Roadha Mihaaru
ކޮވިޑްގެ އާ ވޭރިއަންޓަށް "އޮމިކްރޯން" ކިޔާތީ ކޯޓަށް

ކޮވިޑްގެ އާ ވޭރިއަންޓަށް "އޮމިކްރޯން" ކިޔާތީ ވިޔަފާރިއަކުން ޑަބްލިއުއެޗްއޯއާ ދެކޮށް ކޯޓަށް

06 ޑިސެމްބަރ 2021

ކޮވިޑް-19 ގެ އެންމެ ފަހުގެ ވޭރިއަންޓަށް އޮމިކްރޯން ކިޔާތީ ސައިބީރިއާގެ ވިޔަފާވެރިޔަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ރަޝިއާގެ ބްރާންޗަށް ދައުވާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ އެންމެ ފަހުގެ ވޭރިއަންޓަށް އޮމިކްރޯން ކިޔާތީ ސައިބީރިއާގެ ވިޔަފާވެރިޔަކު ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ ރަޝިއާގެ ބްރާންޗަށް ދައުވާކޮށްފި އެވެ.

އޮމިކްރޯން ނެޓްވޯކްސް އޮފް އޮފްތަމޮލޮޖީ ކްލިނިކްސްގެ ނަމުގައި ސިއްހީ ހިދުމަތްތަކެއް ދެމުން އަންނަ ކުންފުނިން ޑަބްލިއުއެޗްއޯގެ ރަޝިއާގެ ގޮތްޕަށް ދައުވާކުރަން މޮސްކޯ އާބިޓްރޭޝަން ކޯޓަށް ހުށަހެޅީ މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ.

އޮމިކްރޯން ނެޓްވޯކްސްގެ ސީއީއޯ އެލެގްޒެންޑާ ޕާޑާ ވިދާޅުވީ "އެމިކްރޯން" އެ ނަމަކީ އޭނާގެ ވިޔަފާރީގެ ޓްރޭޑްމާކް ކަމަށާއި އެ ނަން ކޮވިޑްގެ ވޭރިއަންޓަކަށް ކިޔުމަކީ ވިޔަފާރި ހަލާލުކޮށްލުމުގެ އަމަލެއް ކަމަށެވެ. އަދި ދެކުނު އެފްރިކާ އިން ފެނުނު ކަމަށް ބުނާ ވޭރިއަންޓަށް ރަސްމީކޮށް "އޮމިކްރޯން" ކިޔަން ފެށި ފަހުން ވިޔަފާރި ވަރަށް ބޮޑަށް އަސަރުކޮށް، މާލީ ގޮތުން ވެސް ގެއްލުންވަމުންދާ ކަމަށް ވިދާޅުވި އެވެ.

"އޮމިކްރޯން ޓްރޭޑްމާކެއްގެ ގޮތުގައި ރަޖިސްޓްރީކޮށް އަހަރެމެންނަކީ ބޭހާއި ހެލްތުކެއާ ހިދުމަތް ދެމުން އަންނަ ބައެއް. އެކަމަކު ކޮވިޑްގެ ވޭރިއަންޓަކަށް އޮމިކްރޯން ކިޔައިގެން އަހަރެމެންގެ ވިޔަފާރިި ދަނީ ހަލާކުކުރަމުން،" ޕާޑާ ވިދާޅުވި އެވެ. "އަހެރެމެންގެ ވިޔަފާރި އަށް ކިޔާ ނަން ޑަބްލިއުއެޗްއޯ އިން މިހާރު ބޭނުންކުރާ ގޮތުން ވިޔަފާރީގެ ރެޕިއުޓޭޝަނަށް ވެސް ވަނި އަސަރުކޮށްފައި. އެ ނަން އެގޮތަށް ބޭނުން ކުރާ ނަމަ ބްލެކްލިސްޓްކުރެވެން ޖެހޭނެ."

މޮސްކޯ އާބިޓްރޭޝަން ކޯޓް.

މޮސްކޯ އާބިޓްރޭޝަން ކޯޓް.

އޭނާ ވިދާޅުވި ގޮތުގައި މިކަމަކާ ހެދި ދެން ކޮވިޑާ ހުޅުން ހުރި ހިދުމަތެއް ހޯދަން ވެސް ކްލިނިކަށް ބަޔަކު ޒިޔާރަތް ނުކޮށްފާނެ ކަމުގެ ބިރު އެބައޮތެވެ.

"މިއީ ވަރަށް ބޮޑު އިންވެސްޓްމަންޓެއްކޮށްގެން ފެށި ވިޔަފާރިއެއް. އެކަމަކު މިހާރު ދުނިޔޭގެ ބޮޑު ޖަމާއަތަކުން ޒިންދާރުކަން ކުޑަކޮށް ކުރި ކަމަކާ ހެދި އަހަރެމެންގެ ވިޔަފާރި މިހާރު އޮތީ އެއްކޮށް ހަލާކުވުމުގެ ތުންފަތް މަތީގައި،" ޕާޑާ ވިދާޅުވި އެވެ. "މީގެ ސަބަބުން ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ލިބޭނެ."

މިކަމާ ގުޅިގެން ޑަބްލިއުއެޗްއޯ އިން މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ.