Roadha Mihaaru
ކޯޓުން ދޫކޮށްލި ދެ މީހަކު އަލުން ހައްޔަރުކޮށްފި

ކޯޓުން ދޫކޮށްލި ދެ މީހަކު އަލުން ހައްޔަރުކޮށްފި

08 ޖުލައި 2021

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އޭގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކޮށްފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހަރުކަށި ފިކުރާ ދެކޮޅަށް ފުލުހުންނާއި ސިފައިން ހިންގި އޮޕަރޭޝަންގެ ތެރެއިން ހައްޔަރުކުރި ތިން މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން އޭގެ ތެރެއިން ދެ މީހަކު އަލުން ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވީ އެ ދެމީހުން އަލުން ހައްޔަރުކޮށްފައި ވަނީ ކޯޓު އަމުރެއްގެ ދަށުން ރޭގެ ވަގުތެއްގައި ކަމަށެވެ.

އެނގިފައިވާ ގޮތުގައި އެ މީހުން އަލުން ހައްޔަރުކުރީ އާ ތުހުމަތުތަކަކަށެވެ.

މި ތިން މީހުން ވެސް ހައްޔަރުކުރީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދަށް ދިން ޓެރަރިސްޓް ހަމަލާ އަށް ފަހު ފުލުހުން ހިންގާ ތަހުގީގުގެ ތެރެއިން ލިބުނު މައުލޫމާތުގެ މައްޗަށް ކަމަށެވެ. ނަމަވެސް މި ތިން މީހުންނަކީ ނަޝީދަށް ހަމަލާ ދިނުމާ ސީދާ ގުޅުން ހުރެގެން އޭރު ހައްޔަރުކުރި މީހުން ނޫން ކަމަށް ވަނީ ބުނެފަ އެވެ.

ހައްޔަރުކުރި ތިން މީހަކު ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުގެ ގާޒީ ހަސަން ސައީދު ނިންމި ނިންމެވުމުން އެކަން ހައި ކޯޓުގައި އިސްތިއުނާފުކުރާނެ ކަމަށް ވެސް ޕީޖީން އިއްޔެ ބުންޏެވެ.

އަލުން ހައްޔަރުކުރި މީހުންނާ ބެހޭ މައުލޫމާތެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

ކްރިމިނަލް ކޯޓުގެ އޮފިޝަލަކު "މިހާރު" އަށް ވިދާޅުވެފައި ވަނީ، އިއްޔެ ތިން މީހުން ދޫކޮށްލަން އަމުރުކުރީ ބަންދުގައި ތިބޭތާ 40 ދުވަސް ވީއިރު، އިތުރު ހެއްކެތް ފުލުހުންގެ ފަރާތުން ހުށަހަޅާފައި ނުވާތީ ކަމަށެވެ.

ނަޝީދު އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތަށް އަށް މީހަކު ފުލުހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން މިހާތަނަށް ވަނަވަރު އާންމު ކުރީ ފަސް މީހެއްގެ އެވެ. އެއީ ވ. ތިނަދޫ، ހިޔާ، އަދުހަމް އަހުމަދު ރަޝީދާއި މއ. ފޭރުގޭ މުޖާޒް އަހުމަދާއި ގއ. ކޮނޑޭ، ފޮޅޭމާ ތަހުމީން އަހުމަދު އަދި ލ. ގަން ދުންފިނިއުފާ އަހްމަދު ފާތިހުގެ އިތުރުން ނ. މަނަދޫ، ނޫރީގެ، އަލީ ހައިޝަމް އެވެ.

ޓެރަރިސްޓް ހަަމަލާ އިން ލިބުނު ޒަހަމްތަކާ ގުޅިގެން ބޮޑެތި އޮޕަރޭޝަންތަކެއް ނަޝީދު ވަނީ އޭޑީކޭ ހޮސްޕިޓަލްގަ އާއި ޖަރުމަނުގައި ވެސް ކުރައްވައިފަ އެވެ. އެ މަނިކުފާނު މިހާރު ހުންނެވީ އިތުރު ފަރުވާ ހޯއްދަވަން އިނގިރޭސި ވިލާތުގަ އެވެ.