުންނަށް އަމުރު ކޮށްފައި ވަނިކޮށް އޭނާ ހައި ކޯޓަށް މިއަދު ހާޒިރުވީ އަމިއްލައަށެވެ. އެކަމަކު ފުލުހުންނަށް ފޮނުވި އަމުރެއްގެ މައުލޫމާތު އޭނާއަށް ލިބިގެން އަމިއްލައަށް ހާޒިރުވީ ކިިހިނެއްތޯ ބެންޗުން ސުވާލު އުފެއްދެވި އެވެ.

ފުލުހުން ބުނީ އޭނާ ދިން އެޑްރެހުގައި ނޫޅޭތީ ހައްޔަރު ނުކުރެވުނީ ކަމަށެވެ. އެކަމަކު ހައްޔަރު އަމުރުގެ މައުލޫމާތު އޭނާއަށް ލިބުނު ގޮތާ ބެހޭގޮތުން ފުލުހުން އެއްޗެއް ނުބުނެ އެވެ.

އެހެންވެ، ފަނޑިޔާރުން އެންގެވީ އެ މައްސަލާގައި ހައި ކޯޓުން ހުކުމް ކުރެވެންދެން އެ މީހާ ބަންދު ކުރުމަށެވެ.

އެ މައްސަލާގެ އަޑުއެހުންތައް ހައި ކޯޓުން މިއަދު ވަނީ ނިންމާލައިފަ އެވެ. ފަނޑިޔާރު ނިޔާޒްގެ އިތުރުން އެ މައްސަލަ ބައްލަވާ ބެންޗުގައި ދެން ތިއްބެވީ ފަނޑިޔާރު ހަސަން ޝަފީއު އަދި ފަނޑިޔާރު ހުސައިން ޝަހީދެވެ.