Roadha Mihaaru

ލިޔުންތައް ހަވާލުކުރަން ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ވެސް ފުލުހުންގެ ބެލުމުގެ ދަށުގައި

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް ހަވާލުކުރަން އޭނާ ކޯޓަށް ހާޒިރު ކުރަން ޖެހުނީ ކޯޓު އަމުރެއް ނެރެގެން ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެ ކޯޓުން ބުނެފި އެވެ.

ޖިހާދު ކޯޓަށް ގެންދަން ޖެހުނީ ފުލުހުންގެ ބެލުމުގެދަށުން
ނާޒިމް ހަސަން
ނާޒިމް ހަސަން

07 ޖެނުއަރީ 2025

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ކުރާ ދައުވާ ބޭރުކޮށްލި މައްސަލައިގެ އިސްތިއުނާފަށް ބޭނުންވާ ލިޔުންތައް ހަވާލުކުރަން އޭނާ ކޯޓަށް ހާޒިރު ކުރަން ޖެހުނީ ކޯޓު އަމުރެއް ނެރެގެން ފުލުހުންގެ ބެލުމުގެ ދަށުން ކަމަށް އެ ކޯޓުން ބުނެފި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރަނީ 2013 ވަނަ އަހަރު އޭނާ ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލުކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ޖިހާދުގެ މައްޗަށް ކުރަނީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލުކުރުމުގެ ދައުވާ އެވެ. އެ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ ދައުލަތުން ވަނީ ހައި ކޯޓުގައި އިސްތިއުނާފުކޮށްފަ އެވެ.

އެ މައްސަލާގައި މިއަދު ހައި ކޯޓުގައި ބޭއްވި އަޑުއެހުމުގައި މައްސަލަ ބައްލަވާ ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު ވިދާޅުވީ މައްސަލައިގެ ލިޔުންތައް ހަވާލުކުރަން ވެސް ޖިހާދު ކޯޓަށް ހާޒިރުކުރަން ޖެހުނީ ފުލުހުންގެ މައްޗަށް އަމުރެއް ނެރެގެން ކަމަށެވެ.

ޖިހާދު ވިދާޅުވީ އޭނާގެ މައްސަލައެއް ކޯޓުގައި އޮތްކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އޭނާ ރާއްޖެ ވަޑައިގަތީ ވެސް މިދިޔަ ބުރާސްފަތި ދުވަހު ކަމަށެވެ. އޭނާގެ ގެއަށް ފުލުހުން ދިޔުމުން ފުލުހުންނާ އެކު ކޯޓަށް ހާޒިރުވެ ވަޑައިގަތް ކަމަށާއި މައްސަލައިގައި ކުރިއަށް ދާން ބޭނުންވަނީ ވަކީލަކާ އެކު ކަމަށް ވިދާޅުވި އެވެ. އެހެންވެ ވަކީލަކު ހޯދައި ލިޔުންތައް ދިރާސާކުރަން ފަސް ދުވަހުގެ ވަގުތު ދެއްވުމަށް ޖިހާދު އެދިވަޑައިގެންނެވި އެވެ.

ނަމަވެސް، ފަނޑިޔާރު ވިދާޅުވީ މިފަދަ މައްސަލަތަކަކީ ކޯޓަށް ހުށަހެޅޭ ތާރީހުން ފެށިގެން 14 ދުވަސް ތެރޭ ނިންމަން ޖެހޭ ބާވަތުގެ މައްސަލައެއް ކަމަށާއި އެހެންކަމުން، ދައުވާ ލިބޭ ފަރާތުން އެދޭ މިންވަރަށް ވަގުތު ދިނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

އިތުރު ވަގުތު ބޭނުންވާ ކަމަށް ޖިހާދު ވިދާޅުވަނީ ލިޔުންތައް އިއްޔެ ލިބުނު ކަމަށް ވިދާޅުވެ އެވެ. ނަމަވެސް، ފަނޑިޔާރު ވިދާޅުވީ ލިޔުންތައް ހިފައިގެން ކޯޓު އޮފިސަރު ޖިހާދު އުޅުއްވާ ގެއަށް ދިޔުމުން އެ ގޭގެ މެއިޑް އެންމެ ފުރަތަމަ ޖިހާދު ގޭގައި އުޅުއްވާ ކަމަށް ބުނެ ފަހުން އައި ފޯނު ކޯލަކާ އެކު ގޭގައި ނޫޅުއްވާ ކަމަށް ބުނެފައިވާ ކަމަށެވެ. ފަނޑިޔާރު ވިދާޅުވި ގޮތުގައި، ފުލުހުންގެ އަމުރެއްގެ ދަށުން ލިޔުންތައް ހަވާލުކުރަން ޖެހުނީ ވެސް ގެއިން ލިޔުންތަކާ ހަވާލު ނުވުމުންނެވެ.

"ބޭރު މީހުން މި ތިބެނީ. އެހެންވީމާ އޭނާއަށް ނޭނގި އޮވެދާނެ. އަޅުގަނޑު އިއްޔެ ލިޔުންތަކާ މި ހަވާލުވީ. ވަކީލެއް ހޯދުމުގެ މަސައްކަތް ވެސް އަޅުގަނޑު ކުރިން،" ޖިހާދު، ފަނޑިޔާރުގެ ވާހަކައަށް ޖަވާބު ދެއްވި އެވެ.

ޖިހާދު ވިދާޅުވީ، އޭނާއަކީ ކޯޓުތަކަށް ފިލައިގެން އުޅޭ މީހެއް ނޫން ކަމަށާއި މީގެކުރިން ވެސް ކޯޓުގެ އެންގުންތަކާ އެއްގޮތަށް ހާޒިރުވެފައިވާ ކަމަށެވެ. ކޯޓަށް އެއްބާރުލުން ނުދޭ ކަމަށް ފަނޑިޔާރުން ވިދާޅުވާތީ، ދެރަވާ ކަމަށް ވެސް ޖިހާދު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ބެންޗުގައި އިންނެވި ފަނޑިޔާރު މުހައްމަދު ނިޔާޒު ވިދާޅުވީ ގާނޫނަކުން ވަކި މުއްދަތެއްގައި މައްސަލަތައް ނިންމަން ކަނޑައަޅާފައިވާއިރު، އަދި އެހެން މައްސަލަތަކުގައި ވެސް އެގޮތަށް އެ ފުރުސަތު ނުދޭތީ ޖިހާދަށް ހާއްސަކޮށް ވަކި އެ ފުރުސަތު ދެވެން ނޯންނާނެ ކަމަށެވެ. އެހެންވެ، ދައުވާއަށް ޖަވާބުދާރީވާން ޖިހާދަށް ތިން ފަނޑިޔާރުން ވެސް އެންގެވި އެވެ.

ނަމަވެސް، ވަކީލަކު ނެތް ކަމާއި އަމިއްލައަށް ގާނޫނީ ނުކުތާތަކަކަށް ޖަވާބުދާރީވާން ނޭނގޭނެ ކަމަށް ވިދާޅުވެ ފުރުސަތު ދެއްވުމަށް ތަކުރާރުކޮށް ޖިހާދު އެދިވަޑައިގެންނެވި އެވެ.

ފަނޑިޔާރުން ނިންމެވީ މައްސަލައިގެ އަޑުއެހުން ކުރިއަށް ގެންދާށެވެ. އަދި ދައުވާއާ ގުޅިގެން ދައުލަތުން ފާހަގަކުރަން ބޭނުންވާ ކަންކަން ފާހަގަކުރަން ފުރުސަތު ދެއްވި އެވެ. ދައުލަތުގެ ވާހަކަތަކަށް ރައްދު ދޭން ދިން ފުރުސަތުގައި ވެސް ޖިހާދު އެދިވަޑައިގެންނެވީ ވަކީލެއްގެ ފުރުސަތު ދެއްވުމަށެވެ.

ނަމަވެސް، ފަނޑިޔާރުން އެ ފުރުސަތު ނުދެއްވައި، މައްސަލައިގެ އަޑުއެހުންތައް ނިންމާލެއްވި އެވެ. އިތުރު ކަމެއް ސާފުކުރަން ނެތް ނަމަ ދެން އޮންނާނީ މައްސަލައިގައި ހުކުމް އިއްވުމެވެ.

ޖިހާދަށް ކުރާ ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމުމުން އެ މައްސަލަ އިސްތިއުނާފް ކުރަން ދައުލަތުން ހުށަހެޅި މައްސަލަ ހައި ކޯޓުން ފުރަތަމަ ބޭރުކޮށްލީ ޖިހާދު ދިރިއުޅުއްވާ އެޑްރެސް ސާފުނުވާ ކަމަށް ބުނެ އެވެ.

ދެވަނަ ފަހަރަށް އެ މައްސަލަ އަލުން ހުށަހެޅުމުން އެ ކޯޓުން ނިންމީ އަލުން މައްސަލަ ހުށަހަޅަން ދިން މުއްދަތު ހަމަވެފައިވާތީ އެ މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. އެ ނިންމުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވެސް ކުރިން އޮތީ ތާއީދުކޮށްފަ އެވެ.

ނަމަވެސް، ހައި ކޯޓުގެ ތިން ފަނޑިޔާރުންގެ ބެންޗަކުން ނިންމާފައިވަނީ އެ މައްސަލަ ބަލައިގަތުމުގެ ހުއްދަ ދޭން ފެންނަ ކަމަށެވެ. އެގޮތަށް ނިންމީ އެ މައްސަލަ އަލުން ހުށަހަޅަން ހައި ކޯޓުން ކުރިން ދިން 15 ދުވަހުގެ މުއްދަތުގެ ތެރޭގައި އެ މައްސަލަ ކޯޓަށް ހުށަނޭޅުނީ ޖިހާދު ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމް ހަމަނުޖެހި، އެ މުއްދަތުގެ ތެރޭގައި އޭނާ ރާއްޖޭން ބޭރަށް ވަޑައިގެންފައިވާތީ ކަމަށް ދައުލަތުން ބުނާތީ އެވެ.

އެއީ އަމިއްލަ ބާރުނުފޯރާ ފަދަ ސަބަބެއް މެދުވެރިވެގެން ހިނގާފައިވާ ކަމަކަށް ވާތީ އެ މައްސަލަ ބަލައިގަތުމަށް ނިންމީ ކަމަށް އެ ނިންމުމުގައިވެ އެވެ.

ހައި ކޯޓުން މިގޮތަށް ނިންމިއިރު، އެ މައްސަލަ ބަލައިނުގަތުމަށް ހައި ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކުރިން ނިންމި މައްސަލަ ދައުލަތުގެ ފަރާތުން ސުޕްރީމް ކޯޓުގައި ވެސް ކުރިން އޮތީ އިސްތިއުނާފުކޮށްފަ އެވެ.