Roadha Mihaaru

ޑްރަގް ވިއްކައި މިލިއަނުން ފައިސާ ލޯންޑާކުރި ކަމަށް ތުހުމަތުވާ ދެ މީހުން އަލުން ހައްޔަރުކޮށްފި

މަސްތުވާތަކެތި ވިއްކައި މަނީ ލޯންޑާކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުގައި ފުވައްމުލަކުން އަތުލައިގަތް މީހުން ހައި ކޯޓުން ދޫކޮށްލުމުން އަލުން އަމުރެއް ނެރެ ހައްޔަރުކޮށްފި އެވެ.

ފުވައްމުލަކު ޑްރަގް ކޭސް: ދެ މީހުން އަލުން ހައްޔަރު
ނާޒިމް ހަސަން
ނާޒިމް ހަސަން

13 ޖެނުއަރީ 2025

މަސްތުވާތަކެތި ވިއްކައި މަނީ ލޯންޑާކުރުމުގައި އިސްކޮށް އުޅޭ ކަމުގެ ތުހުމަތުގައި ފުވައްމުލަކުން އަތުލައިގަތް މީހުން ހައި ކޯޓުން ދޫކޮށްލުމުން އަލުން އަމުރެއް ނެރެ ހައްޔަރުކޮށްފި އެވެ.

މަސްތުވާތަކެއްޗާ ދެކޮޅަށް ފުވައްމުލަކުގައި ފުލުހުން ހިންގި ބޮޑު އޮޕަރޭޝަނެއްގައި މިދިޔަ މަހުގެ 9 ވަނަ ދުވަހު ހައްޔަރުކުރީ ދޫޑިގަން، ކަރަންކާވިލާ އަހުމަދު ނިއުޝާދު، 34، އާއި ދޫޑިގަން، ޒަމާނީވިލާ، ހަސަން އާޒިމް، 29 އެވެ.

އެ މީހުންނާ އެކު އިތުރު ބަޔަކު ހައްޔަރުކުރި ނަމަވެސް މި ދެ މީހުންގެ މައްޗަށް ފުލުހުން ކުރަނީ އެކަމުގައި އިސްކޮށް ހަރަކާތްތެރިވާ ކަމުގެ ތުހުމަތެވެ. އެ މައްސަލައާ ގުޅިގެން ފުވައްމުލަކު މެޖިސްޓްރޭޓުން އެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރި އެވެ. ނަމަވެސް، އެ އަމުރު ހައި ކޯޓުގައި އިސްތިއުނާފު ކުރުމުން އެ ކޯޓުން ކުރި ހުކުމްގައި ބުނީ ތުހުމަތު ކުރެވޭ ކޮންމެވެސް މިންވަރެއްގެ ހެކި ހުރި ކަމަށް ބަޔާން ކުރުމަށް ފަހު، އެ ދެ މީހުން ޝަރީއަތް ނިމެންދެން ބަންދުކުރަން ނިންމުމަކީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 60 ވަނަ މާއްދާއާ ހިލާފު ނިންމުމެއް ކަމަށެވެ. އެހެންވެ، އެ ދެ މީހުން ވެސް ބަންދުން ދޫކޮށްލި އެވެ.

ދެ މީހުން ބަންދުން ދޫވުމާ އެކު ފުވައްމުލަކު ކޯޓުގެ އެހެން އަމުރެއްގެ ދަށުން އިއްޔެ ފުލުހުން ވަނީ ނިއުޝާދާއި އާޒިމް އަލުން ހައްޔަރުކޮށްފަ އެވެ. އެ މީހުން ތިބީ މާލޭގައި ކަމަށް ވާތީ މެޖިސްޓްރޭޓް ކޯޓުގެ އަމުރު ތަންފީޒުކޮށްފައިވަނީ މާލޭގަ އެވެ. އަދި ބަންދާ މެދު ގޮތެއް ކަނޑައަޅަން ކޯޓަށް ގެންދިޔުމުން އާޒިމްގެ ބަންދަށް ހަތް ދުވަސް އަދި ނިއުޝާދުގެ ބަންދަށް 10 ދުވަސް ކްރިމިނަލް ކޯޓުން ވަނީ ދީފަ އެވެ.

ދެ މީހުން ބަންދު ކުރަން ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބުނީ ފުވައްމުލައް ކޯޓުގެ އަމުރު ހައި ކޯޓުން ބާތިލްކޮށްފައި ވިޔަސް، އާ އަމުރެއްގެ ދަށުން އެ މީހުން ހައްޔަރުކުރަން ހުރަހެއް އޮތް ކަމަށް ނުފެންނަ ކަމަށެވެ.

ކޯޓު އަމުރުގައިވާ ގޮތުން އާޒިމްގެ އެކައުންޓުން ފަސް މިލިއަން ރުފިޔާ ރޯލްކޮށްފައިވެ އެވެ. އޭނާއަކީ ދާއިމީކޮށް ވަޒީފާއެއްގައި އުޅުނު މީހެއްކަން އެނގެން ނެތް ކަމަށާއި މުސާރައިގެ ގޮތުގައި ލިބުނު އަދަދުތަކާ ނުބައްދަލު އަދަދުތަކުން އެކައުންޓަށް ޖަމާވެ، އެހެން މީހުންނަށް ފައިސާ ފޯރުކޮށްދީފައިވާ ކަމަށް ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައިވެ އެވެ.

ނިއުޝާދުގެ އެކައުންޓުން ފަސް އަހަރުގެ ތެރޭގައި 21 މިލިއަން ރުފިޔާ ރޯލްކޮށްފައިވާ ކަމަށާއި އޭނާއަކީ ވެސް ދާއިމަށް ވަޒީފާގައި އުޅުނު މީހެއްކަން އެނގެން ނެތް ކަމަށް ފުލުހުން ބުނާ ކަމަށް ވެސް އަމުރުގައިވެ އެވެ.

ފުވައްމުލަކުގައި މިދިޔަ އަހަރުގެ ޖެނުއަރީ 14 ގައި ފެށި "އޮޕަރޭޝަން ވެށި ރައްކަލް" ގައި 58 މީހަކު ހައްޔަރުކޮށް، އެ މީހުންގެ މައްޗަށް 75 މައްސަލައެއް ތަހުގީގުކުރި އެވެ. އޭގެ ތެރެއިން 65 މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކޮށްދޭން އެދި ޕީޖީ އޮފީހަށް ވަނީ ފޮނުވައިފަ އެވެ. ނިއުޝާދާއި އާޒިމަށް ތުހުމަތު ކުރަނީ އެ ނެޓްވޯކްގައި އިސްކޮށް އުޅޭ ކަމުގެ އެވެ.