Roadha Mihaaru

ހެއްކެއް ހާޒިރުނުކޮށް އޮތުމުން މަސްތުވާތަކެތީގެ ބޮޑު ހުކުމެއް ބާތިލްކޮށްފި

ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު ކޮންމެހެން ހާޒިރު ކުރަންޖެހޭ ހެއްކެއް ހާޒިރު ނުކުރަން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.

ހެއްކެއް ހާޒިރުނުކޮށް އޮތުމުން ބޮޑު ހުކުމެއް ބާތިލް
ނާޒިމް ހަސަން
ނާޒިމް ހަސަން

17 ޑިސެމްބަރ 2024

ދަށު ކޯޓުގައި ޝަރީއަތް ހިންގިއިރު ކޮންމެހެން ހާޒިރު ކުރަންޖެހޭ ހެއްކެއް ހާޒިރު ނުކުރަން ނިންމާފައި ވަނީ ގޯސްކޮށް ކަމަށް ކަނޑައަޅައި، މަސްތުވާތަކެތީގެ މައްސަލައެއްގައި އުމުރު ދުވަހަށް ޖަލަށްލާން ކޮށްފައިވާ ހުކުމެއް ބާތިލްކޮށް، އެ މައްސަލަ އަލުން ބަލަން ހައި ކޯޓުން އަންގައިފި އެވެ.

މަސްތުވާތަކެތި ރާއްޖެއަށް އެތެރެކުރި ކަމުގެ ކުށް ސާބިތުވެ އުމުރު ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފައި އޮތީ ގއ. ވިލިނގިލީ، ތިންމާ، އަހުމަދު ޝާފިއުގެ މައްޗަށެވެ. ސްރީ ލަންކާ އިން ރާއްޖެ އައުމަށް ފަހު، އޭނާ މާލެ ފޭބި ވަގުތު ޝައްކު ކުރެވޭތީ ފުލުހުންގެ ބެލުމުގެ ދަށުގައި ޖަލުގައި ހުއްޓާ ދެ ދުވަހެއްގެ މަތިން ބޮޑުކަމުދިޔަ ތަކެތިން 76 ގްރާމްގެ ޑައިމޯފިން ވަނީ ފެނިފަ އެވެ.

ދައުވާ އަށް އިންކާރުކޮށް، ޝާފިއު ބުނެފައިވަނީ އެއީ އޭނާގެ ތަކެތި ނޫން ކަމަށާއި އެ ތަކެއްޗާ އޭނާ ހަވާލުވީ މަޖުބޫރީ ހާލަތެއްގައި ކަމަށެވެ. ފުލުހުން އެ ތަކެތި ހޯދީ އޭނާ އަށް ބިރު ދައްކައި ނުފޫޒު ފޯރުވައި، ބިރުދައްކައިގެން ކަމަށް ކޯޓުގައި އޭނާ ބުނެފައި ވެ އެވެ. ނަމަވެސް، ކްރިމިނަލް ކޯޓުން ވަނީ ހެކިތަކުގެ މައްޗަށް ބަލާއިރު، ޝާފިއުގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި، އުމުރު ދުވަހުގެ ޖަލު ހުކުމެއް އިއްވައިފަ އެވެ. އަދި 100،000ރ. އިން ޖޫރިމަނާ ވެސް ކުރި އެވެ.

ކްރިމިނަލް ކޯޓުގެ އެ ހުކުމް ޝާފިއުގެ ފަރާތުން ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އިއްޔެ އިއްވި ހުކުމްގައި ބުނީ، މި މައްސަލާގައި ހިމެނޭ މަސްތުވާތަކެތީގެ ރިޕޯޓް ތައްޔާރުކުރި ފަރާތުގެ އަތަށް މަސްތުވާތަކެތި ލިބުނު ގޮތް ކަށަވަރު ކުރެވޭނީ އެ ތަހުލީލު ކުރި ފަރާތް ޝަރީއަތަށް ހާޒިރު ކޮށްގެން ކަމަށެވެ. ސުޕްރީމް ކޯޓުގެ ޕްރެކްޓިސް ޑައިރެކްޝަނުގައި ވެސް ކަނޑައަޅާފައި ވަނީ އެ ގޮތަށެވެ.

ކްރިމިނަލް ކޯޓުގެ ހުކުމްގައިވާ ގޮތުން މަސްތުވާތަކެތީގެ ތަހުލީލު ރިޕޯޓްގެ ސައް ހަކަމާ މެދު ޝާފިއުގެ ފަރާތުން ސުވާލު އުފައްދާފައި ނުވެ އެވެ. ނަމަވެސް، އެއީ ތަހުލީލު ކުރި ފުލުހުންގެ އޮފިސަރު ހެކިވެރިއެއްގެ ގޮތުގައި ހާޒިރު ނުކުރަން ޝަރީއަތުން ނިންމި ރަނގަޅު ނިންމުމެއް ނޫން ކަމަށާއި އެ ނިންމުން ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ރަނގަޅު އަސާސްތަކެއްގެ މައްޗަށް ނޫން ކަމަށް ހައި ކޯޓުން ބުންޏެވެ.

އެހެންކަމުން މަސްތުވާތަކެތި ތަހުލީލު ކުރި ފުލުސް މީހާ ހާޒިރުކޮށް، ރިޕޯޓް ކަށަވަރުކޮށް މައްސަލަ އަލުން ބެލުމަށްޓަކައި ދަށު ކޯޓަށް އަލުން ފޮނުވަން ޖެހޭ ކަމަށް ހައި ކޯޓުން ނިންމި އެވެ. މި ހުކުމް އިއްވާފައި ވަނީ މައްސަލަ ބެއްލެވި ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުންނެވެ.