Roadha Mihaaru
ޖިހާދުގެ މައްސަލަ އިސްތިއުނާފް ކުރަން ގޮތެއް ނިންމަނީ

ޖިހާދުގެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ޕީޖީން ގޮތެއް ނިންމަނީ

29 ޖުލައި 2024

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ ދައުވާ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމުމަށް ދިރާސާ ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދުގެ މައްޗަށް ދައުލަތުން ކުރި ޖިނާއީ ދައުވާ ބޭރުކޮށްލަން ކްރިމިނަލް ކޯޓުން ނިންމި ނިންމުން އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމުމަށް ދިރާސާ ކުރަމުންދާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ޖިހާދުގެ މައްޗަށް ދައުލަތުން ދައުވާކުރީ 2013 ވަނަ އަހަރު ފިނޭންސް މިނިސްޓަރަކަށް ހުންނެވިއިރު ފުށިދިއްގަރުފަޅުގެ އެއްބަސްވުމުގައި އޭނާ ސޮއި ކުރެއްވުމުގެ މައްސަލައިގަ އެވެ. އޭނާއަށް ދައުވާކުރީ ފުށިދިއްގަރުފަޅު ތަރައްގީކުރަން ބޭރުގެ ކުންފުންޏަކާ އެކު ޖޮއިންޓް ވެންޗާ އެއްބަސްވުމެއްގައި ސޮއި ކުރިއިރު، ދިވެހި ސަރުކާރުގެ ލަފައާ ހިލާފަށް، ސަރުކާރަށް 25 ޕަސެންޓް ހިއްސާ އެކަނި ލިބޭ ގޮތަށް އެއްބަސްވުމުގައި ސޮއި ކުރެއްވި ކަމަށް ބުނެ އެވެ.

އެ މައްސަލާގައި ދައުލަތަށް ފައިދާވާން އޮތް ކަމެއްގައި އެ ނޫން ގޮތަކަށް އަމަލު ކުރުމުގެ ދައުވާ ދައުލަތުން ކުރި ނަމަވެސް، ކްރިމިނަލް ކޯޓުން މިދިޔަ ބުރާސްފަތި ދުވަހު ވަނީ އެ މައްސަލަ ކުރިއަށް ނުގެންދެވޭނެ ކަމަށް ނިންމައިފަ އެވެ. އެއީ ތަހުގީގު މަރުހަލާގައި ގޯސްތަކެއް ހަދާފައިވާތީ ކަމަށް ބުނެ އެވެ.

ޕީޖީ އޮފީހުން ބުނީ އެ މައްސަލަ އިސްތިއުނާފް ކުރުމާ މެދު ގޮތެއް ނިންމުމަށްޓަކައި ދިރާސާ ކުރަމުން އަންނަ ކަމަށެވެ. އަދި އިސްތިއުނާފްގެ މުއްދަތު އަންނަ މަހު ހަމަވުމުގެ ކުރިން އެ މައްސަލާގައި ގޮތެއް ނިންމާނެ ކަމަށް އެ އޮފީހުން ބުންޏެވެ.

ޖިހާދަކީ ސަރުކާރުން އުފައްދާފައިވާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭޝަލް ސާވިސް އޮތޯރިޓީ (އެމްއައިއެފްއެސްއޭ) ގެ މިހާރުގެ ޗެއާޕާސަނެވެ.

މީގެކުރިން ނައިބު ރައީސްގެ މަގާމުގައި ހުންނެވިއިރު، އޭނާއަށް ދައުލަތުން ދޫކުރި ރެހެންދި ފްލެޓް ބޭނުން ކުރެއްވި މުއްދަތަށް 1.1 މިލިއަން ރުފިޔާ ހޯދަން ވެސް ދައުލަތުން ކުރިން ދައުވާކުރި އެވެ. އެކަމަކު އެ މައްސަލަ ފަހުން ވަނީ އަނބުރާ ގެންގޮސްފަ އެވެ.