Roadha Mihaaru
ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލުމުން ޕީޖީން ހައި ކޯޓަށް

ޖިހާދަށް ކުރި ދައުވާ ބޭރުކޮށްލި މައްސަލަ ހައި ކޯޓުގައި އިސްތިއުނާފްކޮށްފި

12 އޯގަސްޓް 2024

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ދައުވާ ކުރިއަށް ނުގެންދެވޭނެ ކަމަށް ކްރިމިނަލް ކޯޓުން ނިންމި މައްސަލަ ދައުލަތުން ހައި ކޯޓުގައި އިސްތިއުނާފްކޮށްފި އެވެ.

މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީގެ ޗެއާމަންގެ މަގާމުގައި މިހާރު ހުންނެވި ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއި ކުރެއްވުމުގައި ދައުލަތަށް ފައިދާނުވާ ގޮތަށް އަމަލު ކުރެއްވި ކަމަށް ބުނެ އެވެ. އެ މައްސަލާގައި އެމަނިކުފާނުގެ މައްޗަށް ކުރީ ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ އެވެ.

އެ މައްސަލަ ކްރިމިނަލް ކޯޓުން ކުރިއަށް ނުގެންދެވޭނެ ކަމަށް މިދިޔަ މަހު ނިންމީ ތަހުގީގުގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ.

އެ މައްސަލަ އިސްތިއުނާފް ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ހައި ކޯޓަށް އިއްޔެ ހުށަހަޅާފައިވާ ކަން އެ ކޯޓުން ކަށަވަރުކޮށް ދިނެވެ. ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފްކުރީ ކްރިމިނަލް ކޯޓުގެ ނިންމުން ބިނާކުރި އަސާސެއް ނެތުމާއި އެކަށީގެންވާ މިންވަރަށް ސަބަބު ބަޔާން ކޮށްފައި ނެތުމުން ކަމަށެވެ.

އެހެންވެ، އެ މައްސަލަ އަލުން ދަށު ކޯޓުން ބަލަން އަމުރުކޮށް ދޭން ހައި ކޯޓުގައި އެދިފައިވާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ނައިބު ރައީސަކަށް ޖިހާދު ހުންނެވިއިރު އެމަނިކުފާނު ދިރިއުޅުއްވުމަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް މަގާމުން ވަކިވެ ވަޑައިގަތުމަށް ފަހު ހުސް ނުކުރައްވައި، ބޭނުން ކުރެއްވި ކަމަށް ބުނެ 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.